Ministry of Social and Family Development Logo

ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމް

Decorative Image

ދިވެހިރާއްޖެ ފަދަ ޖަޒީރާ ޤައުމެއްގައި ވަކިވަކި އާބާދީތަކުގައި ދިރިއުޅެމުންދާ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އިސްރައްވެހިންނަށް އެކަށީގެންވާ ގޮތެއްގައި ވަށާޖެހިފައިވާ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަގުސަދުގައި މި ޕްރޮގްރާމް ވަނީ ފަރުމާކުރެވިފައެވެ. ރާއްޖޭގެ ތަފާތު ރަށްރަށުގައި ދިރިއުޅެމުންދާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކަށޭނަ ޚިދުމަތްތައް ލިބުމަކީ ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމެކެވެ. އެހެންކަމުން، މި ޕްރޮގްރާމްގެ ސަބަބުން ކޮންމެ ރަށެއްގައިވެސް ލިބެންހުރި ވަޞީލަތްތައް ބޭނުންކުރެވި، ދުރާލާ ރޭވިގެން ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ.

މި ޕްރޮގްރާމް މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ނާޒުކު ޙާލަތުގައި ދިރިއުޅެމުންދާ އިސްރައްވެހިންނަށް ރަށުގައި ލިބެންހުރި ވަޞީލަތްތައް ބޭނުންކޮށްގެން، ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް އެހީތެރިކަން ފޯރުކޮށްދެވިގެންދާނެއެވެ. މީގެތެރޭގައި ބޭސިކް ޞިއްޙީ ޚިދުމަތްތައް، ދުވަހުން ދުވަހަށް ދިރިއުޅުމަށް ބޭނުންވާ އަސާސީ މަޢުލޫމާތާއި ހުނަރު ދަސްކޮށްދިނުން، އަދި މުޖުތަމަޢުގައި ބައިވެރިވުމަށް ބޭނުންވާ އެހީތެރިކަން ހިމެނެއެވެ. މި ޕްރޮގްރާމްގެ އަމާޒަކީ މި ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އަމިއްލައަށް ބަރޯސާވެ ދިރިއުޅުމަށް ބާރުއެޅުމެވެ.

މިގޮތުން، މި އެހީތެރިކަން ފޯރުކޮށްދޭނީ ރަށްރަށުގައި ޤާއިމްވެފައިވާ އިބަމަ ގްރޫޕްތަކުގެ އިތުރުން، ރަށުގައި ހަރަކާތްތެރިވާ އިޖުތިމާޢީ ކަންކަމުގައި އެކްޓިވް ޖަމުޢިއްޔާތަކުގެ ފަރާތްތަކަށް ސީ.ބީ.އާރު ޕްރޮގްރާމްގެ ދަށުން ފޯރުކޮށްދެވޭނެ އެހީތެރިކަމާއި ގުޅޭ ތަމްރީންތައް ފޯރުކޮށްދެވިގެންދާނެއެވެ. މި ތަމްރީން ޕްރޮގްރާމްތަކުގައި އެކި ބާވަތުގެ ނުކުޅެދުންތެރިކަމާބެހޭ މަޢުލޫމާތު، ރިހެބިލިޓޭޝަން ދާއިރާގެ އަސާސީ އުޞޫލުތައް، އަދި ރަށުފެންވަރުގައި ދިރިއުޅޭ ފަރާތްތަކަށް އެހީތެރިވުމަށް ބޭނުންކުރެވޭނެ ޢަމަލީ ހުނަރުތައް ދަސްކޮށްދެވޭނެއެވެ.

މިތަމްރީން ޕްރޮގްރާމްތައް ރަށު ފެންވަރުގައި ހިންގާނެ ފަރާތްތަކަށް ބޭނުންވާ ޓްރެއިނިނގް އޮފް ޓްރެއިނަރސް ތަމްރީން ޕްރޮގްރާމް ވަނީ 22 އޭޕްރީލް 2025 އިން 24 އޭޕްރީލް 2025 ގެ ނިޔަލަށް ކުރިއަށް ގެންދެވިފައެވެ. މިތަމްރީން ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ މިނިސްޓްރީގެ ފަރާތުން ނާޒުކު ޙާލަތުގައި ދިރިއުޅެމުންދާ ފަރާތްތަކާއެކީ މަސައްކަތްކުރައްވާ ސެކްޝަން ތަކުގެ މުވައްޒަފުންގެ އިތުރުން ގެސްޓް ފެސިލިޓޭޓަރސްއެވެ. މި ތަމްރީނުގައި ލިބިގެންދިޔަ މަޢުލޫމާތާއި ހުނަރުތައް ބޭނުންކޮށްގެން، މުޅި ރާއްޖެއަށް ފުޅާކޮށް ޕްރޮގްރާމްތައް ބައްޓަންކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

މި ޕްރޮގްރާމުގެ ނަޠީޖާއެއްގެ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ނާޒުކުހާލުގައިވާ ފާރާތްތައް ދެނެގަނެވި އެފަރާތްތަކަށް ބޭނުންވާ އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދެވުމާއި މިފަދަ ފަރާތްތައް އެކަށޭނަ މާހައުލެއް މުޖުތަމަޢުގެ ހުރިހާ ދާއިރާއެއްގައި ގާއިމުކުރުމަށް ބާރުއެޅިގެން ދާނެއެވެ. ކޮމިއުނިޓީ ބޭސްޑް ރިހިބިލިޓޭޝަން ޕްރޮގްރާމް ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް ޤާއިމްކުރެވިގެންދާނެއެވެ. މީގެ ސަބަބުން ކޮންމެ ރަށެއްގައިވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ނަފްސާނީ، ޖިސްމާނީ އަދި އިޖުތިމާޢީގޮތުން ބޭނުންވާ އެހީތެރިކަން ލިބިގެންދާނެއެވެ. މި ޕްރޮގްރާމްގެ އަމާޒަކީ ހުރިހާ ދިވެހި ރައްޔިތުންނަށްވެސް އެއްހަމައެއްގައި ފުރުޞަތުތައް ލިބި، ކަރާމާތްތެރި ދިރިއުޅުމެއް އުޅުމަށް މަގުފަހިކުރުމެވެ.

Maldives Coat of Arms

© 2025 އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

1x