(ހ) މިއީ، ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ގޮތުން ކުޑަކުދިންނަށް ލިބިގެންވާ ޙައްޤުތަކާއި، އެކުދިންނާ މަތިކުރެވިގެންވާ ޒިންމާތަކާއި، ކުޑަކުދިންނާ ގުޅޭގޮތުން ޢާއިލާއާއި، ޖަމާޢަތާއި، ދައުލަތާއި އެހެނިހެން ފަރާތްތަކުގެ މައްޗަށް އޮތް ޒިންމާއާއި، ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމާގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ޤާނޫނެވެ.
(ށ) މި ޤާނޫނަށް ކިޔާނީ، "ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނު" އެވެ.
މި ޤާނޫނުގެ މަޤްޞަދަކީ އަންނަނިވި ކަންކަން ޙާޞިލުކުރުމެވެ.
(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއަށް ރިޢާޔަތްކޮށް، ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، ކަށަވަރުކޮށްދިނުން؛
(ށ) ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ޢާއިލާއާއި، މައިންބަފައިންނާއި، ބެލެނިވެރިންނާއި، މުޖުތަމަޢާއި، ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިންމާ ކަނޑައެޅުން؛
(ނ) އިޖްތިމާޢީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ކުދިންނަށާއި އެކުދިންގެ ޢާއިލާތަކަށް އެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން؛
(ރ) ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ޤައުމީ ނިޒާމެއް ޤާއިމުކޮށް، އެހީތެރިކަން ބޭނުންވާ ކުދިންނަށާއި އެކުދިންގެ ޢާއިލާތަކަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމާއި، ދައުލަތުގެ ބެލުމުގެ ދަށަށް ކުޑަކުދިން ގެންދިޔުމާއި، ކުޑަކުދިން ފޮސްޓަރކުރުމާބެހޭ އުސޫލުތައް ކަނޑައެޅުން؛
(ބ) ކުޑަކުދިންނަށް އަޅާނުލާ ފަރާތްތަކާއި އެކުދިންނާމެދު އިހުމާލުވާ ފަރާތްތަކާއި، އެކުދިންނަށް އިހާނެތިކޮށް ހިތާ ފަރާތްތަކާއި އެކުދިންނަށް ގޯނާކުރާ ފަރާތްތަކާއި، އެކުދިންގެ ކިބައިން ނާޖާއިޒު ފައިދާ ހޯދާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމާއި، މިނޫންވެސް ކުޑަކުދިންގެ ޙައްޤުތަކަށް އުނިކަން ލިބޭފަދަ ޢަމަލުތައް ކުރާ ފަރާތްތަކާމެދު ކުށް ކަނޑައަޅާ ޤާނޫނުގެ ދަށުން ޖިނާއީ ދަޢުވާކުރުން ނުވަތަ މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން އިދާރީ ފިޔަވަޅުއެޅުން.
(ހ) މި ޤާނޫނު މާނަކުރަންވާނީ، ޤާނޫނުއަސާސީއާއި އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެމަތިން، އަދި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ށ) މި ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން މާނަކުރުމުގައާއި ތަޠުބީޤުކުރުމުގައި، ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއާއި، އެ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްތަކާއި، އެނޫންވެސް ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މުޢާހަދާތަކުގައި ބަޔާންކުރާ އުސޫލުތަކާއި، އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ ދީމިޤްރާޠީ މުޖުތަމަޢުތަކުން ޤަބޫލުކުރާ އުސޫލުތައް ނަގަހައްޓަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) އަށް ޢަމަލުކުރުމުގައި، ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ހިމެނޭ ކަންކަމުގެ ތެރެއިން އެއްވެސް ކަމަކަށް ދިވެހިރާއްޖެއިން އިޢުތިރާޟްކޮށްފައިވާނަމަ އެކަންކަމަށްވެސް ރިޢާޔަތްކުރަންވާނެއެވެ.
މި ޤާނޫނުގައި "ކުޑަކުދިން" ކަމަށް ބުނެފައި އެވަނީ، މައިމީހާގެ ބަނޑުގައި ގަރުބަގަތީއްސުރެ ދުނިޔެއަށް އުފަންވުމާ ދެމެދުގައިވާ ޙާލަތުގައިވާ ކުދިންނާއި، ދުނިޔެއަށް އުފަންވުމަށްފަހު، މީލާދީގޮތުން 18 (އަށާރަ) އަހަރު ފުރިހަމަނުވާ ކުދިންނަށެވެ.
(ހ) މި ބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތައް، އެއްވެސް ތަފާތުކުރުމަކާ ނުލައި ކޮންމެ ކުއްޖަކަށްމެ ލިބިގެންވެއެވެ.
(ށ) ކޮންމެ ކުއްޖަކީ، އެކުއްޖެއްގެ ބަދަލުވަމުންދާ ޤާބިލިއްޔަތަށް ބިނާކޮށް، މި ޤާނޫނުގައި ބަޔާންކުރާ ޙައްޤުތައް ހޯދުމުގެ ޙައްޤު ލިބިގެންވާ ކުއްޖެކެވެ.
(ނ) މި ޤާނޫނުގައި ބަޔާންކުރާ ޙައްޤުތައް ކުއްޖާއަށް ލިބިދިނުމުގައި، ކުއްޖާގެ ބަދަލުވަމުންދާ ޤާބިލިއްޔަތަށް ބިނާކޮށް، އެކުއްޖާއަށް އެކަށީގެންވާ ލަފައާއި އިރުޝާދުދިނުމަކީ އެކުއްޖާގެ ބެލެނިވެރިންގެ ޒިންމާއެކެވެ.
(ހ) ކުއްޖާގެ ނުވަތަ ކުއްޖާގެ ބެލެނިވެރިއެއްގެ ނަޞްލަށް، ނުވަތަ ކުލައަށް، ނުވަތަ ޖިންސަށް، ނުވަތަ ބަހަށް، ނުވަތަ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަ ނިސްބަތްވާ ޢާއިލާއަށް، ނުވަތަ އުފަންވީ ރަށަށް، ނުވަތަ ނިސްބަތްވާ އިޖްތިމާޢީ މަރުކަޒަށް، ނުވަތަ އެއިން ފަރާތެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ އެނޫންވެސް ކަމަކަށް ބިނާކޮށް، އެއްވެސް ކުއްޖަކާމެދު ތަފާތުކޮށްގެންނުވާނެއެވެ.
(ށ) ކުއްޖާގެ ބެލެނިވެރިއެއް ނުވަތަ ޢާއިލާގެ މެންބަރެއް ނިސްބަތްވާ ޙާލަތަކަށް ބިނާކޮށް ނުވަތަ އެއިން ފަރާތަކުން ހިންގާ ޙަރަކާތަކާ ގުޅިގެން ނުވަތަ ފާޅުކުރާ ޚިޔާލަކާ ގުޅިގެން ނުވަތަ ގެންގުޅޭ ފިކުރަކާ ގުޅިގެން އެކުއްޖާއާމެދު ތަފާތުކޮށްގެންނުވާނެއެވެ.
(ހ) ކޮންމެ ކުއްޖަކަށްމެ ދިރިހުރުމާއި ހެދިބޮޑުވުމުގެ ޙައްޤު، އޭގެ އެންމެ ފުޅާ ދާއިރާގައި ލިބިގެންވެއެވެ.
(ށ) ދިރިހުރުމުގެ ޙައްޤަކީ އެއްވެސް ކުއްޖަކާ ވަކިކުރެވޭނެ ޙައްޤެއްނޫނެވެ.
(ނ) ދިރިހުރުމާއި ހެދިބޮޑުވުމުގެ ޙައްޤު އޭގެ އެންމެ ފުޅާ ދާއިރާގައި ކުޑަކުދިންނަށް ކަށަވަރުކޮށްދިނުމަށްޓަކައި، ދުޅަހެޔޮ ޞިއްޙަތެއްގައި އެކުދިންނަށް ދެމިތިބެވޭނެ ފުރުޞަތު ފަހިކޮށްދީ، އެކަމަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމަކީ، އަދި އަނިޔާއާއި ގޯނާއިން އެކުދިން ސަލާމަތްކޮށްދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ، އެކުދިންގެ ބެލެނިވެރިންނާއި ޢާއިލާއާއި އެކުދިން ދިރިއުޅޭ މުޖުތަމަޢުގެ ފަރާތްތަކާއި، ދައުލަތުގެ ޒިންމާއެކެވެ.
(ހ) ދައުލަތުގެ އިދާރާތަކުންވިޔަސް ނުވަތަ ޝަރުޢީ ކޯޓުތަކުންވިޔަސް ނުވަތަ ރައްޔިތުންގެ މަޖިލީހުންވިޔަސް ނުވަތަ އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދޭ ދައުލަތުގެ ނުވަތަ އަމިއްލަ ފަރާތަކުންވިޔަސް ނުވަތަ ބެލެނިވެރިން ކަމުގައިވިޔަސް، ކުޑަކުއްޖަކާގުޅޭ ކަންކަން ނިންމުމުގައި އެންމެ އިސްކަމެއް ދޭންވާނީ، އެކުއްޖާގެ މަޞްލަޙަތު ޙިމާޔަތްކުރުމަށެވެ.
(ށ) ކުއްޖާގެ މަޞްލަޙަތަށް އިސްކަންދިނުމުގައި، ކޮންމެ ކުއްޖަކާ ގުޅޭގޮތުންވެސް ގޮތެއް ނިންމަންވާނީ، އެކުއްޖަކު ހުރި ޙާލަތަށާއި ވަށައިގެންވާ އެންމެހައި ކަންކަމަށް ރިޢާޔަތްކުރުމަށްފަހު، ކޮންމެ ކުއްޖެއްގެ މައްސަލަ ވަކިންނެވެ. އެގޮތުން، އެއްވެސް ފަރާތަކުން ވަކި ކަމަކާ ގުޅޭގޮތުން ކުއްޖާގެ މަޞްލަޙަތަށް އެންމެ ފައިދާހުރި ގޮތް ކަނޑައަޅަންޖެހިއްޖެ ޙާލަތެއްގައި، އެކަން ކަނޑައަޅަންވާނީ އަންނަނިވި ޢާންމު މިންގަނޑުތަކަށް ރިޢާޔަތްކުރުމަށްފަހުގައެވެ.
-1 ކުއްޖާ އެކަމާމެދު ދެކޭ ގޮތް؛
-2 ކުއްޖާގެ އަމިއްލަވަންތަކަން؛
-3 ކުއްޖާ ޢާއިލީ މާޙައުލެއްގައި ދެމިހުރުމުގެ މުހިންމުކަމާއި ޢާއިލާގެ މެންބަރުންނާ ކުއްޖާއާ ދެމެދު އޮންނަ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަން؛
-4 ކުއްޖާއަށް ލިބެންޖެހޭ އަޅާލުމާއި، ރައްކާތެރިކަމާއި، ސަލާމަތްތެރިކަން؛
-5 ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމުގެ ޙައްޤު؛
-6 ކުއްޖާއަށް ލިބިދޭ އުނގެނުމުގެ ޙައްޤު؛
-7 ކުއްޖާގެ އިޖްތިމާޢީ ނުވަތަ އެނޫންވެސް ޙާލަތު.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޢާންމު މިންގަނޑުތަކުގެ ތެރެއިން ވަކި މިންގަނޑަކަށް ނުވަތަ މިންގަނޑުތަކަކަށް ބުރަދަން ދިނުމުގައި ބަލަންވާނީ، އެއިން ކޮންމެ މިންގަނޑެއް، އެކުއްޖާގެ ޙާލަތާ ގުޅޭ މިންވަރަކަށް ރިޢާޔަތްކުރުމަށްފަހު، އެ ޙާލަތަކާގުޅޭ ނިސްބަތަކަށެވެ. އެހެންނަމަވެސް، އެ ޙާލަތުގައިވެސް، އެ މާއްދާގައި ބަޔާންކުރާ ކަންކަމުގެ ޢާންމު މަޤްޞަދަށް ރިޢާޔަތްކުރަންވާނެއެވެ.
(ރ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ޢާންމު މިންގަނޑުތަކުގެ އިތުރުންވެސް، އަދި އެ ޢާންމު މިންގަނޑުތަކާ ތަޢާރުޟުނުވާނެ ފަދައަކުން، ކުއްޖާ ހުރި ޙާލަތަށް ބިނާކޮށް، ކުއްޖާގެ މަޞްލަޙަތު ޙިމާޔަތްކުރުމަށް މުހިންމު އެހެން ކަންކަމަށްވެސް ރިޢާޔަތްކުރަންވާނެއެވެ.
(ހ) އަމިއްލަ ރަޢުޔެއް އުފަންކުރުމުގެ ޤާބިލުކަން ލިބިފައިވާ ކޮންމެ ކުއްޖަކަށްމެ، އެކުއްޖަކާގުޅޭ އެންމެހައި ކަންކަމުގައި އެކުއްޖާގެ ރަޢުޔު ހާމަކުރުމުގެ ޙައްޤު ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ކުއްޖާގެ ރަޢުޔަށް ބުރަދަން ދިނުމުގައި، ކުއްޖާގެ ޢުމުރާއި، ކުއްޖާގެ ބަދަލުވަމުންދާ ޤާބިލިއްޔަތަށް ރިޢާޔަތްކުރަންވާނެއެވެ.
(ހ) ކުއްޖާ ހެދިބޮޑުވުމަށް ބޭނުންވާ ރައްކާތެރިކަމާއި އަޅާލުން، ކުއްޖާގެ ބެލެނިވެރިންގެ ފަރާތުންނާއި ކުއްޖާގެ ޢާއިލާގެ ފަރާތުންނާއި މުޖުތަމަޢުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ލިބުމަކީ ކޮންމެ ކުއްޖަކަށްމެ ލިބިގެންވާ ޙައްޤެކެވެ.
(ށ) ކުއްޖާ ހެދިބޮޑުވުމަށް ބޭނުންވާ ރައްކާތެރިކަމާއި އަޅާލުން ލިބިދިނުމުގައި އެންމެ އިސް ޒިންމާއެއް އަދާކުރާނީ ޢާންމު އުސޫލެއްގެ ގޮތުން ކުއްޖާގެ ބެލެނިވެރިން ކަމުގައިވީނަމަވެސް، ކުއްޖާގެ ބެލެނިވެރިންގެ ފަރާތުން އެ ރައްކާތެރިކަން ލިބިނުދޭ ޙާލަތުގައި ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާއި، ކުއްޖާގެ ބެލެނިވެރިންގެ ވާޖިބު ކަމުގައިނުވާ، ދައުލަތުން ސީދާ ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ކުއްޖާއަށް ފޯރުކޮށްދިނުމަކީ ދައުލަތުގެ ވާޖިބެކެވެ.
