(ހ) މިއީ، ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލު ހިންގުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމުގެ ގޮތުން، ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 59 ވަނަ މާއްދާއާއި، 131 ވަނަ މާއްދާގެ (ހ) ގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެކެވެ.
(ށ) މި ގަވާއިދަށް ކިޔާނީ، "ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ގަވާއިދު" އެވެ.
މި ގަވާއިދުގެ މައިގަނޑު މަޤްޞަދަކީ، ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 59 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުންތައް ބާއްވާނެ ގޮތާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލު ހިންގުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމެވެ.
(ހ) ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ 56 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު، ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލު އެކުލެވިގެންވަނީ އަންނަނިވި ފަރާތްތަކުގެ މައްޗަށެވެ.
-1 މިނިސްޓްރީން ކަނޑައަޅާ ފަރާތެއް؛
-2 ޞިއްޙަތާބެހޭ ވުޒާރާއިން ކަނޑައަޅާ ފަރާތެއް؛
-3 ތަޢުލީމާބެހޭ ވުޒާރާއިން ކަނޑައަޅާ ފަރާތެއް؛
-4 މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައަޅާ ފަރާތެއް؛
-5 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކަނޑައަޅާ ފަރާތެއް؛ އަދި
-6 ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކޮށްދިނުމަށް ޓަކައި މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާތަކުގެ ތެރެއިން ކަނޑައަޅާ 2 (ދޭއް) ފަރާތް.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކުންގެ އިތުރުން، ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލަށް، އެ ކައުންސިލުން ބޭނުންވެއްޖެ ހިނދެއްގައި، އަންނަނިވި ފަރާތްތަކުގެ ލަފާ ހޯދިދާނެއެވެ.
-1 ޒުވާނުންނާއި މުޖުތަމަޢު ބާރުވެރިކުރުވުމުގެ މަސްއޫލިއްޔަތު ހަވާލުވެފައިވާ ވުޒާރާއިން ކަނޑައަޅާ ފަރާތެއް؛
-2 އިސްލާމީ ކަންކަމާބެހޭ ވުޒާރާއިން ކަނޑައަޅާ ފަރާތެއް؛
-3 އެޓަރނީ ޖެނެރަލްގެ އޮފީހުން ކަނޑައަޅާ ޤާނޫނީ ވަކީލެއް؛ އަދި
-4 ކައުންސިލުން ކަނޑައަޅާ އެހެން ފަރާތެއް.
ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ މެންބަރުންގެ ތެރެއިން، ކައުންސިލުގެ ރައީސާއި ނާއިބު ރައީސްގެ ގޮތުގައި 2 (ދޭއް) މެންބަރުން ޢައްޔަނު ކުރާނީ، ރައީސުލްޖުމްހޫރިއްޔާއެވެ.
(ހ) ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ރައީސްގެ ޒިންމާތަކަކީ، ކައުންސިލުގެ މަސައްކަތްތައް ރާވައި ހިންގުމާއި، ކައުންސިލުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމެވެ.
(ށ) ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ނައިބު ރައީސްގެ މަސްއޫލިއްޔަތަކީ، ކައުންސިލުގެ ރައީސްގެ ޒިންމާތައް އަދާކުރުމުގައި އެހީތެރިވެދިނުމާއި، ކައުންސިލުގެ ރައީސް އޭނާގެ ޒިންމާތައް އަދާކުރުމަށް ޢުޛުރުވެރިޔާ ހާލަތްތަކުގައި އެ ޒިންމާތައް އަދާކުރުމެވެ.
(ހ) ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ރައީސް ނުވަތަ ނައިބު ރައީސް މަޤާމުން އިސްތިޢުފާދޭން ބޭނުންވެއްޖެ ހިނދެއްގައި، އިސްތިޢުފާ ހުށަހަޅާނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.
(ށ) ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ރައީސް ނުވަތަ ނައިބު ރައީސް މަޤާމުން އިސްތިޢުފާ ދީފިނަމަ، އެއިން މަޤާމެއް ހުސްވާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ މީހަކު ޢައްޔަނު ކުރަންވާނެވެ.
އަންނަނިވި ކަންކަމަކީ ކައުންސިލުގެ މަސްއޫލިއްޔަތުތަކެވެ.
