ޑރ. އާއިޝަތު ޝިހާމަކީ އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރުކަމުގެ މަޤާމު މިހާރު އަދާކުރައްވަމުން ގެންދަވާ އަދި ސޮސައިޓީ ފޮރ ހެލްތު އެޑިޔުކޭޝަން (ޝީ) ގެ ޗެއަރޕަރސަންގެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. ޑރ. އާއިޝަތު ޝިހާމް ވަނީ ސަރުކާރުގެ އަދި އިޖްތިމާޢީ ޚިދުމަތް ދިނުމުގެ ދާއިރާގެ އިސް މަޤާމުތަކެއް ފުރުއްވާފައެވެ. މިގޮތުން އަންހެނުން ބާރުވެރިކުރުމާއި މިންތީގެ ހަމަހަމަކަން ގާއިމްކުރުމުގެ ސިޔާސަތުތައް އެކުލަވާލުމާއި އިޖްތިމާޢީ ހިދުމަތް ދިނުމުގެ ދާއިރާގެ ކަންކަން ވިލަރެސްކޮށް ތަންފީޒް ކުރައްވަމުން ގެންދަވާ ވުޒާރާގެ މުހިންމު ފަންނީ މަޤާމުތަކާއި، 2004 ވަނަ އަހަރު އިންޑިއަން އޯޝަން ސުނާމީގެ ފަހުން ގާއިމުކުރެވުނު ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓްގެ މަސައްކަތްތައް އިސްކޮށް ބެލެހެއްޓުމާއި، ޒުވާނުންނާއި ކުޅިވަރާބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރުކަމާއި، އަދި ތަޢުލީމާބެހޭ ވަޒީރުކަން ހިމެނެއެވެ. ޑރ. އާއިޝަތު ޝިހާމް ވަނީ "ނޯ ޗައިލްޑް ލެފްޓް ބިހައިންޑް" ފަދަ ގިނަ މުހިންމު ކެމްޕޭންތަކެއް ހިންގުމުގައި އިސްކޮށް މަސައްކަތް ކޮށްފައެވެ. މިފަދަ މަސައްކަތްތަކުގެ ސަބަބުން 2018 ވަނަ އަހަރާ ހަމައަށް ޤައުމީ ލިޔަންކިޔަން ދަންނަ މީހުންގެ ނިސްބަތް 97 އިންސައްތައަށް ވަނީ އިތުރުވެފައެވެ.
މިނިސްޓަރ ޑރ. އާއިޝަތު ޝިހާމަކީ ނިއު ސައުތު ވޭލްސްގެ ސައިކޮލޮޖިސްޓުންގެ ރަޖިސްޓްރޭޝަން ބޯޑުގައި ރަޖިސްޓަރީ ކުރެވިފައިވާ ސައިކޮލޮޖިސްޓެކެވެ. އަދި ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ސެޓިފައިޑް ކައުންސެލަރުންގެ ތެރެއިން އެއް ބޭފުޅެކެވެ. ޑރ. އާއިޝަތު ޝިހާމް ވަނީ އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް ނިއުކާސަލްއިން ސައިކޮލޮޖީގެ ދާއިރާއިން ޕީ.އެޗް.ޑީ ހާސިލުކުރައްވާފައެވެ. އަދި އޮސްޓްރޭލިއާގެ މެކްކުއަރީ ޔުނިވަރސިޓީއިން ކައުންސެލިންގ ސައިކޮލޮޖީގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައެވެ. މީގެ އިތުރުން ޔުނިވަރސިޓީ އޮފް ދަ ސައުތު ޕެސިފިކްއިން ގައިޑަންސް އެންޑް ކައުންސެލިންގގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކުރައްވާފައިވެއެވެ.

2ވަނަަ ފަންގިފިލާ، އުމަރު ޒާހިރު އޮފީސް އިމާރާތް، ހުޅުމާލެ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

© 2025 އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ
1x