(ނ) ކުއްޖާގެ މަޞްލަޙަތަށް ބަލައި ޢާއިލާގެ މާޙައުލުން ވަގުތީގޮތުން ނުވަތަ އެއަށްވުރެ ދާއިމީ ސިފައެއްގައި ވަކިކޮށްފައިވާ ކުއްޖަކަށް، ޚާއްޞަ ރައްކާތެރިކަމާއި އެހީތެރިކަން ދައުލަތުން ފޯރުކޮށްދޭންވާނެއެވެ.
ކޮންމެ ކުއްޖަކީވެސް، ޖިންސީގޮތުން އެކުއްޖެއްގެ ނާޖާއިޒު ބޭނުންހިފުމާއި، އެކުއްޖަކަށް ޖިންސީ ގޯނާކުރުމުން ރައްކާތެރިކަން ލިބުމުގެ ޙައްޤު ލިބިގެންވާ ކުއްޖެކެވެ. އޭގެ ތެރޭގައި، އަންނަނިވި ކަންކަމުން ރައްކާތެރިވުމުގެ ޙައްޤު ހިމެނިގެންވެއެވެ.
(ހ) ޖިންސީ ގޯނާގެ ޝިކާރައަކަށްވުން؛
(ށ) ހަށިވިއްކުމުގެ ވިޔަފާރިއާއި އެނޫންވެސް އެކްސްޕްލޮއިޓޭޝަންގެ ޢަމަލުތަކުގައި ބައިވެރިކުރުވުން؛
(ނ) އޮރިޔާންކާޑު ހެދުމުގައި ނުވަތަ އުފެއްދުމުގައި ބައިވެރިކުރުމާއި ދެއްކުން.
(ހ) ކޮންމެ ކުއްޖަކީވެސް އެންމެހައި ބާވަތެއްގެ ޖިސްމާނީ އަދި ނަފްސާނީ އަނިޔާއާއި، ގޯނާކުރުމަކުންނާއި، އަޅާނުލުމާއި، އިހުމާލުވުމާއި، ނުބައިކޮށް ހިތުމާއި، ނާޖާއިޒް ފައިދާނެގުމާއި، ޖިންސީ ގޯނާކުރުމާއި، އެނޫންވެސް ކުއްޖާގެ ހެދިބޮޑުވުމަށް ހުރަސްއެޅޭނެ އެންމެހައި ޝިކާރަތަކުން ރައްކާތެރިކަން ލިބުމުގެ ޙައްޤު ލިބިގެންވާ ކުއްޖެކެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޙައްޤަކީ، ކުއްޖާގެ ބެލެނިވެރިންގެ ބެލުމުގެ ދަށުގައި ކުއްޖާ ހުންނަ ކޮންމެ އިރެއްގައިވިޔަސް ނުވަތަ ކުއްޖާގެ ޤާނޫނީ ބަލަދުވެރިއެއްގެ ބެލުމުގެ ދަށުގައި ހުންނަ ކޮންމެ އިރެއްގައިވިޔަސް، ނުވަތަ ސްކޫލުގެ މާޙައުލުގައިވިޔަސް ނުވަތަ ކުއްޖާގެ ބަލަދުވެރިކަމާ އެވަގުތެއްގައި ޙަވާލުވެހުރި އެހެން ފަރާތެއްގެ ބެލުމުގެ ދަށުގައި ކުއްޖާ ހުންނަ ކޮންމެ އިރެއްގައިވެސް އެކުއްޖާއަށް ލިބިގެންވާ ޙައްޤެކެވެ. އަދި މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޢަމަލުތަކުގެ ތެރެއިން ޢަމަލެއް ކުއްޖަކާ ދެކޮޅަށް ކުރަނީ އެކުއްޖާގެ މައިންބަފައިން ކަމުގައިވީނަމަވެސް، ނުވަތަ އެކުއްޖާގެ ޤާނޫނީ ބަލަދުވެރިއެއް ކަމުގައިވީނަމަވެސް ނުވަތަ ސްކޫލު މާޙައުލުން ކަމުގައި ވީނަމަވެސް ނުވަތަ ކުއްޖާއާ ޙަވާލުވެހުރި ދައުލަތުގެ މުއައްސަސާއަކަށް ނިސްބަތްވާ ފަރާތަކުން ކަމުގައިވީނަމަވެސް، ނުވަތަ ކުއްޖާގެ ބަލަދުވެރިކަމާ އެވަގުތެއްގައި ޙަވާލުވެހުރި އެހެން ފަރާތަކުން ކަމުގައިވީނަމަވެސް، ނުވަތަ އެހެން ކުއްޖެއްގެ ފަރާތުން ކަމުގައިވީނަމަވެސް، ނުވަތަ މިނޫން އެހެން ފަރާތަކުން ކަމުގައިވީނަމަވެސް، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޙައްޤު، އެކުއްޖަކަށް ލިބިގެންވެއެވެ.
(ނ) އަނިޔާއާއި ގޯނާ ލިބެމުންދާ ކުދިން ތަހައްމަލުކުރަމުންދާ ކަންކަމާމެދު ނުވަތަ އެކުދިންނަށް ކުރިމަތިވެފައިވާ ޙާލަތާމެދު އަޅާނުލުމަކީވެސް އެކުދިންނާމެދު ކުރެވޭ އަނިޔާއެއް ކަމުގައި މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި ބެލޭނެއެވެ.
(ރ) އަނިޔާކުރުމާއި ގޯނާކުރުމުގެ ޝިކާރައަކަށްވާ ކުޑަކުދިންނަށް ދައުލަތުގެ ފަރާތުން އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމުގައި މި ޤާނޫނު ދަންނަ ހިނދު، އެއާ އެކުއެކީގައި، އަނިޔާއާއި ގޯނާގެ ޝިކާރައަކަށް އެކުދިން ވިޔަނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ދައުލަތުން އަޅަންވާނެއެވެ.
(ހ) ކުއްޖާގެ މަޞްލަޙަތަށާއި، ކަރާމާތަށާއި ކުއްޖާގެ ހެދިބޮޑުވުމަށް ނޭދެވޭ އަސަރެއް ފޯރާ ފަދަ އެންމެހައި އިޖްތިމާޢީ އަދި ޘަޤާފީ ކަންކަމުން ރައްކާތެރިކަން ލިބުމުގެ ޙައްޤު ކޮންމެ ކުއްޖަކަށްމެ ލިބިގެންވެއެވެ.
(ށ) ކުއްޖާގެ މަޞްލަޙަތަށާއި، ކަރާމާތަށާއި ހެދިބޮޑުވުމަށް ނޭދެވޭ އަސަރެއް ފޯރާފަދަ އިޖްތިމާޢީ އަދި ޘަޤާފީ ކަންކަމުން ކުދިން ދުރުހެލިކުރުމަށްޓަކައި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުންދޭތޯ ބެލުމަކީ ދައުލަތުގެ ޒިންމާއެކެވެ.
(ހ) ކޮންމެ ކުއްޖަކުވެސް އުފަންވުމާއެކު، ޤާނޫނު ޤަބޫލުކުރާ ނަމެއް ލިބުމާއި، އެކުއްޖެއްގެ އުފަންވުން ރަޖިސްޓަރީކުރެވިފައި އޮތުމުގެ ޙައްޤު ލިބިގެންވެއެވެ.
(ށ) އުފަންވުން ރަޖިސްޓަރީކުރެވިފައި އޮތުމުގެ ޙައްޤުގެ ތެރޭގައި، ޤާނޫނު ޤަބޫލުކުރާ ނަމަކާއި، ކުއްޖާގެ ޖިންސާއި، އުފަން ތާރީޚާއި، އުފަންވި ތަނާއި، މައިންބަފައިންނަކީ ކޮބައިކަމާއި، ޤައުމީ ނިސްބަތް ހިމެނޭގޮތުން، އެކުއްޖާގެ އުފަންވުމާގުޅޭ އެންމެހައި މަޢުލޫމާތު ރަޖިސްޓަރީކުރެވިފައި އޮތުމުގެ ޙައްޤު ހިމެނެއެވެ.
(ނ) ދިވެހިރައްޔިތަކަށް އުފަންވާ ކޮންމެ ކުއްޖަކަށް، ދިވެހިރައްޔިތުކަން ލިބިގެންވެއެވެ. އަދި ދިވެހިރައްޔިތެއް ކަމުގައިވާ އެއްވެސް ކުއްޖެއްގެ ކިބައިން ދިވެހިރައްޔިތުކަން ނިގުޅައެއް ނުގަނެވޭނެއެވެ.
(ހ) ކޮންމެ ކުއްޖަކަށްމެ ލިބިގެންވާ އަމިއްލަވަންތަކަން ދެމެހެއްޓުމަށްޓަކައި، އެކުއްޖެއްގެ ކާކުކަން އަންގައިދޭ ރަސްމީ މަޢުލޫމާތުގެ ރެކޯޑެއް އޮތުމުގެ ޙައްޤާއި، އެ މަޢުލޫމާތު ޙިމާޔަތްކުރެވިފައި އޮތުމުގެ ޙައްޤާއި، ކުއްޖާގެ އަމިއްލަވަންތަކަން ނިގުޅައިގަނެވޭނެ ޢަމަލުތަކުން ރައްކާތެރިވުމުގެ ޙައްޤު، ކޮންމެ ކުއްޖަކަށްމެ ލިބިގެންވެއެވެ.
(ށ) ކުއްޖާގެ އަމިއްލަވަންތަކަން ދެމެހެއްޓުމުގެ މާނައިގެ ތެރޭގައި، ކުއްޖާގެ ނަމާއި، ޤައުމިއްޔަތާއި، ޤާނޫނު ޤަބޫލުކުރާ ޢާއިލީ ގުޅުންތައް ދެމެހެއްޓުން ހިމެނިގެންވެއެވެ.
(ހ) ކުއްޖާގެ މައިންބަފައިންނަކީ ކޮބައިކަން ދެނެގަނެވެން ނެތް ޙާލަތުގައި ފިޔަވައި، ކޮންމެ ކުއްޖަކަށްވެސް އެކުއްޖާގެ މައިންބަފައިންނަކީ ކޮބައިކަން އެނގުމުގެ، އަދި ކުއްޖާގެ މައިންބަފައިން ދުނިޔޭގައި ތިބިނަމަ، އެމީހުންގެ އަޅާލުން ލިބި، އެމީހުންގެ ބެލުމުގެ ދަށުން ހެދިބޮޑުވުމުގެ ޙައްޤު ލިބިގެންވެއެވެ.
(ށ) ކުއްޖާގެ މަޞްލަޙަތަށް އިސްކަންދިނުމަށްޓަކައި ޤާނޫނުގައިވާ ގޮތުގެމަތިން ކުއްޖާ މައިންބަފައިންނާ ވަކިކުރަންޖެހޭ ފަދަ ޙާލަތެއްގައި މެނުވީ، ނުވަތަ ކުއްޖާ މައިންބަފައިންނާ ދުރުގައި ހުރުމަށް ޤާނޫނަކުން ކުރިމަތިކުރުވާ ޙާލަތެއްގައި މެނުވީ، ކޮންމެ ކުއްޖަކަށްވެސް އެކުއްޖެއްގެ މައިންބަފައިންނާ އެކުގައި ދިރިއުޅުމުގެ ޙައްޤު ލިބިގެންވެއެވެ.
(ނ) ކުޑަކުއްޖަކީ އޭނާގެ މައިންބަފައިން ނުވަތަ މަންމަ ނުވަތަ ބައްޕައާ ދުރުގައި ދިރިއުޅޭ ކުއްޖެއްކަމަށްވާނަމަ، އަދި އެމީހުންނާ ގުޅުމެއް ބޭއްވުމަކީ ކުއްޖާގެ މަޞްލަޙަތަށް ނޭދެވޭ އަސަރެއް ކުރާނެ ކަމެއް ކަމުގައިނުވާނަމަ، އެކުއްޖާއަށް އޭނާގެ މައިންބަފައިން ނުވަތަ މަންމަ ނުވަތަ ބައްޕައާ ގަވާއިދުން ގުޅުން ބާއްވަމުން ގެންދިޔުމުގެ ޙައްޤު ލިބިގެންވެއެވެ.
(ރ) ކުއްޖާގެ މަޞްލަޙަތަށް ރިޢާޔަތްކުރާއިރު، ކުއްޖާގެ މަޞްލަޙަތަށް އެންމެ ފައިދާހުރި ގޮތަކީ، ޤާނޫނުގައިވާ ގޮތުގެމަތިން އޭނާގެ މައިންބަފައިންނާ ވަކިކުރުން ކަމުގައިވާ ޙާލަތުގައި މެނުވީ، ކުއްޖާގެ އަދި ކުއްޖާގެ މައިންބަފައިންގެ ނުރުހުމުގައި، ކުއްޖާގެ މައިންބަފައިންގެ ކިބައިން އޭނާ ވަކިކޮށްގެންނުވާނެއެވެ.
ކުއްޖާގެ އިޖްތިމާޢީ، ރޫޙާނީ އަދި އަޚްލާޤީ ދުޅަހެޔޮކަމާއި، ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން ކުއްޖާގެ ހެދިބޮޑުވުމަށް ބޭނުންވާ، ކުއްޖާގެ ޢުމުރާގުޅޭ މަޢުލޫމާތު، ޤައުމީ އަދި ބައިނަލްއަޤްވާމީ މަޞްދަރުތަކުން، ހޯދައި ލިބިގަތުމުގެ ޙައްޤު، ކޮންމެ ކުއްޖަކަށްމެ ލިބިގެންވެއެވެ.
(ހ) ނުކުޅެދުންތެރިކަމެއް ހުރި ކޮންމެ ކުއްޖަކަށްމެ، އެކުދިންގެ ޤާބިލިއްޔަތު ތަންދޭ މިންވަރަކުން އަދި އެކުދިންގެ ކަރާމާތަށް އުނިކަމެއް ނާންނާނެ ގޮތުގެމަތިން، އަމިއްލައަށް ކަންކަން ނިންމުމުގެ އިޚްތިޔާރާއި، މުޖުތަމަޢުގައި ބައިވެރިވުމުގެ ހަމަހަމަ ފުރުޞަތު ލިބި، ފުރިހަމަ އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ޙައްޤު ލިބިގެންވެއެވެ.
