އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ)އަކީ ރަށްރަށުގައި އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ގުޅުންހުރި މުއައްސަސާތަކާއެކު ވިލަރެސްކުރެވިފައިވާ ނިޒާމެއްގެ ތެރެއިން ކުރުމަށްޓަކައި އުފައްދާ ގްރޫޕްތަކެކެވެ.
އިބަމަގެ މަސައްކަތްތަކުގެ ތެރޭގައި ވިޔަނުދިނުމާއި ރައްކާތެރިކަމުގެ ނަޒަރުން ވިސްނައިގެން ފަޚުރުވެރި އާއިލާތަކެއް އަދި ދުޅަހެޔޮ މުޖްތަމަޢެއް ބިނާކުރުމަށްޓަކައި އެންމެހާ ހިއްސާދާރުން ގުޅިގެން، ވަށާޖެހޭ ގޮތެއްގައި މަސައްކަތް ކުރުމުގެ ތެރެއިން މުޖްތަމަޢުގެ އިޖްތިމާޢީ ހާލަތު ދެނެގަނެ، މުޖުތަމަޢުގައި ދިރިއުޅޭ ފަރާތްތަކަށް ލިބިދޭންޖެހޭ އަސާސީ އިޖްތިމާޢީ ޚިދުމަތްތައް ކަމާބެހޭ ދާއިރާތަކާއިއެކު ވިލަރެސްކޮށް ފޯރުކޮށްދިނުމާއި؛ އަދި އެފަދަ ޚާއްޞަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ލިބޭ އަނިޔާ ހުއްޓުވައި، ރައްކާތެރި މުޖުތަމަޢެއް ކަށަވަރު ކޮށްދިނުމާއި؛ އާންމު ފަރުދުންނާއި އާއިލާތަކާއި މުއައްސަސާތަކުގެ ދެމެދުގައި ދުޅަހެޔޮ ގުޅުންތައް އުފެއްދުމަށް އެހީތެރިވެދީ ބާރުއެޅުން ހިމެނެއެވެ.
އިބަމައިގެ މެންބަރުންގެ ގޮތުގައި ކޮންމެ ރަށެއްގައިވެސް ތިބޭނީ އެ ރަށެއްގައި އިޖުތިމާޢީ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ދައުލަތުގެ އިދާރާތަކުން އިބަމައިގައި އެ އިދާރާއެއް ތަމްސީލުކުރުމަށް ކަނޑައަޅާ މުވައްޒަފުންނެވެ. ކޮންމެ ރަށެއްގެ އިބަމައިގައިވެސް މަދުވެގެން 07 ނުވަތަ 08 މެންބަރުން ހިމެނޭނެއެވެ. އޭގެ ތެރޭގައި ސިޓީ/ރަށު ކައުންސިލް އިދާރާ ތަމްސީލްކުރާ 04 މެންބަރުންގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ، ސްކޫލް، ހޮސްޕިޓަލް/ސިއްހީ މަރުކަޒު އަދި ފުލުހުންގެ ޚިދުމަތް، މިއިން ކޮންމެ މުއައްސަސާއަކުން އެއް މެންބަރަކު އިބަމައިގައި ހިމެނޭނެއެވެ.


އިބަމައިގެ މެންބަރުންނަކީ ކޮންމެ ރަށެއް/ސިޓީއެއްގައި ގާއިމުކޮށްފައިވާ ތިރީގައިވާ އިދާރާތަކުގެ ބަޔާންކޮށްފައިވާ މަގާމުގައި ހުންނަ ފަރާތް ނުވަތަ ނުވަތަ އެމަގާމު ފުރަމުންދާ ފަރާތެވެ.
އިބަމަގެ މެންބަރުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭނީ ކޮންމެ މެންބަރެއްގެވެސް ރަސްމީ ވަޒީފާ ބަޔާނުގައި ކަނޑައެޅިފައިވާ ކަންތައްތަކާއި ގުޅޭ، ތިރީގައިވާ ކަންކަމެވެ.
