އަޅުގަނޑުމެންގެ މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމެވެ. މިގޮތުން، އަޅުގަނޑުމެން ވަޒީފާގެ ފުރުޞަތު ހޯދުމަށް އެދޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރު ޤާއިމްކޮށް ބަލަހައްޓައި، އެފަރާތްތަކުގެ ފަންކްޝަނަލް އެސެސްމަންޓްތަކާއި ވަޒީފާގެ ޕްރޮފައިލްތައް ތައްޔާރުކުރަމެވެ. އަދި ވަޒީފާގެ މާޙައުލުގައި ކާމިޔާބުވުމަށް ބޭނުންވާ ހުނަރުތައް ތަރައްޤީކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއެކު، ސަރުކާރުގެ އެކި މުއައްސަސާތަކާއި ސަރުކާރު ޙިއްސާވާ ކުންފުނިތަކާ ގުޅިގެން ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް މަސައްކަތްކުރަމެވެ. މީގެއިތުރުން، ވަޒީފާދޭ ފަރާތްތަކަށް ނުކުޅެދުންތެރިކަމާ ގުޅޭގޮތުން އަހުލުވެރިކުރުމަށް 'އިންކްލޫސިވިޓީ ޓްރެއިނިންގ' ޕްރޮގްރާމްތައް ހިންގައި، ހުރިހާ ފަރާތަކަށްވެސް ހަމަހަމަ މާޙައުލެއް ޤާއިމްކުރުމަށް އެހީތެރިވަމެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހޯދައިދިނުމަށްޓަކައި ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކާ ގުޅިގެން ޚާއްޞަ ވަޒީފާގެ ކޯޓާތަކެއް ކަނޑައެޅި، ފަންނީ ތަމްރީންތަކާއި ވަޒީފާއަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް މަސައްކަތްކުރެވެއެވެ. އަދި ވަޒީފާދޭ ފަރާތްތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ "އިންކްލޫސިވް ވޯކްޕްލޭސް" ތަމްރީންތައް ދަނީ ކުރިއަށް ގެންދެވެމުންނެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ކަށަވަރުކުރުމަށް 5 އަހަރުގެ "ނޭޝަނަލް އެކްޝަން ޕްލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަން" އެކުލަވާލެވި، ޞިއްޙީ، ތަޢުލީމީ، އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ކަމާބެހޭ ވުޒާރާތަކާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ތަމްސީލުކުރާ ޖަމްޢިއްޔާތަކާއެކު މަސައްކަތްކުރެވެމުންދެއެވެ.

ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމެއްގައި ވަކިވަކި އާބާދީތަކުގައި ދިރިއުޅެމުންދާ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އިސްރައްވެހިންނަށް އެކަށީގެންވާ ގޮތެއްގައި ވަށާޖެހިފައިވާ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި މި ޕްރޮގްރާމް ވަނީ ފަރުމާކުރެވިފައެވެ. ރާއްޖޭގެ ތަފާތު ރަށްރަށުގައި ދިރިއުޅެމުންދާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކަށޭނަ ޚިދުމަތްތައް ލިބުމަކީ ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމެކެވެ. އެހެންކަމުން، މި ޕްރޮގްރާމްގެ ސަބަބުން ކޮންމެ ރަށެއްގައިވެސް ލިބެންހުރި ވަޞީލަތްތައް ބޭނުންކުރެވި، ދުރާލާ ރޭވިގެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމާއި އެފަރާތްތަކަށް ދިމާވާ ތަފާތުކުރުންތައް "ވިޔަނުދިނުން" ގެ އަމާޒުގައި، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްއިން ދަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަކާލާތުކޮށް، އެފަރާތްތަކުގެ އަޑު އުފުލައިދިނުމަށް މަސައްކަތްކުރަމުންނެވެ. މުޖުތަމަޢުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާމެދު ގެންގުޅޭ ނޭދެވޭ ވިސްނުންތައް ބަދަލުކޮށް، އެފަރާތްތަކަކީވެސް މުޖުތަމަޢުގެ އެހެން ފަރާތްތަކެކޭ އެއްފަދައިން ޙައްޤުތަކެއް ލިބިގެންވާ ބައެއްކަން ހާމަކުރުމަށް "ވިޔަނުދިނުން" ގެ ދަށުން އަމާޒު ހިފިފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭ ސިޔާސަތުތައް ތަންފީޛުވަމުންދާ މިންވަރު ބަލައި، އެކަންކަން ހިންގުމަށްޓަކައި ޤާނޫނު ނަމްބަރު 2010/08 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނ) ގެ 4 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ކައުންސިލެކެވެ.

މި ވުޒާރާއިން ހުޅުމާލޭ ފޭސް 2 ގައި ކުރިއަށް ގެންދިޔަ 'ޙާލު ކިހިނެއް؟' ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވުނު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންގެ ތެރެއިން ނަފްސާނީ އެހީތެރިކަމާއި، ބެލެނިވެރިކަމުގެ ހުނަރުތައް ދެނެގަންނަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްގެން 'ސަޕޯޓް ގްރޫޕްތައް' ހިންގަން ފަށައިފި. މިއީ މޮމްސް އެއިޑާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް. މި ޕްރޮގްރާމުގެ ފުރަތަމަ ބެޗުގެ ބައިވެރިންނާ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވަނީ ބައްދަލުކުރައްވައި، ނުކުޅެދުންތެރިކަން ހުންނަ ކުދިން ބެލެހެއްޓުމުގައި ބެލެނިވެރިންގެ ފަރާތުން ފެންނަ އޯގާތެރިކަމާއި ކެތްތެރިކަން ފާހަގަކޮށް ބެލެނިވެރިންނަށް ހިތްވަރުދެއްވާފަ.

2ވަނަަ ފަންގިފިލާ، އުމަރު ޒާހިރު އޮފީސް އިމާރާތް، ހުޅުމާލެ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

© 2025 އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ
1x