(ށ) ނުކުޅެދުންތެރިކަމެއް ހުރި ކޮންމެ ކުއްޖަކަށްމެ، ޢާއިލާގެ ފަރާތުންނާއި، ޖަމާޢަތުގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން ޚާއްޞަ އަޅާލުމާއި ރައްކާތެރިކަން ލިބުމުގެ ޙައްޤު ލިބިގެންވެއެވެ.
(ނ) ކުޑަކުއްޖެއްގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރުމަކީ، އެކުއްޖެއްގެ މައިންބަފައިންނާ އެކުއްޖާ ވަކިކުރުމަށް ޞައްޙަ ސަބަބެއް ނޫނެވެ. އަދި ކުއްޖާގެ މަޞްލަޙަތަށް އެންމެ ފައިދާހުރި ގޮތް ކަމުގައިވާ ޙާލަތުގައި މެނުވީ، ކުއްޖެއްގެ މައިންބަފައިންގެ ކިބައިގައި ނުކުޅެދުންތެރިކަމެއް ހުރުމަކީވެސް އެކުއްޖެއްގެ މައިންބަފައިންނާ އެކުއްޖާ ވަކިކުރުމަށް ޞައްޙަ ސަބަބެއްނޫނެވެ.
(ހ) ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން ދުޅަހެޔޮ ޞިއްޙަތަކަށް ވާޞިލުވުމަށް ބޭނުންވާ ޞިއްޙީ ފަރުވާއާއި ޚިދުމަތް، ލިބެންހުރި އެންމެ މަތީ ފެންވަރަކުން ލިބުމުގެ ޙައްޤާއި، ބަލިވުމުން، އެ ބައްޔަކަށް ފަރުވާ ހޯދޭނެ ވަސީލަތްތައް ލިބުމުގެ ޙައްޤު ކޮންމެ ކުއްޖަކަށްމެ ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމުގެ ޙައްޤާއި އެކަށީގެންވާ ޞިއްޙީ ފަރުވާ ލިބުމުގެ ޙައްޤުގެ ތެރޭގައި، އެކަށީގެންވާ ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް ލިބުމާއި، ބަލިތަކުން ދުރުވެތިބުމަށް ބޭނުންވާނެ މަޢުލޫމާތާއި، ވަސީލަތްތަކާއި ޚިދުމަތްތައް ކުއްޖާގެ ޢުމުރާ އެކަށީގެންވާ ގޮތެއްގައި ލިބުމާއި، މައިމީހާގެ ބަނޑުގައި ކުއްޖާ ގަރުބަގަތީއްސުރެ އެކުއްޖާއަށާއި އެކުއްޖާގެ މައިމީހާއަށް ލިބެންވާ ދަރިމައިވުމާގުޅޭ ޞިއްޙީ ފަރުވާއާއި އެނޫންވެސް ޞިއްޙީ ފަރުވާ ލިބުމުގެ ޙައްޤު ހިމެނެއެވެ. އަދި ކުއްޖާގެ ޞިއްޙަތަށް ގެއްލުންލިބިދާނެ ޘަޤާފީ އާދަކާދަތަކާއި ޢަމަލުތަކުން ރައްކާތެރިވެތިބުމުގެ ޙައްޤުވެސް ހިމެނިގެންވެއެވެ.
(ނ) ކޮންމެ ކުއްޖަކަށް މައިމީހާގެ ބަނޑުގައި ކުއްޖާ ގަރުބަގަތީއްސުރެ ވިހެއުމަށްފަހު ބޭނުންވާ ޞިއްޙީ ފަރުވާއާއި ޚިދުމަތްތައް ލިބިދިނުމާއި، އެފަދަ ޚިދުމަތްތަކަށް ވާޞިލުވެވޭނެ މަގުފަހިކޮށްދިނުމަކީ، އެކުއްޖާގެ މައިންބަފައިންނާއި ދައުލަތުގެ ޒިންމާއެކެވެ.
(ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ޞިއްޙީ ފަރުވާއާއި ޚިދުމަތްތައް ލިބިދިނުމުގައި، ބަލިތަކުން ސަލާމަތްވުމަށް ޖަހަންޖެހޭ ވެކްސިން ޖެހުމަކީ މައިންބަފައިންގެ ޒިންމާއެކެވެ. އެ ވެކްސިން ޖެހުމަށް އިޢުތިރާޟްކުރުމުގެ ޙައްޤު މައިންބަފައިންނަށް ލިބިގެނެއްނުވެއެވެ.
(ބ) މި މާއްދާގައި ބަޔާންކޮށްފައިވާ ޞިއްޙީ ފަރުވާއާއި ޚިދުމަތްތައް ޤާއިމުކޮށް، އެކަންކަމަށް ވާޞިލުވެވޭނެ މަގުފަހިކޮށްދިނުމާއި، އެފަދަ ޚިދުމަތްތަކަށް ވާޞިލުވުމުން މަޙްރޫމުވެފައިވާ ކުއްޖަކު ނެތްކަން ކަށަވަރުކުރުމަކީ ދައުލަތުގެ ޒިންމާއެކެވެ.
(ހ) ކޮންމެ ކުއްޖެއްވެސް ޖިސްމާނީގޮތުންނާއި، ނަފްސާނީގޮތުންނާއި، ރޫޙާނީގޮތުންނާއި، އަޚްލާޤީގޮތުންނާއި، އިޖްތިމާޢީގޮތުން ކުރިއެރުމަށްޓަކައި، އެކުއްޖެއްގެ ދިރިއުޅުމުގެ ފެންވަރު އެކަށީގެންވާ މިންވަރެއްގައި ދެމެހެއްޓުމުގެ ޙައްޤު ލިބިގެންވެއެވެ.
(ށ) ދުޅަހެޔޮ ޞިއްޙަތެއްގައި ހެދިބޮޑުވުމަށް ކުއްޖާއަށް ބޭނުންވާ ކާނާއާއި ސާފު ފެން ލިބިދިނުމާއި، އެކަށީގެންވާ ނަރުދަމާ ނިޒާމެއްގެ ޚިދުމަތް ލިބިދިނުމާއި، އެކަށީގެންވާ ފޭރާމާއި ބޯހިޔާވަހިކަން ލިބުމާއި، ސާފު އަދި ޞިއްޙަތަށް ރަނގަޅު ވެއްޓެއްގައި ހެދިބޮޑުވުމުގެ ޙައްޤު، ކޮންމެ ކުއްޖަކަށްމެ ލިބިގެންވެއެވެ.
(ނ) ކުއްޖާ ހެދިބޮޑުވުމަށް ބޭނުންވާ ދިރިއުޅުމުގެ ހަމަތައް ފޯރުކޮށްދިނުމުގެ އެންމެ އިސް ވާޖިބު، އެމީހުންގެ ޤާބިލިއްޔަތާއި މާލީ ޙާލަތު ތަންދިން މިންވަރަކުން އަދާކުރާނީ ކުއްޖާގެ މައިންބަފައިން ނުވަތަ ކުއްޖާގެ ބެލެނިވެރިކަން އެއިރެއްގައި ޙަވާލުކުރެވިފައިވާ ފަރާތަކުންނެވެ.
(ރ) އިޖްތިމާޢީ ރައްކާތެރިކަން ބޭނުންވެފައިވާ ކުދިންނަށާއި އެކުދިންގެ މައިންބަފައިންނަށް އެ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ، ދައުލަތުގެ ތަނަވަސްކަމާއި ކުޅަދާނަކަން ހުރި މިންވަރަކުން، ދައުލަތުގެ ޒިންމާއެކެވެ.
(ހ) ދިވެހިރާއްޖޭގައި ދިރިއުޅޭ ކޮންމެ ކުއްޖަކަށްވެސް އެއްވެސް ތަފާތުކުރުމެއް ނެތި އުނގެނުމުގެ ޙައްޤު ލިބިގެންވެއެވެ.
(ށ) ދިވެހިރާއްޖޭގައި ދިރިއުޅޭ ކުޑަކުދިންގެ ފަށާ ތަޢުލީމާއި މެދުމަދުރަސީ ތަޢުލީމާއި ތަރުބިއްޔަތާބެހޭ ކަންކަން އުނގަންނައިދިނުމަކީ އެކުދިންގެ މައިންބަފައިންނަށާއި ދައުލަތުގެ މައްޗަށް ލާޒިމުކަމެކެވެ.
(ނ) އިސްލާމީ އަޤީދާއާއި އުސޫލުތަކާއި އިސްލާމީ ތަރުބިއްޔަތާއި، އިންސާނީ ޙައްޤުތަކަށް އިޙްތިރާމްކުރުމާއި، ޢާންމުކޮށް އެންމެންގެ މެދުގައި ސުލްޙަމަސަލަސްކަމާއި ރަޙުމަތްތެރިކަން ބާއްވައިގެން އުޅުމުގެ މުހިންމުކަމާއި، ދީމިޤްރާޠީ ހަމަތައް އުނގަންނައިދޭ، އަދި އެކަންކަމަށް ބާރުއަޅާ ތަޢުލީމީ ނިޒާމެއް މެދުވެރިކޮށް ކޮންމެ ކުއްޖަކަށްވެސް އުނގެނެވޭނެގޮތް ދައުލަތުން ހަމަޖައްސައިދޭންވާނެއެވެ.
(ރ) ކުޑަކުދިން ކުޅިވަރުކުޅެ މުނިފޫހިފިލުވުމަށް ނުކުމެ އުޅެވޭނެ ތަންތަން، ދައުލަތުގެ ތަނަވަސްކަމާއި ކުޅަދާނަކަންހުރި މިންވަރަކުން އެކަށީގެންވާ ރައްކާތެރި އަދި ރަނގަޅު ފެންވަރެއްގައި ދައުލަތުން ޤާއިމުކޮށްދޭންވާނެއެވެ.
(ބ) މި މާއްދާގައި ބަޔާންކޮށްފައިވާފަދަ ތަޢުލީމީ ނިޒާމެއް ޤާއިމުކޮށް، އެކަންކަމަށް ވާޞިލުވެވޭނެ މަގުފަހިކޮށްދިނުމާއި، ފަށާ ތަޢުލީމާއި، މެދުމަދަރުސީ ތަޢުލީމު ޙާޞިލުކުރުމުން މަޙްރޫމުވެފައިވާ ކުއްޖަކު ނެތްކަން ކަށަވަރުކުރުމަކީ ދައުލަތުގެ ޒިންމާއެކެވެ.
(ޅ) ސްކޫލަށް ނުދާ އަދި ނުފޮނުވާ ކުދިން ދެނެގަނެ، އެ ކުދިން ސްކޫލަށް ގެންދާނެ ނިޒާމެއް އެކުލަވާލުމަކީ ދައުލަތުގެ ޒިންމާއެކެވެ.
(ހ) ކޮންމެ ކުއްޖަކަށްމެ، ޤާނޫނުގައިވާ ގޮތުގެމަތިން މުދާ ހޯދުމާއި، މިލްކުކުރުމާއި، ވާރުތަކުރުމާއި، މުދަލުން މުޢާމަލާތުކުރުމުގެ ޙައްޤު ލިބިގެންވެއެވެ.
(ށ) ކުޑަކުދިންގެ ނަމުގައި ހުރި މުދަލާއި އެކުދިންނަށް ވާރުތަ ނުވަތަ ތަރިކައިގެ ތެރެއިން ލިބޭނެ މުދާ އެކުދިންނަށް 18 (އަށާރަ) އަހަރު ވުމުގެ ކުރިން އެކުދިންގެ ބޭނުންތަކަށް ބޭނުންކުރުމާއި، ވިއްކާލުމާއި، ބަދަލުކުރުމާބެހޭ އުސޫލުތައް ބަޔާންކުރަންވާނެއެވެ.
(ހ) ކޮންމެ ކުއްޖަކަށްމެ އަރާމުކުރުމާއި، އެކުއްޖާގެ ޢުމުރާގުޅޭ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ޙަރަކާތްތަކުގައި ބައިވެރިވުމާއި، ޘަޤާފީ ކަންކަމާއި، ފަންނުވެރި ކަންކަމުގައި ބައިވެރިވުމުގެ ޙައްޤު ލިބިގެންވެއެވެ.
(ށ) ޘަޤާފީ އަދި ފަންނުވެރި ކަންކަމުގައި ކުއްޖާ ބައިވެރިވުމަށް ލިބިފައިވާ ޙައްޤަށް އިޙްތިރާމްކޮށް، އެކަންކަމަށް ހިތްވަރުދީ، ކުދިންނަށް ޘަޤާފީ ކަންކަމާއި، ފަންނުވެރި ކަންކަމާއި، މުނިފޫހިފިލުވުމާއި، ކުޅިވަރު ޙަރަކާތްތަކުގައި ބައިވެރިވުމުގެ ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށް އަޅަންޖެހޭ އެކަށީގެންވާ ފިޔަވަޅުތައް، ކުއްޖާގެ މައިންބަފައިންނާއި ދައުލަތުން އަޅަމުން ގެންދަންވާނެއެވެ.
(ނ) ކޮންމެ ކުއްޖަކަށްމެ ބައިވެރިވުމުގެ ފުރުޞަތު ލިބޭ ގޮތަށް، އެކުދިން ހުސް ވަގުތުތަކުގައި ކުޅޭނެ ކުޅިވަރާއި، މުނިފޫހިފިލުވުމުގެ ޙަރަކާތްތަކަށް ބޭނުންވާ ވަސީލަތްތައް، ދައުލަތުގެ ތަނަވަސްކަމާއި، ކުޅަދާނަކަންހުރި މިންވަރަކުން ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެކެވެ.
)ރ) މި މާއްދާގެ (ނ) ގައި ބަޔާންކުރާ ކަންކަމުގައި ބައިވެރިވުމުގެ ފުރުޞަތު ދައުލަތުގެ ތަނަވަސްކަމާއި، ކުޅަދާނަކަންހުރި މިންވަރަކުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށްވެސް ފޯރުކޮށްދޭންވާނެއެވެ.
(ހ) ކުއްޖާގެ މަޞްލަޙަތަށް ނޭދެވޭ އަސަރެއް ކޮށްފާނެ ޙާލަތެއްގައި މެނުވީ، ކުއްޖާގެ މަންމަ ނުވަތަ ބައްޕައާ ވަކިން ދިރިއުޅޭ ޙާލަތުގައި، ކުއްޖާއާ ވަކިން ދިރިއުޅޭ ފަރާތާ ގަވާއިދުން ބައްދަލުކޮށް، ގުޅުން ބަދަހިކުރުމުގެ ޙައްޤު، ކޮންމެ ކުއްޖަކަށްމެ ލިބިގެންވެއެވެ.