(ހ) ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ގުޅޭގޮތުންނާއި، ކުޑަކުދިންނަށް އަޅައިލުމާއި ރައްކައުތެރިކަން ދިނުމާ ގުޅޭގޮތުން ކަނޑައަޅަންޖެހޭ ސިޔާސަތުތައް ކަނޑައެޅުމުގައި މިނިސްޓަރަށް ލަފާދިނުން؛
(ށ) ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ގުޅޭގޮތުންނާއި، ކުޑަކުދިންނަށް އަޅައިލުމާއި ރައްކައުތެރިކަން ދިނުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި އެންމެ ބޮޑަށް އިސްކަންދޭންވީ ކަންކަން ފާހަގަކޮށް، އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން މިނިސްޓަރަށް ލަފާދިނުން؛
(ނ) ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއާއި، އެ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްތަކާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އެހެނިހެން މުޢާހަދާތައް ދިވެހިރާއްޖޭގައި ތަންފީޛު ކުރަމުން ގެންދޭތޯ ބަލައި، އަޅަންޖެހޭ ފިޔަވަޅުތަކާމެދު މިނިސްޓަރަށް ލަފާދިނުން؛
(ރ) ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން މިނިސްޓަރަށް ލަފާދިނުން؛
(ބ) ކުޑަކުދިންނަށް އަޅައިލުމާއި ރައްކައުތެރިކަން ދިނުމުގެ ޤައުމީ ނިޒާމުގެ ދަށުން ދެވޭ ޚިދުމަތްތައް މުރާޖަޢާކޮށް، އެ ޚިދުމަތްތައް އިތުރަށް ތަރައްޤީ ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މިނިސްޓަރަށް ލަފާދިނުން؛
(ޅ) ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ގުޅޭގޮތުންނާއި، ކުޑަކުދިންނަށް އަޅައިލުމާއި ރައްކައުތެރިކަން ދިނުމާ ގުޅޭގޮތުން މިނިސްޓަރު ކަނޑައަޅާ ސިޔާސަތުތަކާއި އަމާޒުތައް ހާސިލު ކުރެވެމުންދަނީ ކިހާ މިންވަރަކަށްތޯ ބަލައި، ސަރުކާރުގެ އިދާރާތަކުން އެ ސިޔާސަތުތައް ތަންފީޛު ކުރުމަށް ޓަކައި ކުރާ މަސައްކަތްތައް މުރާޖަޢާކޮށް މިނިސްޓަރަށް އަންގަމުންދިޔުން؛
(ކ) ކުޑަކުދިންނަށް ރައްކައުތެރިކަން ދިނުމަށް މަސައްކަތްކުރާ ދައުލަތުގެ އިދާރާތަކާއި އަމިއްލަ ޖަމްޢިއްޔާތަކަށް ފައިސާ ދޫކުރާނެ އުސޫލު ދުރާލައި ކަނޑައެޅުމާއި، އެ އުސޫލުގެ ދަށުން ފައިސާ ދޫކުރުމުގައި އިސްކަންދޭނެ ކަންކަން ކަނޑައެޅުން؛
(އ) ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ގުޅޭގޮތުންނާއި، ކުޑަކުދިންނަށް އަޅައިލުމާއި ރައްކައުތެރިކަން ދިނުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ގުޅުން ބަދަހިކޮށް، އެފަދަ ޖަމްޢިއްޔާތަކާއެކު ހިންގޭ އެކިއެކި ހަރަކާތްތައް ވިލަރެސްކުރުން؛
(ވ) ޤާނޫނު ނަންބަރު 2019/19 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު) ގެ މަޤްޞަދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވައިލަންޖެހޭ ސިޔާސަތުތަކާއި، މިންގަނޑުތަކާއި، އިޖުރާއަތުތައް އެކުލަވައިލުމުގައި މިނިސްޓަރަށް ލަފާދިނުން؛
ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ އިދާރީ ކަންކަން ހިންގާ ބަލަހައްޓާނީ މިނިސްޓްރީންނެވެ.
(ހ) ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުމެއް، މަދުވެގެން ކޮންމެ ހަފުތާއަކު 1 (އެކެއް) ފަހަރު ބާއްވަންވާނެއެވެ.
(ށ) ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުން ބާއްވާނެ ދުވަހާއި ގަޑި ކަނޑައަޅާނީ ކައުންސިލުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން، ކައުންސިލުގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުން ބާއްވަން ކަނޑައަޅާ ދުވަހަށް ބައްދަލުވުން ބޭއްވުމަށް އިދާރީގޮތުން ކުރަންޖެހޭ ކަންކަން ކުރަންވާނީ މިނިސްޓްރީންނެވެ.
(ރ) ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުމެއް ބާއްވާނަމަ، އެ ބައްދަލުވުމެއް ފެށުމުގެ 48 (ސާޅީސް އަށެއް) ގަޑިއިރުގެ ކުރިން، އެ ބައްދަލުވުން އޮންނާނެ ތާރީޚާއި ގަޑިއާއި ތަން ބަޔާންކޮށް، އެ ބައްދަލުވުމެއްގެ ނޯޓިސް، ކައުންސިލުގެ ހުރިހާ މެންބަރުންނަށް ލިޔުމުން ފޮނުވަންވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގައި އެހެން ބަޔާންކޮށްފައި އޮތް ނަމަވެސް، ކައުންސިލުގެ ކުއްލި ބައްދަލުވުމެއް ބާއްވަން ޖެހިއްޖެނަމަ، އެއަށްވުރެ ކުރު މުއްދަތެއްގެ ނޯޓިސް ފޮނުވުމަށްފަހު، ކައުންސިލުގެ ބައްދަލުވުމެއް ބޭއްވުމަށް މި ގަވާއިދު ހުރަހެއްނާޅައެވެ.