ޔުނިސެފްގެ އެހީގައި މި މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދާ މި ތަމްރީނު ޕްރޮގްރާމަކީ ކޮންމެ ރަށެއްގައިވެސް އިބަމަ މެންބަރުންގެ ގޮތުގައި ކަނޑައަޅާ އިބަމަ މެންބަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ތަމްރީނު ޕްރޮގްރާމުގައި އިބަމަ ގްރޫޕްތައް
ރަށްރަށުގައި ޤާއިމުކުރުމުގެ ބޭނުމާއި، އިބަމައިގައި ހިމެނޭ މެންބަރުންގެ ޒިންމާއާއި، އަދާކުރަންޖެހޭ ދައުރާއި، އިޖުތިމާޢީ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތުގައި އިބަމައިގައި ހިމެނޭ މެންބަރުން ސަމާލުކަންދޭންވީ ކަންކަމާއި އަދި އިބަމައިގެ މުހިންމު މަފްހޫމްތަކާ ގުޅޭފޮތުން ވަރަށް ތަފްސީލީ ގޮތެއްގައި ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދެވެއެވެ. އަދި، ރަށްރަށުގައި ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތައް ދެނެގަންނާނެ ގޮތާއި، އެފަރާތްތަކުގެ ހާލަތު ރަގަޅުކުރުމަށް ކުރެވޭ މަސައްކަތުގައި އިބަމައިގެ މެންބަރުންނަށް ކުރެވޭނެ ކަންކަމާއި، އެ މަސައްކަތްތައް ކުރުމަށް މެންބަރުންނަށް ބޭނުންވާނެ ތަފާތު އެކި ހުނަރާއި ގުޅޭގޮތުންވެސް މި ތަމްރީނު ޕްރޮގްރާމްގައި ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދެވެއެވެ. މީގެ އިތުރުން ހަމަ މި ޕްރޮގްރާމްގެ ތެރެއިން ރަށްރަށުގައި ދިރިއުޅޭ ނާޒުކު ހާލަތުގައި ތިބި ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން އެ ފަރާތްތަކުގެ ހާލަތު ވަޒަންކުރާނެ ގޮޔާއި، ހާލަތު ރަގަޅުކުރުމަށްޓަކައި އަޅާނެ ފިޔަވަޅުތަކާއި ގުޅޭ ޕްލޭން އެކުލަވާލައި ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ މަޢުލޫމާތުވެސް ބައިވެރިންނަށް ފޯރުކޮށްދެއެވެ.
އިބަމަ ގްރޫޕްތައް އުފެއްދުމަށްޓަކައި ބާއްވާ ތަމްރީނު ޕްރޮގްރާމް ނިމުމުން މި މިނިސްޓްރީގެ ފަރާތުން ތަމްރީން ޕްރޮގްރާމް ކުރިއަށްގެންދިޔުމަށްދާ ޓީމުގެ މެންބަރުންނާއެކު، ތަމްރީނުކުރެވޭ އިބަމަ މެންބަރުން އެ މެންބަރުން ނިސްބަތްވާ ރަށްރަށަށް ގޮސް އެ ރަށްރަށުގައި ތިބި ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތައް ދެނެގަނެ އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކޮށް ތައްޔާރުކުރާ ޕްލޭން އެކުލަވާލުމުގެ ޢަމަލީ މަސައްކަތް ފަށާނެއެވެ. މިގޮތުން އެ ރަށްރަށުގައި ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން އެހީތެރިކަން ބޭނުންވާ ހުރިހާ ފަރާތްތައް ލިސްޓްކުރުމާއި، އޭގެ ތެރެއިން ބައެއް ފަރާތްތަކުގެ އެސެސްމަންޓް ހަދައި، އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްކުރާނެ ގޮތުގެ ޕްލޭން އެކުލަވާލުމުގައި އިބަމަ މެންބަރުންނަށް އެހީތެރިވެދޭނެއެވެ. މި މަސައްކަތް ނިންމުމަށްފަހު މިނިސްޓްރީގެ ޓީމުތައް އެނބުރި މާލެ އައިސް، އިބަމަ މެންބަރުން ތައްޔާރުކުރި އިންޓަވެންޝަން ޕްލޭން ތަންފީޒުކުރުމަށް އިބަމަ މެންބަރުން ކުރާ މަސައްކަތުގައިވެސް މިނިސްޓްރީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީ، މަސައްކަތް ހިނގަމުންދާ ގޮތް ގަވައިދުން މޮނިޓަރ ކުރަމުން ގެންދާނެއެވެ.
އަންހެން: 58
ފިރިހެން: 34
ޖުމްލަ: 92
އަންހެން: 61
ފިރިހެން: 34
ޖުމްލަ: 95
އަންހެން: 24
ފިރިހެން: 24
ޖުމްލަ: 48
2ވަނަަ ފަންގިފިލާ، އުމަރު ޒާހިރު އޮފީސް އިމާރާތް، ހުޅުމާލެ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

© 2025 އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ
1x