(ށ) ކުއްޖާގެ މަޞްލަޙަތަށް ނޭދެވޭ އަސަރެއް ކޮށްފާނެ ޙާލަތެއްގައި މެނުވީ، ކުއްޖާއާ ބައްދަލުކޮށް، ގުޅުން ބަދަހިކުރުމުގެ ޙައްޤު ކުއްޖާގެ ގާތްތިމާގެ މީހުންނަށާއި، ކުއްޖާއާ ޢާއިލީގޮތުން ގާތް ގުޅުމެއް އޮންނަ ފަރާތްތަކަށް ލިބިގެންވެއެވެ.
އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ކުޑަކުދިންނަކީ، ޞިއްޙީގޮތުންނާއި ނަފްސާނީގޮތުން ބޮޑެތި މީހުންނާ އެއް މިންވަރަކަށް ހެދިބޮޑުވެފައިވާ ބައެއް ކަމުގައިނުވާތީއާއި، އެކުދިންނަކީ ޢާއިލާގެ ފަރާތުންނާއި ޖަމާޢަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ޚާއްޞަ އެހީތެރިކަމާއި ޚާއްޞަ ރައްކާތެރިކަން ލިބިދޭންޖެހޭ ބައެއްކަމުގައި ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާތީ، ޢުމުރުން 18 (އަށާރަ) އަހަރުން ދަށުގެ ކުޑަކުދިންނަށް ކާވެނި ޢަޤުދުކޮށްދީގެންނުވާނެއެވެ.
(ހ) ކުއްޖާއަށް ތަޢުލީމު އުނގެނުމަށް ހުރަސްއެޅޭ ފަދަ ނުވަތަ ކުއްޖާގެ ޞިއްޙަތަށް ނުވަތަ ކުއްޖާގެ ޖިސްމާނީ ނުވަތަ ނަފްސާނީ ނުވަތަ ރޫޙާނީ ނުވަތަ އިޖްތިމާޢީ ތަރައްޤީއަށް ނޭދެވޭ އަސަރެއް ނުވަތަ ގެއްލުމެއް ކުރިމަތިކުރުވަފާނެ ފަދަ މަސައްކަތްތަކުން ރައްކާތެރިކަން ލިބުމުގެ ޙައްޤު ކޮންމެ ކުއްޖަކަށްމެ ލިބިގެންވެއެވެ.
(ށ) ޢުމުރުން 16 (ސޯޅަ) އަހަރު ނުފުރޭ ކުއްޖަކު، އެކުއްޖެއްގެ ތަޢުލީމާއި ތަރުބިއްޔަތާ ގުޅޭގޮތުން ތަމްރީން ދިނުމަށް މެނުވީ، ވަޒީފާއެއްގައި ނުވަތަ މަސައްކަތެއް ކުރުމަށް ގެންގުޅުމަކީ މަނާކަމެކެވެ.
(ނ) ޤާނޫނު ހުއްދަކުރާ ޙާލަތުގައި، ޢުމުރުން 16 (ސޯޅަ) އަހަރު ނުފުރޭ ކުއްޖަކު އެކުއްޖެއްގެ ރުހުމާއެކު ޢާއިލާގެ ފަރާތުން ކުރާ މަސައްކަތެއްގައި ބައިވެރިވުން މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުސޫލުން އިސްތިސްނާވާނެއެވެ.
(ރ) މި މާއްދާގެ (ނ) އެހެންއޮތްނަމަވެސް، ޢާއިލާގެ ފަރާތުން ކުރާ މަސައްކަތެއްގައި ކުއްޖާ ބައިވެރިކުރުމަށް ހުއްދަވާނީ، އެ މަސައްކަތަކީ، ކުއްޖާއަށް ތަޢުލީމު އުނގެނުމަށް ހުރަސްއެޅޭ ފަދަ ނުވަތަ ކުއްޖާގެ ޞިއްޙަތަށް ނުވަތަ ކުއްޖާގެ ޖިސްމާނީ ނުވަތަ ނަފްސާނީ ނުވަތަ ރޫޙާނީ ނުވަތަ އިޖްތިމާޢީ ތަރައްޤީއަށް ނޭދެވޭ އަސަރެއް ނުވަތަ ގެއްލުމެއް ކުރިމަތިކުރުވަފާނެ ފަދަ މަސައްކަތެއް ކަމުގައިނުވާނަމައެވެ.
(ބ) ތަމްރީން ދިނުމަށާއި ޢާއިލާއިން ކުރާ މަސައްކަތްތަކުގައި ކުދިން ބައިވެރިކުރުމާބެހޭ އުސޫލުތަކާއި، ކުޑަކުދިން ބައިވެރިކުރުން މަނާ މަސައްކަތްތަކުގެ ތަފްޞީލު ލިސްޓަކާއި، ތަމްރީން ދިނުމަށާއި ޢާއިލާއިން ކުރާ މަސައްކަތްތަކުގައި ބައިވެރިކުރުވާ ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމުގެ ގޮތުން ހިފަހައްޓަންޖެހޭ މިންގަނޑުތަކާބެހޭ ގަވާއިދުތައް މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި އެކުލަވާލައި، އެ ކަންކަން ހިނގާގޮތް، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ލޭބަރ ރިލޭޝަންސް އޮތޯރިޓީން މޮނިޓަރކުރަމުން ގެންދަންވާނެއެވެ.
(ހ) ބަނގުރާ ބުއިމާއި، ދުންފަތުގެ އިސްތިޢުމާލުކުރުމާއި، މަސްތުވާތަކެތި ބޭނުންކުރުން ފަދަ ޢަމަލުތަކުން ރައްކާތެރިވުމުގެ ޙައްޤު ކޮންމެ ކުއްޖަކަށްމެ ލިބިގެންވެއެވެ.
(ށ) ބަނގުރާ ބުއިމާއި، ދުންފަތުގެ އިސްތިޢުމާލުކުރުމާއި، މަސްތުވާތަކެތި ބޭނުންކުރުން ފަދަ ޝިކާރަތަކުން ރައްކާތެރިކޮށްދިނުމަށް ޤާނޫނީގޮތުންނާއި، އިދާރީގޮތުންނާއި، އިޖްތިމާޢީގޮތުންނާއި އަދި ތަޢުލީމު އުނގަންނައިދިނުމުގެ ތެރެއިން އެޅެންހުރި ފިޔަވަޅުތަކާއި، އެފަދަ ތަކެތި ނަހަމަގޮތުގައި އުފެއްދުމާއި، ވިއްކުމާއި، އެތަކެތި ޓްރެފިކްކުރުމުގައި ކުޑަކުދިން ބޭނުންކުރާ ކުރުމާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުތައް ދައުލަތުން އަޅަމުން ގެންދަންވާނެއެވެ.
(ނ) މަސްތުވާތަކެއްޗާއި ބަނގުރަލުގެ ޝިކާރައަކަށްވެ، އެތަކެއްޗަށް ދެވިހިފާފައި ތިބޭ ކުދިންނަށް ފަރުވާދެވޭނެ ވަސީލަތްތައް، ދައުލަތުގެ ތަނަވަސްކަމާއި ކުޅަދާނަކަންހުރި މިންވަރަކުން ދައުލަތުން ހަމަޖައްސައިދޭންވާނެއެވެ.
އެއްވެސް މައްސަލައެއްގައި، ކުޑަކުއްޖެއްގެ ފަރާތުން ހެކިބަހެއް ހޯދައިފިނަމަ، މި ޤާނޫނުގެ ދަށުން އެކުއްޖާއަށް ރައްކާތެރިކަމާއި ޙިމާޔަތް ލިބެންވާނެއެވެ.
(ހ) ކުޑަކުދިންނަކީ، ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުން ބޮޑެތި މީހުންނެކޭ އެއްފަދައިން ހެދިބޮޑުވެފައިވާ ބައެއް ކަމުގައިނުވާތީއާއި، އެކުދިންނަކީ ދައުލަތުގެ ފަރާތުންނާއި ޢާއިލާގެ ފަރާތުންނާއި ޖަމާޢަތުގެ ފަރާތުން ޚާއްޞަ އެހީތެރިކަމާއި ޚާއްޞަ ރައްކާތެރިކަން ލިބިދޭންޖެހޭ ބައެއް ކަމުގައި ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާތީ، އެކަމަށް ރިޢާޔަތްކުރުމާއެކު، ޢުމުރުން 15 (ފަނަރަ) އަހަރުން ދަށުގެ ކުޑަކުދިންނަކީ ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ކުދިން ކަމުގައެއް ނުބެލެވޭނެއެވެ.
(ށ) ކުޑަކުއްޖަކީ މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޢުމުރުގެ ނުވަތަ އެއަށްވުރެ މަތީ ޢުމުރެއްގެ ކުއްޖެއް ކަމުގައިވީނަމަވެސް، ކުއްޖާގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށާއި، ވަށައިގެންވާ ޙާލަތްތަކަށް ރިޢާޔަތްކުރުމަކާ ނުލައި، ހަމައެކަނި ކުއްޖާގެ ޢުމުރަށް ބަލައި، ވަކި ޢުމުރެއް ފުރިހަމަވެފައިވާ ކުއްޖަކީ، ކުށް ކުރުމަށް ތަސައްރަފު ފުދިފައިވާ ކުއްޖެއް ކަމުގައި ބަލައިގެންނުވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޢުމުރަށްވުރެ ހަގު ކުޑަކުދިން ކުށުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހުނު ކަމުގައިވީނަމަވެސް، ކުޑަކުދިންނަށް ޚާއްޞަކުރެވިގެން ޤާއިމުކުރެވޭ ނިޒާމެއްގެ ދަށުން، ޤާނޫނާ ޚިލާފު ޢަމަލުތައް ކުރާ ކުޑަކުދިންނާމެދު ޢަމަލުކުރުމަކަށް މި މާއްދާ ހުރަހެއްނާޅައެވެ.
(ރ) ކުޑަކުދިންނަކީ، ބޮޑެތި މީހުންނާ އެއް މިންވަރަކަށް ހެދިބޮޑުވެ، ތަސައްރަފު ފުދިފައިވާ ބައެއް ކަމުގައިނުވާތީއާއި، އެކުދިންނަކީ ދައުލަތުގެ ފަރާތުންނާއި ޢާއިލާގެ ފަރާތުންނާއި ޖަމާޢަތުގެ ފަރާތުން ޚާއްޞަ އެހީތެރިކަމާއި ޚާއްޞަ ރައްކާތެރިކަން ލިބިދޭންޖެހޭ ބައެއް ކަމުގައި ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާތީ، އެއްވެސް ކުއްޖަކަށް، މަރުގެ އަދަބު ދީގެންނުވާނެއެވެ. އަދި ޢުމުރުން 18 (އަށާރަ) އަހަރުވުމަށްފަހުގައިވެސް ޢުމުރުން 18 (އަށާރަ) އަހަރު ފުރުމުގެ ކުރިން ކުއްޖަކު ކޮށްފައިވާކަމަށް ސާބިތުވެފައިވާ ކުށަކާ ގުޅިގެން މަރުގެ އަދަބުދީގެންނުވާނެއެވެ.
(ބ) މި މާއްދާގެ (ރ) ގެ ބޭނުމަށްޓަކައި، އެއްވެސް ޤާނޫނެއްގައި މަރުގެ އަދަބު ކަނޑައެޅިފައިވާ ކުށެއް، ކުޑަކުއްޖެއްގެ މައްޗަށް ސާބިތުވާ ޙާލަތުގައި، އެކުއްޖެއްގެ މައްޗަށް ކޮށްފައިވާ ޙުކުމް، އެ ކުށަށް ކަނޑައެޅިފައިވާ ދެން އޮތް އެންމެ ބޮޑު އަދަބެއްގެ ހަތަރުބައިކުޅަތިންބަޔަށްވުރެ ބޮޑު ނޫން އަދަބަކަށް ބަދަލުކުރަންވާނެއެވެ.
(ޅ) ޤާނޫނު ތަންފީޛުކުރާ އިދާރާއަކުން އެއްވެސް ފަރާތަކާމެދު ފިޔަވަޅު އެޅުމުގައި އެފަރާތަކީ ކުޑަކުއްޖެއްކަން ނުވަތަ ޢުމުރުން 18 (އަށާރަ) އަހަރުން މަތީގެ މީހެއްކަން ޔަޤީންނުކުރެވޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު، އެއީ ކުޑަކުއްޖެއް ކަމުގައި ބަލައި، މި ޤާނޫނުން ލިބިދޭ މަންފާ އެފަރާތަކަށް ލިބިދޭންވާނެއެވެ.
އެއްވެސް ކުއްޖަކަށް، އެކުއްޖާ ދިރިއުޅެމުންގެންދާ ގޭތެރޭގައިވެސް ނުވަތަ ތަޢުލީމްދޭ މަރުކަޒެއްގައިވެސް ނުވަތަ ކުއްޖާ ބަލަހައްޓާ މަރުކަޒެއްގައިވެސް ނުވަތަ އެކުއްޖާ ދިރިއުޅޭ އެނޫންވެސް މާޙައުލެއްގައި، ރަޙުމްކުޑަ، ލާއިންސާނީ، ނުވަތަ ކުއްޖާ ލަދުގަންނާނެ ފަދަ އަދަބެއް ދީގެންނުވާނެއެވެ. ނުވަތަ އެއްވެސް ބާވަތެއްގެ އަނިޔާއެއް ކޮށްގެން ނުވާނެއެވެ.
(ހ) އަނިޔާކުރުމާއި ގޯނާކުރުމާއި އިހުމާލުވުމުގެ ޝިކާރައަކަށްވާ ކުދިން އަނބުރާ މުޖުތަމަޢާ ގުޅުމަށް ބޭނުންވާ ޖިސްމާނީ އަދި ނަފްސާނީ ފަރުވާ ލިބުމުގެ ޙައްޤު، ކޮންމެ ކުއްޖަކަށްމެ ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރުވާ ކުޑަކުދިންނަށް ލިބިދެވޭނެ ވަސީލަތްތަކާއި އިންތިޒާމުތައް ދައުލަތުން ހަމަޖައްސައިދޭންވާނެއެވެ.
ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން މެނުވީ، އަދި އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުގައި މެނުވީ، ކުޑަކުއްޖަކު ހައްޔަރުކޮށް ނުވަތަ ބަންދުކޮށްގެންނުވާނެއެވެ. އަދި އެފަދައިން އެކުއްޖަކު ހައްޔަރު ނުވަތަ ބަންދުކުރަންވާނީ، އެ ޙާލަތެއް ލާޒިމުކުރާ އެންމެ ކުރު މުއްދަތަކަށް ކަމުގައިވުމުގެ އިތުރަށް، ކުޑަކުއްޖެއްގެ މައްޗަށް ކުރެވޭ ޖިނާއީ ދަޢުވާއެއް ސާބިތުވެގެން އެކުއްޖާ ބަންދުގައި ބެހެއްޓުމަށް ކުރެވޭ ޙުކުމަކީ، ގަވާއިދުން މުރާޖަޢާކުރެވޭ ނިންމުމަކަށް ވާންވާނެއެވެ. އަދި ބަންދުކުރުމަށް ފަހުގައިވެސް، އެކުއްޖާ އަނބުރާ މުޖުތަމަޢަށް ރުޖޫޢަކުރުމަށް އަމާޒުކޮށްގެން ދެވޭ ފަރުވާއާއި ޚިދުމަތްތައް ކުއްޖާއަށް ފޯރުކޮށްދެމުންގެންދަންވާނެއެވެ.
(ހ) ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނަ ގޮތަކަށް، ކުޑަކުދިންގެ ޒާތީ މަޢުލޫމާތު އެއްވެސް ފަރާތަކުން ޢާންމުކޮށްގެންނުވާނެއެވެ.
(ށ) ކުށުގެ ތުހުމަތުގައިވާ ކުދިންނާއި، ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި، އެނޫންވެސް ސަބަބަކަށްޓަކައި އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ ނަމާއި، އެޑްރެހާއި، ތަޢުލީމު ޙާޞިލުކުރާ ތަނުގެ މަޢުލޫމާތު ފަދަ ޒާތީ މަޢުލޫމާތެއް ނުވަތަ ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ އެއްވެސް މަޢުލޫމާތެއް ނުވަތަ އެކުދިންގެ ތަސްވީރެއް، އެއްވެސް މީޑިއާގެ ނުވަތަ އެނޫންވެސް ވަސީލަތެއްގައި ޝާއިޢުކޮށްގެން ނުވާނެއެވެ.
(ނ) މި މާއްދާގެ (ށ) އެހެން އޮތްނަމަވެސް، ކުއްޖާގެ މަޞްލަޙަތަށްޓަކައި، ހުއްދަކުރެވިގެންވާ ޙާލަތްތަކެއްގައި އަދި ލިޔުމުން ރެކޯޑުކުރެވޭ ސަބަބުތަކަށްޓަކައި، ޝަރުޢީ ކޯޓަކުން ނުވަތަ ޗިލްޑްރެންސް އޮމްބަޑްސްޕަރސަން ހުއްދަކުރާ މިންވަރެއް ޢާންމުކުރެވިދާނެއެވެ.
(ހ) މި ބާބުގައި ބަޔާންކުރާ ޙައްޤުތައް ކުއްޖާއަށް ލިބިދިނުމުގައި މި ޤާނޫނު ކިޔަންވާނީ ކުއްޖާގެ މަޞްލަޙަތަށް އެންމެ ފައިދާވާ ގޮތަށެވެ.
(ށ) ދައުލަތުގެ ކޮންމެ އިދާރާއަކުންވެސް، އެ އިދާރާއެއްގައި ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ މަސައްކަތްތައް ކުރާ އެންމެހައި މުވައްޒަފުންނަކީ، ކުއްޖާގެ މަޞްލަޙަތަށް އެންމެ ފައިދާވާނެ ގޮތަށް މަސައްކަތްކުރާ ނުވަތަ ކުއްޖާގެ މަޞްލަޙަތަށް އިސްކަންދޭ މުވައްޒަފުންކަން ކަށަވަރުކުރަންވާނެއެވެ. އަދި އެކަމަށް އެކަށީގެންވާ ތަމްރީން ލިބިފައިވާ ބައެއްކަން ކަށަވަރުކުރަންވާނެއެވެ.
(ނ) މި ޤާނޫނުގެ ދަށުން ކުޑަކުދިންނަށް ލިބިދޭ ޙައްޤުތައް އެހެން ޤާނޫނަކުން މާ ފުޅާ ދާއިރާއެއްގައި ލިބިދެވޭނަމަ، އެ ޤާނޫނެއްގެ މަންފާ އެކުދިންނަށް ލިބިދިނުމަކަށް މި ޤާނޫނު ހުރަހެއް ނާޅައެވެ.
(ރ) މި ބާބުގައި ބަޔާންކޮށްފައިވާ އެއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއް އެއްވެސް ކުއްޖެއްގެ ކިބައިން ނިގުޅައިގެންފިނަމަ، ނުވަތަ ޤާނޫނާ ޚިލާފަށް ހިފަހައްޓައިފިނަމަ، އެކަމަށް އިންޞާފުވެރި ޙައްލެއް ހޯދުމަށްޓަކައި ދައުލަތުގެ ކަމާބެހޭ އިދާރާތަކަށާއި ޝަރުޢީ ކޯޓުތަކަށް ހުށަހެޅުމުގެ ޙައްޤު، ކުއްޖާއަށް ނުވަތަ ކުއްޖާގެ ބެލެނިވެރިންނަށް ލިބިގެންވެއެވެ.
މި ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކުގެ އިތުރުން، ޤާނޫނުއަސާސީގެ ދެވަނަ ބާބުގައާއި އެހެން ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތައް، ޤާނޫނުއަސާސީގައި ނުވަތަ އެ ޤާނޫނުތަކުގައި ކަނޑައެޅިފައިވާ ދާއިރާގެ ތެރޭގައި ކޮންމެ ކުއްޖަކަށްމެ ލިބިގެންވެއެވެ.
ކޮންމެ ކުއްޖަކަށްމެ މި ޤާނޫނުންނާއި ޤާނޫނުއަސާސީން ޙައްޤުތަކެއް ކަށަވަރުކޮށްދޭ ހިނދު، އެ ޙައްޤުތަކާ އެކުއެކީގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކަކާއި ވާޖިބުތަކެއް އޮންނާނެއެވެ. އަދި އެ ޙައްޤުތަކާއި މަސްއޫލިއްޔަތުތަކަކީ ވަކިނުކުރެވޭނެ ދެ އަސާސް ކަމުގައިވާ ހިނދު، އަންނަނިވި ކަންކަން ކުރުމަކީ، ކުއްޖާގެ ޢުމުރާއި ޤާބިލިއްޔަތު ތަންދޭ މިންވަރަކުން، މި ޤާނޫނުގައި ކަނޑައަޅާފައިވާ ޙުދޫދުގެ ތެރެއިން ކޮންމެ ކުއްޖެއްގެ މައްޗަށްވެސް އޮތް މަސްއޫލިއްޔަތެކެވެ.
(ހ) މައިންބަފައިންނާއި ޢާއިލާއާއި އުނގަންނައިދޭ ފަރާތްތަކުގެ އިރުޝާދާ އެއްގޮތްވާ ގޮތުގެމަތިން އަޚްލާޤާއި ދިރިއުޅުން ބައްޓަންކުރުން؛
(ށ) ތަޢުލީމާއި ތަމްރީން ހޯދުމަށް އެންމެ އިސްކަންދީގެން ދިރިއުޅުން ހެޔޮގޮތުގައި ބައްޓަންކުރުން؛
(ނ) ދިވެހި ކޮންމެ ކުއްޖަކުމެ، އިސްލާމީ ޢަޤީދާއާއި އިސްލާމީ ތަރުބިއްޔަތާ އެއްގޮތްވާ ގޮތުގެމަތިން ދިރިއުޅުން ބައްޓަންކުރުން؛
(ރ) އަމިއްލަ ނަފްސަށާއި އެހެން މީހުންނަށް އިޙްތިރާމްކުރުން؛
(ބ) ކުށްކުރުމާއި ނޭދެވޭ ޢަމަލުތައް ކުރުމުން ދުރުހެލިވުން؛
(ޅ) ޢާންމު ދިރިއުޅުމުގައި ހެޔޮ ނަތީޖާ ނިކުންނާނެ ގޮތަށް ކަންކަން ނިންމުމަށް އަބަދުމެ މަސައްކަތްކުރުން؛
(ކ) ކޮންމެ ކުއްޖަކަށް ލިބިގެންވާ ޖިސްމާނީ އަދި ފިކުރީ ޤާބިލުކަން މުޖުތަމަޢަށް އަދި ޤައުމަށް ފައިދާހުރި ގޮތުގައި ބޭނުންކުރުމަށް މަސައްކަތްކުރުން؛
(އ) ޤާނޫނުއަސާސީގެ 67 ވަނަ މާއްދާގެ ދަށުން، ދިވެހިރައްޔިތެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ފަރުދީ ޒިންމާ އަދާކުރުން.
ކުއްޖާގެ މައިންބަފައިންނާއި ބެލެނިވެރިން ކުއްޖާއާގުޅޭ އެންމެހައި ކަންކަން ނިންމުމުގައި އެންމެ އިސްކަމެއް ދޭންވާނީ ކުއްޖާގެ މަޞްލަޙަތަށެވެ.
ކުއްޖާގެ މަޞްލަޙަތަށް އެންމެ ފައިދާހުރި ގޮތަށް ރިޢާޔަތްކޮށް ކުއްޖާ ތަރުބިއްޔަތުކޮށް، ކުއްޖާއަށް އުނގަންނައިދީ، ބަލައިބޮޑުކުރުމަކީ މައިންބަފައިންގެ އަސާސީ ޒިންމާއެކެވެ. ކުއްޖާއަށް އަޅާލުމާއި، ކުއްޖާ ބަލައިބޮޑުކުރުމުގެ ޒިންމާގެ ތެރޭގައި، އަންނަނިވި ކަންކަން ހިމެނެއެވެ.
(ހ) ކުއްޖާގެ ޙައްޤުތައް ރައްކާތެރިކޮށްދީ، ޙިމާޔަތްކޮށްދިނުން؛
(ށ) ކުއްޖާ ދުޅަހެޔޮ ޞިއްޙަތެއްގައި ހެދިބޮޑުވުމަށް ބޭނުންވާ ކާނާއާއި ބޯހިޔާވަހިކަމާއި ސާފުފެނާއި އެނޫންވެސް ރައްކާތެރިކަން ލިބިދިނުން؛
(ނ) ކުއްޖާއަށް ދޭންޖެހޭ ވެކްސިން ދިނުމާއި، ޞިއްޙީ ފަރުވާ ލިބިދިނުމާއި، ކުއްޖާގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމާއި، ކުއްޖާގެ ރައްކާތެރިކަމާއި، ކުއްޖާގެ ތަރައްޤީއަށް މަގުފަހިކޮށްދިނުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން؛
(ރ) ވަގުތީގޮތުން މައިންބަފައިން ކުއްޖާއާ ދުރުގައި ހުންނަންޖެހޭ ޙާލަތެއްގައި، ކުއްޖާގެ މަޞްލަޙަތު ޙިމާޔަތްކޮށްދެވޭނެ ޒިންމާދާރު ފަރާތަކާ ކުއްޖާ ބެލުން ޙަވާލުކުރުން.
(ހ) ކުއްޖަކު އުފަންވުމާއެކު، އެކުއްޖެއްގެ އުފަންވުން ޤާނޫނުގައިވާ ގޮތުގެމަތިން ރަޖިސްޓަރީކުރުމަކީ އެކުއްޖެއްގެ މައިންބަފައިންނަށް ލާޒިމުވެގެންވާ ކަމެކެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ކުއްޖަކު ރަޖިސްޓަރީކުރުމަށް މައިންބަފައިން އިހުމާލުވެއްޖެނަމަ، އެކުއްޖާގެ މަޞްލަޙަތު ޙިމާޔަތްކުރެވޭނެ އެހެން ފަރާތެއް މެދުވެރިކޮށް ނުވަތަ ސީދާ ދައުލަތުން އެކުއްޖާގެ އުފަންވުން ރަޖިސްޓަރީކުރަންވާނެއެވެ.
(ނ) ކުއްޖެއްގެ އުފަންވުން ޤާނޫނުގައިވާ ގޮތުގެމަތިން އެކުއްޖާގެ މައިންބަފައިން ރަޖިސްޓަރީނުކޮށްފިނަމަ، އެކުއްޖާއާމެދު އިހުމާލުވީ ކަމުގައި ބަލައި، މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެމަތިން އެކުއްޖާގެ މައިންބަފައިންނާމެދު ފިޔަވަޅު އެޅޭނެއެވެ.
(ހ) އުނގެނުމުގެ ޙައްޤު ކުއްޖާއަށް ލިބިދިނުމަށްޓަކައި، ކުއްޖާ ސްކޫލެއްގައި ރަޖިސްޓަރީކުރުމާއި ކުއްޖާ ގަވާއިދުން ސްކޫލަށް ފޮނުވުމަކީ، އަދި ކުއްޖާގެ އުނގެނުމުގެ ޙައްޤަށް އުނިކަމެއް ނާންނާނެ ފަދަ ގޮތަކަށް ކުއްޖާއާމެދު އަބަދުމެ ޢަމަލުކުރުމަކީ މައިންބަފައިންގެ ޒިންމާއެކެވެ.
(ށ) ކުއްޖާގެ އަޚްލާޤު ހެޔޮގޮތުގައި ދެމެހެއްޓުމަށްޓަކައި ކުއްޖާގެ ކަންކަން ބަލަހައްޓައި، ކުއްޖާއަށް ނަސޭހަތާއި އިރުޝާދުދިނުމުގެ ޙައްޤު މައިންބަފައިންނަށް ލިބިގެންވީނަމަވެސް، އަޚްލާޤީ ފިޔަވަޅެއް އެޅުމުގެ ނަމުގައިވިޔަސް ނުވަތަ އެނޫންގޮތަކުންވިޔަސް ކުއްޖާއަށް އެއްވެސް އަނިޔާއެއްކޮށް، ނުވަތަ ކުއްޖާއަށް ރަޙުމްކުޑަ، ލާއިންސާނީ އަދަބެއް ދީގެންނުވާނެއެވެ. ނުވަތަ ކުއްޖާއާމެދު އެއްވެސް އިހާނެތި ޢަމަލެއް ނުވަތަ ކުއްޖާ ލަދުގަންނާނެ ފަދަ އެއްވެސް ޢަމަލެއް ހިންގައިގެންނުވާނެއެވެ.