(ޅ) ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުމެއްގެ ޤާނޫނީ އަދަދަކީ، ކައުންސިލުގެ ޖުމުލަ މެންބަރުންގެ 51% (ފަންސާސް އެކެއް އިންސައްތަ) އެވެ.
(ކ) މި ގަވާއިދުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން ކައުންސިލުގެ ރިޔާސަތު ބަލަހައްޓާނީ ކައުންސިލުގެ ރައީސެވެ. ރައީސަށް ހާޒިރު ނުވެވޭ ނަމަ، ކައުންސިލުގެ ނައިބު ރައީސެވެ. ނައިބު ރައީސަށް ހާޒިރު ނުވެވޭ ނަމަ، އެ ބައްދަލުވުމަކަށް ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ މެންބަރެކެވެ.
(އ) ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ރައީސާއި ނައިބު ރައީސް ކައުންސިލުގެ ބައްދަލުވުމަކަށް ހާޒިރުނުވީކަމަށް ބަލައި، މެންބަރުންގެ ތެރެއިން އެ ބައްދަލުވުމެއްގެ ރިޔާސަތު ބަލަހައްޓާނެ މެންބަރަކު ކަނޑައަޅާނީ، އެ ބައްދަލުވުމެއް ފެށުމަށް ކަނޑައަޅައިފައިވާ ގަޑިއަށްވުރެ 20 (ވިހި) މިނެޓް ފަހަނަޅައި ދިޔުމުންނެވެ.
(ވ) ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ރައީސާއި ނައިބު ރައީސަށް ހާޒިރުނުވެވޭ ކައުންސިލުގެ ބައްދަލުވުންތަކުގައި މަޝްވަރާކުރި ކަންކަމާއި، ނިންމި އެންމެހައި ކަންކަމުގެ މަޢުލޫމާތު، އެ ބައްދަލުވުމެއްގެ ރިޔާސަތު ބެލެހެއްޓި މެންބަރަކު، ކައުންސިލުގެ ރައީސާއި ނައިބު ރައީސަށް ދޭންވާނެއެވެ.
(މ) ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުމެއް ބާއްވައިދިނުން އެދި، ކައުންސިލުގެ ޖުމުލަ މެންބަރުންގެ ތިންބައިކުޅަ އެއްބައި މެންބަރުން އެދިއްޖެ ނަމަ، ކައުންސިލުގެ ރައީސް، ކައުންސިލުގެ ބައްދަލުވުމެއް ބާއްވަންވާނެއެވެ.
(ހ) މަޤްބޫލު އުޒުރެއް ދިމާވެގެން މެނުވީ، ކައުންސިލުގެ ބައްދަލުވުންތަކަށް ހުރިހާ މެންބަރުންވެސް ހާޒިރުވާންވާނެއެވެ.
(ށ) ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުމަކަށް އެއްވެސް މެންބަރަކަށް ހާޒިރުވެވެން ނެތްނަމަ، ކައުންސިލުގެ ރައީސަށް ލިޔުމުން އެކަން އަންގަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން، ކައުންސިލުގެ ބައްދަލުވުމަކަށް ހާޒިރު ނުވެވޭ ގޮތަށް ކައުންސިލުގެ މެންބަރަކު ރަށުން ބޭރަށް ދާނަމަ، ކައުންސިލުގެ ރައީސަށް ލިޔުމުން އެކަން އަންގަންވާނެއެވެ.
(ރ) ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ މެންބަރުންގެ ބައްދަލުވުންތަކުގެ ހާޒިރީ ބެލެހެއްޓުމާއި، ބައްދަލުވުންތަކަށް ހާޒިރުވާ މެންބަރުން ހާޒިރުވިކަމަށް ސޮއިކުރުމާއި، ބައްދަލުވުންތަކަށް ހާޒިރު ނުވެވޭ ސަބަބު ފޮނުވައިފައިވާ ނަމަ، އެ ކަންކަމުގެ އިދާރީ ބެލެހެއްޓުމުގެ ކަންކަން މިނިސްޓްރީން ކުރަންވާނެއެވެ.
