
---
ކުޑަކުދިންނަށް ރައްކާތެރި މުޖުތަމަޢުއެއް ބިނާކުރުމަށްޓަކައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މި ވުޒާރާގެ ފަރާތުން ތަފާތު ގިނަ މަސައްކަތްތަކެއް ކުރަމުންދެއެވެ. އޭގެ ތެރޭގައި ހޭލުންތެރިކަން އިތުރުކުރުމުގެ ސެޝަންތަކާއި، ގުޅުންހުރި އިދާރާތަކުގެ މުވައްޒަފުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމާއި، މީޑިއާ މެދުވެރިކޮށް މައުލޫމާތު ހިއްސާކުރުމާއި، ތަފާތު މަޢުލޫމާތާއި މެސެޖު ހިމެނޭ ޕްރިންޓް، އޯޑިއޯ އަދި ވީޑިއޯ މެޓީރިއަލްސް ތައްޔާރުކުރުމާއި އަދި ގިނަ ބަޔަކަށް މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި، ކުޑަކުދިންނަށް ޚާއްސަ ދުވަސްތައް ފާހަގަކޮށް މިފަދަ މުނާސަބަތުތަކާއި ގުޅިގެން ހަވީރު ފަދަ ހަރާކަތްތައް އިންތިޒާމްކުރެވެއެވެ.
ވިޔަނުދިނުމުގެ ނަޒަރަކުން މަސައްކަތްކުރާއިރު، މި ވުޒާރާއިން އާންމުގޮތެއްގައި ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތައް ހިންގޭ އެއް ދާއިރާއަކީ ކުޑަކުދިންގެ ރައްކާތެރިކަމެވެ. މިގޮތުން ކުޑަކުދިންނަށް ކުރާ އެކި ބާވަތްތަކުގެ އަނިޔާ އާއި ކުޑަކުދިންނާ މެދު އިހުމާލުވުމުގެ އިތުރުން އެހެން ގޮތްގޮތުން ކުޑަކުދިންނަށް ކުރިމަތިވާ ނޭދެވޭ ކަންކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދެވެއެވެ. މިގޮތަށް ހޭލުންތެރިކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދާއިރު ކުޑަކުދިންނަށް ކުރާ އަނިޔާގެ އެކި ބާވަތްތަކާއި، އޭގެ ތަފްސީލާއި، އަނިޔާ އަދި އިހުމާލުގެ ޝިކާރައަކަށްވާ ކުދިން ދެނެގަންނާނެ ގޮތާއި، އެކަންކަމުން އެކުދިންނަށް ކުރާނެ އަސަރާއި، އެފަދަ ކަންކަން ރިޕޯޓްކުރެވޭނެ ގޮތްތަކާއި، އެކަންކަމުން ރައްކާތެރިކުރުމަށް މައިންބަފައިން ނުވަތަ ބެލެނިވެރިންނަށް ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރެވޭނެއެވެ. މީގެ އިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި މުޅި މުޖުތަމަޢުގެ ދައުރާއި ޤާނޫނުގައި އެކަންކަމަށް އަލިއަޅުވާލައި ބަޔާންކޮށްފައިވާ މުހިންމު ކަންކަން މިފަދަ ހަރަކާތްތަކުން އޮޅުންފިލުވައިދެވޭނެއެވެ. މި މައުލޫމާތު ފޯރުކޮށްދިނުމުގެ ހަރަކާތްތައް ބޮޑެތި މީހުންނަށާއި، ކުޑަކުދިންނަށް އަމާޒުކޮށްގެންވެސް ކުރިއަށް ގެންދެވެއެވެ. އަދި މީގެ އިތުރުން ކުދިންނާއި އެކު އާންމުކޮށް މަސައްކަތްކުރާއ ދާއިރާތަކުގެ މުވައްޒަފުން ވެސް މިކަމަށް ހޭލުންތެރިކުރެވެއެވެ.
ހަރުދަނާ ބެލެނިވެރިކަން ނުވަތަ ހަރުދަނާ ގޮތުގައި ކުދިން ތަރުބިއްޔަތުކުރުމަކީ ހޭލުންތެރިކަން އިތުރުކޮށްދިނުމަށް އެންމެ ގިނަ ފަރާތްތަކުން އެދޭ އެއް ދާއިރާކަމުގައި ފާހަގަކުރެވެއެވެ. ހަރުދަނާ ބެލެނިވެރިކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދާއިރު ކުދިން ބެލެނިވެރިކުރާނެ ގޮތްތަކާއި، ބެލެނިވެރިން ކުދިންނާ ރަނގަޅު ގުޅުމެއް ބާއްވަން ކުރެވޭނެ ކަންކަމާއި، ކުދިން އަދަބުވެރިކުރުވާނެ ގޮތްތަކާއި، ކުދިންގެ ފަރާތުން ކުރިމަތިވާ އެކި ކަންކަމުގައި ބެލެނިވެރިން ކުރިމަތިލާނެ ގޮތްތަކާއި އަދި ބެލެނިވެރިކަމާ ގުޅޭ މި ނޫންވެސް އެތައް ކަމަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރެވެއެވެ. ހަރުދަނާ ބެލެނިވެރިކަމާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށްގެންދެވޭ ސެޝަންތައް މައިގަނޑު ގޮތެއްގައި އަމާޒުކުރެވެނީ ސްކޫލްކުދިންގެ ބެލެނިވެރިންނަށެވެ. މިގޮތަށް ސެޝަންތައް ކުރިއަށްގެންދާއިރު އެކި އުމުރުފުރާތަކުގެ ކުދިންގެ ބެލެނިވެރިންނަށް ވަކިން ސެޝަންތައް ކުރިއަށްގެންދަން އިސްކަންދެވެއެވެ. އަދި މިގޮތަށް ސެޝަންތައް ކުރިއަށްގެންދާއިރު އެ އުމުރުފުރާއަކާ ގުޅޭގޮތަށް މައުލޫމާތު ފޯރުކޮށްދިނުމަށް އިސްކަންދެވެއެވެ.
2ވަނަަ ފަންގިފިލާ، އުމަރު ޒާހިރު އޮފީސް އިމާރާތް، ހުޅުމާލެ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

© 2025 އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ
1x