(ނ) ކުއްޖާ ބަލައި ބޮޑުކުރުމާއި ތަރުބިއްޔަތުކުރުމުގެ ގޮތުން މި ޤާނޫނުގެ ދަށުން ނުވަތަ އެހެން ޤާނޫނެއްގެ ދަށުން މައިންބަފައިން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރަމުން ނުގެންދާނަމަ، އެކަން އިޞްލާޙުކުރުމަށްޓަކައި، ކުއްޖާގެ މައިންބަފައިންނާމެދު ޤާނޫނުގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅޭނެއެވެ.
ކުއްޖާގެ އެންމެހައި ޒިންމާއެއް އުފުލުމުގެ، އަދި ކުއްޖާގެ ފަރާތުން ޤާނޫނުގެ ކުރިމައްޗަށް ހާޒިރުވުމުގެ ފުރިހަމަ ޙައްޤު އެކުއްޖާގެ މަންމައާއި ބައްޕައަށް ނުވަތަ އެކުއްޖާގެ ބެލެނިވެރިންނަށް ލިބިގެންވެއެވެ.
(ހ) ޤާނޫނުގައިވާ ގޮތުގެމަތިން، ކުއްޖާގެ ޚަރަދުތައް ބެލެހެއްޓުމަކީ މައިންބަފައިންގެ އަސާސީ ޒިންމާއެކެވެ.
(ށ) މައިންބަފައިން ދުނިޔޭގައި ތިބެ، ކުއްޖާ ބަލަހައްޓަމުން ގެންދަނީ ދައުލަތުން ނުވަތަ މި ޤާނޫނުގެ ދަށުން ކަނޑައެޅޭ އެހެން ފަރާތަކުންނަމަ، ކުއްޖާގެ މައިންބަފައިން ކުއްޖާގެ ޚަރަދު އެފަރާތަކާ ޙަވާލުކުރަންވާނެއެވެ.
(ނ) މައިންބަފައިން، އެމީހުންގެ ދަރިންނަށް ދޭންޖެހޭ ޚަރަދު ދިނުމުގައި އިހުމާލުވެއްޖެނަމަ، އެމީހުން ޒިންމާދާރުކުރުވުމަކީ، ދައުލަތުގެ ވާޖިބެކެވެ. އަދި ދަރިންނަށް ޚަރަދުދިނުމަށް މައިންބަފައިން ނުކުޅެދޭނަމަ، އެފަދަ ކުދިންނަށް އެކަށީގެންވާ ދިރިއުޅުމެއް އުޅެވޭނެގޮތް ހަމަޖައްސައިދިނުމަކީ ދައުލަތުގެ ޒިންމާއެކެވެ.
(ހ) ކުއްޖާ އެހެން ފަރާތަކަށް ދޭ ގެއްލުމެއް ނުވަތަ އަނިޔާއަކަށް ކުއްޖާގެ އިތުރުން ކުއްޖާގެ މައިންބަފައިން ޒިންމާވާންވާނެވެ. ނުވަތަ ކުއްޖާ ބަލަހައްޓަމުންދަނީ ކުއްޖާގެ މައިންބަފައިން ފިޔަވައި އެހެން ފަރާތަކުންނަމަ، އެފަރާތަކުންވެސް ޒިންމާވާންވާނެއެވެ.
(ށ) ކުއްޖާގެ ފަރާތުން ލިބޭ ގެއްލުމުގެ ބަދަލު ދިނުމަށް މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަރާތަކުން އިންކާރުކުރާނަމަ، އެ ބަދަލެއް އެފަރާތެއްގެ ކިބައިން ނަގައިދިނުމަށް އެދި ގެއްލުން ލިބުނު ފަރާތުން ކޯޓުގައި ދަޢުވާކުރުމަކަށް މި ޤާނޫނު ހުރަހެއް ނާޅައެވެ.
(ހ) ކުއްޖާ ބަލަހައްޓަނީ ކުއްޖާގެ މައިންބަފައިން ފިޔަވައި އެހެން ފަރާތަކުންނަމަ، މި ޤާނޫނުގެ ދަށުން ކުއްޖާގެ މައިންބަފައިންނަށް މަތިކޮށްފައިވާ އެންމެހައި ޒިންމާއާއި މަސްއޫލިއްޔަތުތައް އެ ފަރާތެއްގެ މައްޗަށް ހިނގާނެއެވެ.
(ށ) ކުއްޖާ ބަލަހައްޓާ މީހަކަށް ނުވަތަ ފަރާތަކަށް، ކުއްޖާގެ މަންފާއަށް ނުވަތަ ކުއްޖާގެ ރައްކާތެރިކަމަށް ކުރަންޖެހޭ އެންމެހައި ކަންކަން، މި ޤާނޫނުގައިވާ ގޮތުގެމަތިން ކުރުމުގެ ބާރާއި އިޚްތިޔާރު ލިބިގެންވެއެވެ.
(ހ) މި ޤާނޫނުގެ ދެވަނަ ބާބުގައި ބަޔާންކުރާ ޙައްޤުތައް ކުޑަކުދިންނަށް ކަށަވަރުކޮށްދިނުމަށްޓަކައި ޤާނޫނީގޮތުންނާއި އިދާރީގޮތުންނާއި އެނޫންވެސް ގޮތްގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ދައުލަތުގެ ޒިންމާއެކެވެ.
(ށ) ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގެ ބައިނަލްއަޤްވާމީ މުޢާހަދާއާއި އެ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްތަކާއި އެނޫންވެސް ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ދަށުން ދައުލަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކޮށް، އެއިން މުޢާހަދާއެއްގައި ދިވެހިރާއްޖެއިން އިޢުތިރާޟްކޮށްފައިވާ ކަންކަން ފިޔަވައި އެނޫން ކަންކަން ތަންފީޛުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ދައުލަތުގެ ޒިންމާއެކެވެ.
(ނ) ދިވެހިރާއްޖޭގައި ޢަމަލުކުރެވޭ ޤާނޫނުތަކާއި ގަވާއިދުތަކަކީ، ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކޮށްދެވޭ، އަދި އެކުދިންގެ ޙައްޤުތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ގޮތުގެމަތިން އެކުލަވާލެވޭ ޤާނޫނުތަކެއްކަން ދައުލަތުން ކަށަވަރުކުރަންވާނެއެވެ.
(ހ) ދަރިން ބަލައިބޮޑުކޮށް ތަރުބިއްޔަތުކުރުމުގައި މައިންބަފައިން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް އަދާކުރުމަށް މަގުފަހިކޮށްދިނުމަށްޓަކައި، އެކަށީގެންވާ ވަސީލަތްތައް ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެކެވެ.
(ށ) ކުޑަކުދިންނަށް ލިބިދޭންޖެހޭ ޙައްޤުތައް ހޯދައިދިނުމުގައި ނުވަތަ އެކުދިންނަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމުގައި މައިންބަފައިން އިހުމާލުވެއްޖެނަމަ، އެކުދިންގެ މައިންބަފައިން ޒިންމާދާރުކުރުވައި، އެކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެކެވެ.
ކުޑަކުދިންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް ޚިދުމަތެއް ޕްރައިވަޓައިޒްކުރާނަމަ، އެފަދަ ފަރާތްތަކުން ޚިދުމަތް ފޯރުކޮށްދެނީ، މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންކަން ކަށަވަރުކުރުމަށްޓަކައި، އެފަދަ ތަންތަން މޮނިޓަރކޮށް، ޖަވާބުދާރީކުރުވޭނެ ނިޒާމެއް ދައުލަތުން ހަމަޖައްސަންވާނެއެވެ.
ދައުލަތުގެ ފަރާތުން ކުޑަކުދިންނާގުޅޭ ކަންކަން ނިންމުމުގައި، ވީވަރަކުން ކުޑަކުދިން ބައިވެރިކޮށް، އެކުދިންގެ ޚިޔާލު ހޯދޭނެ ނިޒާމެއް ދައުލަތުން ޤާއިމުކުރަންވާނެއެވެ.
މި ޤާނޫނުގެ ދަށުން ކުޑަކުދިންނަށް ލިބިދޭ ޙައްޤުތަކާއި، އެކުދިންގެ މަސްއޫލިއްޔަތުތަކާއި، ބެލެނިވެރިންނާއި އެހެން ފަރާތްތަކުގެ ޒިންމާތަކާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތައް ހޭލުންތެރިކުމަށްޓަކައި މަޢުލޫމާތު ޢާންމުކުރުމާއި، އެކަންކަމާ ގުޅޭގޮތުން މުޖުތަމަޢާއި ކުޑަކުދިން ހޭލުންތެރިކުރުމަށްޓަކައި ދައުލަތުން ޕްރޮގްރާމްތައް ހިންގަންވާނެއެވެ.
(ހ) ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދީ، ޙިމާޔަތްކޮށްދިނުމާ ގުޅޭގޮތުން މި ޤާނޫނުން އަންނަނިވި ޒިންމާތައް، ޢާއިލާއާއި މުޖުތަމަޢަށް މަތިކުރެއެވެ.
(1) ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުން؛
(2) ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމާއި، ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުން؛
(3) އަޅާލުމާއި ރައްކާތެރިކަން ނުލިބޭ ކުދިންނާއި، އަނިޔާއާއި ގޯނާގެ ޝިކާރައަކަށްވާ ކުދިންގެ މައްސަލަތައް ރިޕޯޓުކުރުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަރާތްތަކުގެ އިތުރުން، ކުޑަކުއްޖެއް އެފަރާތެއްގެ ބެލުމުގެ ދަށުގައިވާ ކޮންމެ ފަރާތަކުންވެސް، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޒިންމާ އަދާކުރުމަށް ލާޒިމުވެގެންވެއެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމާ ގުޅޭގޮތުން މި ޤާނޫނުން އަންނަނިވި ޒިންމާތައް، އަމިއްލަ ފަރާތްތަކަށް މަތިކުރެއެވެ.
ކުޑަކުދިންގެ ޙައްޤުތަކަށް އުނިކަން ލިބޭގޮތަށް ވާހަކަދެއްކުމާއި، އެކުދިންގެ ޙައްޤުތަކަށް އުނިކަން ލިބޭނެފަދަ ކަންކަމަށް ހިތްވަރުދިނުމަކީ މަނާކަމެކެވެ. މިފަދައިން އެއްވެސް ފަރާތަކުން ޢަމަލުކޮށްފިނަމަ، އެކަން ތަޙްޤީޤުކޮށް އެކަމުގެ ކުޑަބޮޑުމިނަށާއި، އެކަން ތަކުރާރުވާ މިންވަރަށް ބަލައި އެކަމުގައި ޝާމިލުވާ ފަރާތްތައް ޖޫރިމަނާކުރުން ނުވަތަ ޢާންމުންނަށް ޚިދުމަތެއް ދިނުމުގެ ލައިސެންސެއް ލިބިފައިވާ ފަރާތެއްނަމަ، ލައިސެންސް ހިފެހެއްޓުންފަދަ ފިޔަވަޅުތައް މިނިސްޓަރު އަޅަންވާނެއެވެ.
(ހ) ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން މި ޤާނޫނުގައި ބަޔާންވެގެންވާ ކަންކަމުގެ ތެރެއިން، ވަކި ފަރާތަކާ ޙަވާލުކުރެވިގެންވާ މަސްއޫލިއްޔަތުތައް ފިޔަވައި މި ޤާނޫނުގައި ބަޔާންވެގެންވާ އެނޫން މަސްއޫލިއްޔަތުތައް ތަންފީޛުކުރުމުގެ އެންމެ އިސް ޒިންމާ އުފުލާނީ މިނިސްޓަރެވެ.
(ށ) ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމާ ގުޅޭގޮތުންނާއި ކުޑަކުދިންނަށް ލިބިދޭންޖެހޭ އަޅާލުމާއި ރައްކާތެރިކަން ދައުލަތުގެ ފަރާތުން ފޯރުކޮށްދިނުމަށްޓަކައި ކަނޑައަޅަންޖެހޭ ސިޔާސަތުތައް ކަނޑައަޅާނީ މިނިސްޓަރެވެ.
(ނ) މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ މަސްއޫލިއްޔަތުތައް އަދާކުރުމަށްޓަކައި ސީދާގޮތުން ބޭނުންވާ އެންމެހައި ބާރުތަކާއި، އެކަންކަން އެންމެ ފުރިހަމަގޮތުގައި ކުރުމަށް މަގުފަހިކޮށްދޭ އެންމެހައި ބާރުތައް، މި ޤާނޫނުގެ ދަށުން މިނިސްޓަރަށް ލިބިގެންވެއެވެ.
(ހ) މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެއެވެ.
(ށ) ކައުންސިލަށް މެންބަރުން ޢައްޔަންކޮށް ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން އުފައްދާ ކައުންސިލު ޖަވާބުދާރީވާނީ މިނިސްޓަރަށެވެ.
(ރ) ކައުންސިލުގެ އިދާރީ ކަންކަން ހިންގާ ބަލަހައްޓާނީ މިނިސްޓްރީންނެވެ.
(ހ) ކައުންސިލު އެކުލެވިގެންވަނީ އަންނަނިވި ފަރާތްތަކުގެ މައްޗަށެވެ.
-1 މިނިސްޓްރީން ކަނޑައަޅާ ފަރާތެއް؛
-2 ޞިއްޙަތާބެހޭ ވުޒާރާއިން ކަނޑައަޅާ ފަރާތެއް؛
-3 ތަޢުލީމާބެހޭ ވުޒާރާއިން ކަނޑައަޅާ ފަރާތެއް؛
-4 މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަނޑައަޅާ ފަރާތެއް؛
-5 ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކަނޑައަޅާ ފަރާތެއް؛
-6 ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށްޓަކައި މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާތަކުގެ ތެރެއިން ކަނޑައަޅާ ދެ ފަރާތް.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކައުންސިލަށް، އެ ކައުންސިލުން ބޭނުންވެއްޖެ ހިނދެއްގައި އަންނަނިވި ފަރާތްތަކުގެ ލަފާ ހޯދިދާނެއެވެ.
-1 ޒުވާނުންނާއި މުޖުތަމަޢު ބާރުވެރިކުރުވުމުގެ މަސްއޫލިއްޔަތު ޙަވާލުވެފައިވާ ވުޒާރާއިން ކަނޑައަޅާ ފަރާތެއް؛
-2 އިސްލާމީ ކަންކަމާބެހޭ ވުޒާރާއިން ކަނޑައަޅާ ފަރާތެއް؛
-3 އެޓަރނީ ޖެނެރަލްގެ އޮފީހުން ކަނޑައަޅާ ޤާނޫނީ ވަކީލެއް؛
-4 މިނޫންވެސް، ކައުންސިލުން ކަނޑައަޅާ ފަރާތެއް.