(ހ) ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުންތަކުގައި މަޝްވަރާކުރާ ކަންކަމުގައި ގޮތެއް ނިންމާނީ، ކައުންސިލުގެ ޖުމުލަ މެންބަރުންގެ އަޣްލަބިއްޔަތުން އެ ކަމެއް ފާސްވެގެންނެވެ.
(ށ) ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުން ނިންމާ ނިންމުންތައް، ލިޔުމުން އެނގެން އޮންނަންވާނެއެވެ. އަދި އެ ނިންމުންތަކުގައި، އެ ނިންމުމެއް ނިންމި ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ ސޮއި އޮންނަންވާނެއެވެ.
(ހ) މި ގަވާއިދުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުންތަކުގައި ވޯޓުލާނީ އަތް އުފުލައިގެންނެވެ.
(ށ) ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުންތަކުގައި ނަގާ ވޯޓު ލުމުގައި ކައުންސިލުގެ ރިޔާސަތަށް ވޯޓު ލެވޭނެއެވެ.
(ނ) ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ މެންބަރުންގެ މަޞްލަޙަތު ހިމެނޭ ކަންކަމުގައި އެ މެންބަރަކަށް ވޯޓުލުމުގައި ބައިވެރިއެއް ނުވެވޭނެއެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ މެންބަރެއްގެ މަޞްލަޙަތު ހިމެނޭ އެއްވެސް ކަމެއްގައި އެ މެންބަރަކަށް ބައިވެރިއެއް ނުވެނޭނެއެވެ.
(ހ) ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ އެންމެހައި ލިޔެކިޔުންތަކާއި އެހެނިހެން އެއްޗިއްސަކީ، އަދި ކައުންސިލު ބައްދަލުވުންތަކަށް ހުށަހެޅޭ އެންމެހައި މައްސަލަތަކާއި، އެ މައްސަލަތަކާ ގުޅޭ ލިޔެކިޔުންތަކަކީ ސިއްރު ލިޔެކިޔުން ކަމުގައި ބަލަންވާނެއެވެ. ކައުންސިލުގެ މެންބަރަކު އެފަދަ މަޢުލޫމާތެއް ކޮމިޓީގެ ނިންމުމަކާ ނުލައި، އެއްވެސް ފަރާތަކަށް ހާމަކޮށްގެން ނުވާނެއެވެ.
(ށ) ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ މެންބަރަކަށް ދޭ އެއްވެސް މަޢުލޫމާތެއް އަމިއްލަ މަޤްޞަދެއް ހާސިލުކުރުމަށް ނުވަތަ އެހެން ފަރާތަކަށް ފައިދާ ހޯދައިދިނުމަށް ނުވަތަ ގެއްލުމެއް ދިނުމަށް ބޭނުންކޮށްގެން ނުވާނެއެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ކޮންމެ ބައްދަލުވުމެއްގައިވެސް އެޖެންޑާއެއް އޮންނަންވާނެއެވެ. އެ އެޖެންޑާ ކަނޑައަޅާނީ، ކައުންސިލުގެ ރައީސާއި ކައުންސިލުގެ އެހެން މެންބަރުންގެ މަޝްވަރާގެ މަތިން މިނިސްޓްރީންނެވެ.
(ހ) ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާގެ ލިޔެކިޔުމާއި ޔައުމިއްޔާ، ކައުންސިލުގެ މެންބަރުންނަށް ފޮނުވައިގެން ފާސްކުރުމުގެ ކަންކަން މިނިސްޓްރީން ބަލަހައްޓާންވާނެއެވެ.
(ށ) ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ކައުންސިލުން ފާސްކުރަންވާނެއެވެ.
(ނ) ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމާ ބެހޭ ކައުންސިލުން ފާސްކުރާ، ކައުންސިލުގެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ރައްކައުތެރިކަމާއެކު މިނިސްޓްރީން ބަލަހައްޓަންވާނެއެވެ.
މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، ދިވެހި ސަރުކާރުގެ ގެޒެޓުގައި މި ގަވާއިދު ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.
މި ގަވާއިދުގައި ޢިބާރާތެއް ނުވަތަ ލަފުޒެއް ބޭނުންކޮށްފައިވާ ގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހައި ހިނދަކު، އަންނަނިވި ޢިބާރާތްތަކާއި ލަފުޒުތަކަށް ދީފައި އެވަނީ، އެ ޢިބާރާތްތަކާއި ލަފުޒުތަކަށް ތިރީގައި ދީފައި އެވާ މާނަކުރުމެވެ.
(ހ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރަށެވެ.
(ށ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކައުތެރި ކުރުމުގެ މަސްއޫލިއްޔަތު އެ އިރަކު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
2ވަނަަ ފަންގިފިލާ، އުމަރު ޒާހިރު އޮފީސް އިމާރާތް، ހުޅުމާލެ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

© 2025 އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ
1x