(ހ) ކައުންސިލުގެ މެންބަރުންގެ ތެރެއިން ކައުންސިލުގެ ރައީސާއި ނައިބު ރައީސްކަމަށް ރައީސުލްޖުމްހޫރިއްޔާ ބަޔަކު ޢައްޔަންކުރަންވާނެއެވެ.
(ށ) ކައުންސިލުގެ ރައީސްގެ ޒިންމާތަކަކީ ކައުންސިލުގެ މަސައްކަތްތައް ރާވައި ހިންގުމާއި، ކައުންސިލުގެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓުމެވެ.
(ނ) ކައުންސިލުގެ ނައިބު ރައީސްގެ މަސްއޫލިއްޔަތަކީ ކައުންސިލުގެ ރައީސްގެ ޒިންމާތައް އަދާކުރުމުގައި އެހީތެރިވެދިނުމާއި، ކައުންސިލުގެ ރައީސް އޭނާގެ ޒިންމާތައް އަދާކުރުމަށް ޢުޛުރުވެރިވާ ޙާލަތްތަކުގައި އެ ޒިންމާތައް އަދާކުރުމެވެ.
(ރ) ކައުންސިލުގެ ރައީސް ނުވަތަ ނައިބު ރައީސް މަޤާމުން އިސްތިޢުފާދޭން ބޭނުންވެއްޖެ ހިނދެއްގައި، އިސްތިޢުފާ ހުށަހަޅާނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.
(ބ) ކައުންސިލުގެ ރައީސް ނުވަތަ ނައިބު ރައީސް މަޤާމުން އިސްތިޢުފާދީފިނަމަ، އެއިން މަޤާމެއް ހުސްވާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މަޤާމަށް ރައީސުލްޖުމްހޫރިއްޔާ މީހަކު ޢައްޔަންކުރަންވާނެއެވެ.
ކައުންސިލުގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭގޮތުންނާއި ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ކަނޑައަޅަންޖެހޭ ސިޔާސަތުތައް ކަނޑައެޅުމުގައި މިނިސްޓަރަށް ލަފާދިނުން؛
(ށ) ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭގޮތުންނާއި ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި އެންމެ ބޮޑަށް އިސްކަންދޭންވީ ކަންކަން ފާހަގަކޮށް، އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން މިނިސްޓަރަށް ލަފާދިނުން؛
(ނ) ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއާއި، އެ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްތަކާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އެނޫންވެސް މުޢާހަދާތައް ދިވެހިރާއްޖޭގައި ތަންފީޛުކުރަމުންދޭތޯ ބަލައި، އަޅަންޖެހޭ ފިޔަވަޅުތަކާމެދު މިނިސްޓަރަށް ލަފާދިނުން؛
(ރ) ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން މިނިސްޓަރަށް ލަފާދިނުން؛
(ބ) ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޤައުމީ ނިޒާމުގެ ދަށުން ފޯރުކޮށްދެވޭ ޚިދުމަތްތައް މުރާޖަޢާކޮށް، އެ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މިނިސްޓަރަށް ލަފާދިނުން؛
(ޅ) ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭގޮތުންނާއި ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން މިނިސްޓަރު ކަނޑައަޅާ ސިޔާސަތުތަކާއި އަމާޒުތައް ޙާޞިލުކުރެވެމުންދަނީ ކިހާ މިންވަރަކަށްތޯ ބަލައި، ސަރުކާރުގެ އިދާރާތަކުން އެ ސިޔާސަތުތައް ތަންފީޛުކުރުމަށްޓަކައި ކުރާ މަސައްކަތްތައް މުރާޖަޢާކޮށް، މިނިސްޓަރަށް އަންގަމުންދިޔުން؛
(ކ) ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ދައުލަތުގެ އިދާރާތަކާއި އަމިއްލަ ޖަމްޢިއްޔާތަކަށް ފައިސާ ދޫކުރާނެ އުސޫލު ދުރާލާ ކަނޑައެޅުމާއި، އެ އުސޫލުގެ ދަށުން ފައިސާ ދޫކުރުމުގައި އިސްކަންދޭނެ ކަންކަން ކަނޑައެޅުން؛
(އ) ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭގޮތުންނާއި ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ދިވެހިރާއްޖޭގައި މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ގުޅުން ބަދަހިކޮށް، އެފަދަ ޖަމްޢިއްޔާތަކާއެކު ހިންގޭ އެކިއެކި ޙަރަކާތްތައް ވިލަރެސްކުރުން؛
(ވ) މި ޤާނޫނުގެ މަޤްޞަދުތަކާ އެއްގޮތްވާ ގޮތުގެމަތިން އެކުލަވާލަންޖެހޭ ސިޔާސަތުތަކާއި، މިންގަނޑުތަކާއި، އިޖުރާއަތުތައް އެކުލަވާލުމުގައި މިނިސްޓަރަށް ލަފާދިނުން.
ކައުންސިލުގެ ބައްދަލުވުންތައް ބާއްވާނެ ގޮތާއި، ކައުންސިލު ހިންގުމުގައި ޢަމަލުކުރާނެ އުސޫލުތައް، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ހ) މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، އެހީތެރިކަމާއި އަޅާލުން ބޭނުންވެފައިވާ ކުދިންގެ މަޞްލަޙަތު ޙިމާޔަތްކުރުމަށްޓަކައި ޚާއްޞަވެގެން މަސައްކަތްކުރާނެ އިދާރާއެއް، "ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް" ގެ ނަމުގައި އުފެދުނީއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އުފެދޭ ސަރވިސްއަކީ މިނިސްޓްރީގެ ދަށުން ހިނގަމުންދާނެ ސަރުކާރުގެ އިދާރާއެކެވެ.
(ނ) ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއާގުޅޭ ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާނީ މިނިސްޓަރެވެ.
(ހ) ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ މަސްއޫލިއްޔަތުތައް، ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(1) އެހީތެރިކަމަށް ބޭނުންވެފައިވާ ކުޑަކުދިންނަށާއި އެކުދިންގެ ޢާއިލާތަކަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުން؛
(2) އެހީތެރިކަން ބޭނުންވެފައިވާ ކުޑަކުދިންގެ މަޞްލަޙަތު ޙިމާޔަތްކޮށް، ކުރިއެރުވުން؛
(3) ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ބަލައި، ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު، އެ މައްސަލަތަކަށް ޙައްލު ހޯދައިދިނުން؛
(4) ކުޑަކުދިންނަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މަދުވެގެން އަންނަނިވި ޚިދުމަތްތައް ދެވޭނެ އިންތިޒާމު ހަމަޖެއްސުން:
i. ފެމިލީ ކޮންފަރެންސިންގގެ ޚިދުމަތް؛
ii. ކައުންސެލިންގ އަދި ސަޕޯޓް ސަރވިސްގެ ޚިދުމަތް؛
iii. ޤާނޫނީ އެހީތެރިކަން؛
iv. ރީހެބިލިޓޭޝަންގެ ޚިދުމަތް.
(5) މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ކުދިންނަށް ފަރުވާ ދިނުމާގުޅޭ ކަންކަން، ނޭޝަނަލް ޑްރަގް އޭޖެންސީއާ ގުޅިގެން ވިލަރެސްކުރުން؛
(6) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުޑަކުދިންނާ ގުޅޭގޮތުން މިނިސްޓަރު ކުރަންޖެހޭ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ޢަމަލީގޮތުން ކުރުން؛
(7) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިން ފޮސްޓަރ ކުރުމާގުޅޭ އެންމެހައި ކަންކަން ކުރުން؛
(8) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންނާއި ފޮސްޓަރކުރެވޭ ކުދިންނާ ގުޅޭގޮތުން އެކި ދާއިރާތަކުގެ މެދުގައި އެއްބާރުލުން ޤާއިމުކުރުމާއި، އެ އިދާރާތަކުގެ މަސައްކަތްތައް ވިލަރެސްކުރުން؛
(9) ކުޑަކުދިންގެ ތެރެއިން އެހީތެރިކަން ބޭނުންވެފައިވާ ކުދިންގެ ބޭނުންތަކަށް އަމާޒުކޮށްގެން އެކުދިންނަށް ބޭނުންވާ އެހީ ނުވަތަ ޚިދުމަތްތައް ފޯރުކޮށްދިނުން؛
(10) އަންނަނިވި ކަންކަމާގުޅޭ މަޢުލޫމާތު ދަފްތަރުކޮށް ބެލެހެއްޓުން:
i. ޚާއްޞަ ރައްކާތެރިކަމަށް ބޭނުންވާ ކުދިންގެ މަޢުލޫމާތު؛
ii. ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންގެ މަޢުލޫމާތު؛
iii. ފޮސްޓަރކުރުމަށް ކަނޑައެޅޭ ކުދިންނާއި ފޮސްޓަރކެއަރގައި ތިބޭ ކުދިންގެ މަޢުލޫމާތު؛
iv. ކުޑަކުދިން ބެލެހެއްޓުމަށް ކަނޑައެޅިފައިވާ މަރުކަޒުތަކުގެ މަޢުލޫމާތު؛
v. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާތަކުގެ މަޢުލޫމާތު؛
vi. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާގުޅޭ އެނޫންވެސް މަޢުލޫމާތު.
(11) ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭގޮތުން ދިރާސާތައް ކުރުން؛ އަދި
(12) ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި ކުރެވޭ މަސައްކަތްތައް ރާވައި، ހިންގުމަށާއި، މޮނިޓަރކޮށް އިވެލުއޭޓްކުރުމަށްޓަކައި ބޭނުންވާ ތަފާސް ހިސާބުތައް އެއްކުރުމާއި ޢާންމުކުރުން. މިގޮތުން ކުދިންގެ ޢުމުރާއި، ޖިންސާއި، ނުކުޅެދުންތެރިކަމުގެ ބާވަތްތަކަށާއި، ކުދިން ދިރިއުޅެމުންދާ ނުވަތަ ނިސްބަތްވާ ޖިއޯގްރަފިކް ސަރަޙައްދުތަކާއި، އިޖްތިމާޢީ އަދި އިޤްތިޞާދީ ޙާލަތްތަކަށް ބަލައި، ޑިސްއެގްރިގޭޓަޑް ޑޭޓާ ނުވަތަ ތަފްޞީލީ ތަފާސް ހިސާބުތައް އެއްކޮށް، ޢާންމުކުރުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ޢަމަލުކުރާނީ މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ހ) ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމަށް ބޭނުންވާ ފައިސާ، ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނައި، އެ ސަރވިސްއަށް ދޫކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް ހިންގުމަށް ބޭނުންވާ ފައިސާ ދައުލަތުގެ ބަޖެޓުގައި ހިމެނުމަށްޓަކައި، ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީ އޮފް ފިނޭންސަށް މިނިސްޓަރު ފޮނުވަންވާނެއެވެ.
(ހ) ރަށު ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގެ އިޚްތިޞާޞް ހިނގާ ސަރަޙައްދުތަކުގައި މި ޤާނޫނު ތަންފީޛުކުރުމުގެ މަސްއޫލިއްޔަތު އެ ކައުންސިލުތަކުން އުފުލުމަށް މަގުފަހިކޮށްދީ، އެކަމަށް ޤާނޫނީ ބާރު ލިބިދިނުމުގެގޮތުން، އެއިން ކޮންމެ ކައުންސިލެއް އެއީ، އެ ކައުންސިލެއް ނިސްބަތްވާ ސަރަޙައްދުގައި، މި ޤާނޫނު ތަންފީޛުކުރުމަށްޓަކައި އެ ސަރަޙައްދަށް ޢައްޔަންކުރެވޭ އޭޖެންޓު ކަމުގައި، މި ޤާނޫނުގެ ދަށުން މިނިސްޓަރަށް ކަނޑައެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން އެއްވެސް ބާރެއް ނުވަތަ މަސްއޫލިއްޔަތެއް، ނުވަތަ ޤާނޫނު ތަންފީޛުކުރުމުގެ ޒިންމާއެއް، ރަށު ކައުންސިލަކާ ނުވަތަ އަތޮޅު ކައުންސިލަކާ ނުވަތަ ސިޓީ ކައުންސިލަކާ މިނިސްޓަރު ޙަވާލުކުރަންވާނީ، އެ މަސްއޫލިއްޔަތަކާއި ބާރެއް ތަންފީޛުކުރުމަށް ބޭނުންވާ ވަސީލަތްތައް އެ ކައުންސިލަކަށް ފޯރުކޮށްދިނުމާއެކު، މި ޤާނޫނުގެ ދަށުން މިނިސްޓަރު ކަނޑައަޅާ ސިޔާސަތާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ނ) ރަށު ކައުންސިލުތަކާއި އަތޮޅު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކުގެ ފެންވަރުގައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތްކުރާ ފަރާތްތަކާއި، ކުޑަކުދިންނަށް ކުރާ އަނިޔާއިން އެކުދިން ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ފަރާތްތަކުގެ މައްޗަށް މިނިސްޓަރުގެ އިރުޝާދާއި ބާރު މި ޤާނޫނުގެ ދަށުން ހިނގާނެއެވެ.
(ރ) މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، މި ޤާނޫނު ތަންފީޛުކުރުމަށްޓަކައި އެ ސަރަޙައްދަށް ޢައްޔަންކުރެވޭ އޭޖެންޓެއްގެ ގޮތުގައި ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތައް ކަނޑައަޅަންވާނީ، އެއިން ކޮންމެ ކައުންސިލެއްގައި ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭގޮތުން ކަމާގުޅޭ ފަންނީ މުވައްޒަފުން ތަމްރީން ކުރުމަށްފަހުގައެވެ. އެގޮތުން، ކޮންމެ ސިޓީ ކައުންސިލެއް އަދި ރަށު ކައުންސިލެއްގައި ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭގޮތުން މަސައްކަތްކުރާނެ މުވައްޒަފަކު ކަނޑައަޅައި، އެ މަސައްކަތްތައް އެ މުވައްޒަފެއްގެ ވަޒީފާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމަނައި، އެފަރާތަށް އެކަށީގެންވާ ތަމްރީން ދޭންވާނެއެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމާގުޅޭ ކަންކަން ކައުންސިލުތަކުގެ ފެންވަރުގައި ތަންފީޛުކުރުމުގައި ކައުންސިލުތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުތައް މިނިސްޓްރީން އަންގާ ގޮތެއްގެމަތިން ކައުންސިލުގެ ފެންވަރުގައި ތަންފީޛުކުރުން؛
(ށ) ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާއި، ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން އެ ކައުންސިލެއްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ދާއިރާއެއްގައި ނުވަތަ ސަރަޙައްދެއްގައި އެކިއެކި މަޝްރޫޢުތައް ރާވައި ހިންގުމާއި، ކަމާގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް މިނިސްޓްރީން އަންގާ ގޮތެއްގެމަތިން އެޅުން؛
(ނ) އެ ކައުންސިލެއްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ސަރަޙައްދުގައި މި ޤާނޫނު ތަންފީޛުކުރުމުގެ ގޮތުން ރާވައި ހިންގާ އެކިއެކި މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް މިނިސްޓްރީން އަންގާ ގޮތެއްގެމަތިން ބަލައި ރިޕޯޓުކުރުން؛
(ރ) ކުޑަކުދިންނާމެދު މައިންބަފައިން އިހުމާލުވާ މައްސަލަތަކާއި، ކުޑަކުދިންނަށް ކުރާ އަނިޔާއާގުޅޭ މަޢުލޫމާތު މި ޤާނޫނުގެ ދަށުން ރިޕޯޓުކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓުކުރުން؛
(ބ) އެ ކައުންސިލެއްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ސަރަޙައްދުގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތައް ކުރުމުގައި އެ ކައުންސިލަށް ނިސްބަތްވާ ރައްޔިތުންނާއި އަމިއްލަ ޖަމާޢަތްތަކުގެ ބައިވެރިވުން ހޯދުން؛
(ޅ) މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތައް ކައުންސިލުގެ ފެންވަރުގައި ތަންފީޛުކުރުމުގައި މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދިނުން؛
(ކ) މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކައުންސިލުތަކުން ކުރުމަށް ކަނޑައަޅާ އެނޫންވެސް ކަންކަން ކުރުން.
(ހ) މި ޤާނޫނުގެ ދަށުން ވަކި މަސްއޫލިއްޔަތުތަކެއް، ރަށު ކައުންސިލުގެ ފެންވަރުގައި ނުވަތަ އަތޮޅު ކައުންސިލުގެ ފެންވަރުގައި ނުވަތަ ސިޓީ ކައުންސިލުގެ ފެންވަރުގައި ޙަވާލުކުރެވޭ ކަމަށްވާނަމަ، އެކަން ކުރަންވާނީ، އެ ބާރުތައް ނުވަތަ އެ މަސްއޫލިއްޔަތުތައް ސާފުކޮށް ބަޔާންކޮށް، މިނިސްޓްރީއާއި ކައުންސިލާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
(ށ) މި ޤާނޫނުގެ ދަށުން ކައުންސިލުތަކާ ޙަވާލުކުރެވޭ މަސްއޫލިއްޔަތުތަކުގެ ދާއިރާއާއި، އެ މަސްއޫލިއްޔަތުތައް ތަންފީޛުކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދާނެ ގޮތާއި، މިނިސްޓްރީއާއި ޤާނޫނު ތަންފީޛުކުރާ އެހެން އިދާރާތަކާއި ކައުންސިލުތަކުން، އެއް ފަރާތް އަނެއް ފަރާތާ ގުޅިގެން މަސައްކަތްކުރާނެ ގޮތާއި، މަސައްކަތްތައް ވިލަރެސްކުރާނެ އުސޫލެއް، މި މާއްދާގެ (ހ) ގައި ބަޔާންކުރާ އެއްބަސްވުމުގައި ބަޔާންކުރަންވާނެއެވެ.
(ނ) ރަށު ކައުންސިލުތަކަށާއި އަތޮޅު ކައުންސިލުތަކަށާއި ސިޓީ ކައުންސިލުތަކާ މި ޤާނޫނުގެ ދަށުން ޙަވާލުކުރެވޭ މަސްއޫލިއްޔަތުތައް، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ތަފްޞީލުކޮށް ބަޔާންކުރުމާއެކު، އެ ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެއެވެ.
އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންނަށާއި، އެހީތެރިކަން ބޭނުންވާ ކުދިންނަށާއި އެކުދިންގެ މައިންބަފައިންނަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށްޓަކައި، ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޤައުމީ ނިޒާމެއް މިނިސްޓަރު ޤާއިމުކުރަންވާނެއެވެ.
މި ޤާނޫނުގެ 66 ވަނަ މާއްދާގައި ބަޔާންކުރާ ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޤައުމީ ނިޒާމުގެ ދަށުން އަންނަނިވި ކަންކަން ހަމަޖައްސައިދޭންވާނެއެވެ.
(ހ) ކުޑަކުދިންނަށާއި އެކުދިންގެ ޢާއިލާތަކަށް އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޚިދުމަތް؛
(ށ) ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދޭ އިޖުރާއަތްތައް ހިމެނޭ ގަވާއިދެއް އެކުލަވާލުމާއި، މި އިޖުރާއަތަކީ ކަމާގުޅޭ އިދާރާތައް ގުޅިގެން މަސައްކަތްކުރާނެ އިޖުރާއަތަކަށްވުން؛
(ނ) އަޅާލުމާއި ރައްކާތެރިކަން ބޭނުންވެފައިވާ ކުދިންގެ މައްސަލަތައް ރިޕޯޓުކުރުމުގެ ނިޒާމެއް ޤާއިމުކުރުން؛
(ރ) އަޅާލުމާއި ރައްކާތެރިކަން ބޭނުންވެފައިވާ ކުޑަކުދިންގެ މައްސަލަތައް ބަލައި، ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމުކުރުން؛
(ބ) ކުޑަކުދިންނަށް ރައްކާތެރި ނޫން މާޙައުލުތަކުން އެ ކުދިން ވަކިކޮށް، ރައްކާތެރި މާޙައުލެއްގައި އެ ކުދިން ބޭތިއްބޭނެ ވަސީލަތްތައް ޤާއިމުކުރުން؛
(ޅ) އަޅާލުމާއި ރައްކާތެރިކަން ބޭނުންވެފައިވާ ކުދިން ފޮސްޓަރކުރެވޭނެ ނިޒާމެއް ޤާއިމުކުރުން؛
(ކ) ކުޑަކުދިންނާމެދު އިހުމާލުވާ ފަރާތްތަކާއި އެކުދިންނަށް އަނިޔާއާއި ގޯނާކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމުކުރުން؛
(އ) ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި، ޢާއިލާއާއި މުޖުތަމަޢާއި ދައުލަތާއި އަމިއްލަ ފަރާތްތަކުން ހިންގާ ޙަރަކާތްތައް ވިލަރެސްކުރެވޭނެ ނިޒާމެއް ޤާއިމުކުރުން؛
(ވ) ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދެވޭ މިންވަރު ދެނެގަތުމަށްޓަކައި އެކަށީގެންވާ މަޢުލޫމާތު ރައްކާކުރެވޭނެ ނިޒާމެއް ޤާއިމުކުރުން؛
(މ) ކުޑަކުދިންނަށް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ބަލައި މޮނިޓަރކުރެވޭނެ ނިޒާމެއް ޤާއިމުކުރުން؛
(ފ) ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމަށްޓަކައި ބޭނުންވާ ވަސީލަތްތައް ހަމަހަމަ އުސޫލަކުން ބެހޭނެ ނިޒާމެއް ޤާއިމުކުރުން؛
(ދ) ސްކޫލްތަކާއި ހޮސްޕިޓަލުތަކާއި ޞިއްޙީ މަރުކަޒުތަކާއި ކައުންސިލުތަކާއި ޢާންމުން މެދުވެރިކޮށް، ކުޑަކުދިންގެ މައްސަލަތަކުގައި އަވަހަށް ފިޔަވަޅު އެޅޭނެ ނިޒާމެއް ޤާއިމުކުރުން.
(ހ) ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޤައުމީ ނިޒާމު ބިނާވެފައި އޮންނަންވާނީ އަންނަނިވި އަސާސްތަކުގެ މައްޗަށެވެ.
(1) ކުޑަކުދިންގެ މެދުގައި ތަފާތުނުކުރުން؛
(2) އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންގެ މަޞްލަޙަތު ޙިމާޔަތްކޮށްދިނުމަށް އިސްކަންދެވޭނެ ގޮތަށް ކަންކަން ނިންމުމަށް؛
(3) އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުގައި މެނުވީ، އަދި ކުއްޖާގެ މަޞްލަޙަތަށް އެންމެ ފައިދާހުރި ގޮތް ކަމުގައިވާ ޙާލަތުގައި މެނުވީ، ކުއްޖަކު އޭނާގެ މައިންބަފައިންނާއި ނުވަތަ ޢާއިލާއާ ވަކިނުކުރުމަށް؛
(4) ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ޚާއްޞަ ނިކަމެތިކަމެއް ކުރިމަތިވެފައިވާ ކުދިންގެ ޙައްޤުތައް ޙިމާޔަތްކޮށްދެވޭނެ ގޮތަށް ކަންކަން ނިންމުމަށް؛
(5) ކުޑަކުދިންނާގުޅޭ ކަންކަން ނިންމުމުގައި ވީވަރަކުން އެކުދިންގެ ބައިވެރިވުން ހޯދުން.
(ށ) ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޤައުމީ ނިޒާމުގެ ދަށުން ފޯރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މަސައްކަތްކުރަންވާނީ، ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ޚާއްޞަ ތަމްރީން ލިބިފައިވާ ފަރާތްތަކުންނެވެ.
(ހ) އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއްގައިވާ ކުދިންނަކީ އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިން ކަމުގައި ބެލޭނެއެވެ.
(1) އެއްވެސް ފަރާތެއްގެ ބެލުމުގެ ދަށުގައިނުވާ ގޮތަށް އަޅާނުލާ ދޫކޮށްލާފައިވާ ކުދިން؛
(2) ކުއްޖާ ރައްކާތެރިކުރުމަށް ނުވަތަ ކުއްޖާއަށް ރައްކާތެރި މާޙައުލެއް ޤާއިމުކޮށްދިނުމަށް އިހުމާލުވެފައިވާ ބެލެނިވެރިންނާއެކު ދިރިއުޅެމުންދާ ކުދިން؛
(3) ބެލެނިވެރިންގެ ފަރާތުން ނަފްސާނީ ނުވަތަ ޖިސްމާނީ އަނިޔާ ލިބެމުންދާ ކުދިން؛
(4) މަސްތުވާ އެއްޗަކަށް ދެވިހިފާފައިވާ، އެކަމަށް ފަރުވާހޯދޭނެ ގޮތެއް ނެތިފައިވާ ކުދިން؛
(5) އެކްސްޕްލޮއިޓޭޝަންގެ ޢަމަލެއްގެ ޝިކާރައަކަށްވެފައިވާ ނުވަތަ އެފަދަ ޢަމަލެއްގެ ޝިކާރައަކަށް ވެދާނެ މާޙައުލެއްގައި ދިރިއުޅެމުންދާ ކުދިން؛
(6) ކުއްޖާގެ ޖިސްމާނީ ނުވަތަ ނަފްސާނީ ނުވަތަ އިޖްތިމާޢީ ދުޅަހެޔޮކަމަށް ގެއްލުމެއް ކުރިމަތިކޮށްފާނެ މާޙައުލެއްގައި ދިރިއުޅެމުންދާ ނުވަތަ އެފަދަ މާޙައުލަކަށް ތަޢާރުފުކުރެވިދާނެ ޙާލަތެއް ނުވަތަ ޙާލަތްތަކެއް މެދުވެރިވެފައިވާ ކުދިން؛
(7) އިހުމާލުވުމުގެ ސަބަބުން ޖިސްމާނީގޮތުން ނުވަތަ ނަފްސާނީގޮތުން ގެއްލުންވެފައިވާ ކުދިން.
(ށ) ކުޑަކުއްޖަކީ، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދަ އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުއްޖެއް ކަމުގައި އެއްވެސް ފަރާތަކަށް ޤަބޫލުކުރެވޭނަމަ، އެކުއްޖަކީ އެފަދަ ޙާލަތެއްގައިވާ ކުއްޖެއްކަން ޔަޤީންކުރުމަށްޓަކައި މި ޤާނޫނުގެ ތޭރަވަނަ ބާބުގައިވާ ގޮތުގެމަތިން އެކުއްޖާގެ މައްސަލަ ރިޕޯޓުކުރަންވާނެއެވެ.
(ހ) މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި، މި ޤާނޫނުގެ ދަށުން މައްސަލަ ރިޕޯޓުކުރާނެ ނިޒާމެއް މިނިސްޓަރު ޤާއިމުކޮށް، އެކަން ޢާންމު ކުރަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ރިޕޯޓުކުރުމުގެ ނިޒާމުގެ މަޤްޞަދަކީ، ކުޑަކުއްޖަކީ މި ޤާނޫނުގެ 69 ވަނަ މާއްދާގެ (ހ) ގެ ދަށުން އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުއްޖެއްކަމަށް ބެލެވޭ ޙާލަތުގައި އެކަން ޔަޤީންކުރުމަށްޓަކައި، ސިއްރު ހިފެހެއްޓިފައިވާ، ރިޕޯޓިންގ ނުވަތަ ރިފަރަލް ނިޒާމެއް ޤާއިމުކޮށް، އެފަދަ ކުދިންގެ މައްސަލަތައް ބަލައި، އެ މައްސަލަތަކަށް ޙައްލެއް ހޯދައިދެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ.
އަންނަނިވި ފަރާތްތަކުގެ ތެރެއިން ކޮންމެ ފަރާތަކަށްވެސް ކުއްޖަކާބެހޭ މައްސަލައެއް ރިޕޯޓުކުރެވިދާނެއެވެ.
(ހ) އަޅާލުމާއި ރައްކާތެރިކަމަށް ބޭނުންވެފައިވާ ކުދިން؛
(ށ) އަޅާލުމާއި ރައްކާތެރިކަމަށް ބޭނުންވެފައިވާ ކުއްޖާގެ މައިންބަފައިން؛
(ނ) އަޅާލުމާއި ރައްކާތެރިކަމަށް ބޭނުންވެފައިވާ ކުއްޖާގެ ތިމާގެ މީހަކު؛
(ރ) އަޅާލުމާއި ރައްކާތެރިކަމަށް ބޭނުންވެފައިވާ ކުއްޖާގެ އަވަށްޓެރިން؛
(ބ) އަޅާލުމާއި ރައްކާތެރިކަމަށް ބޭނުންވެފައިވާ ކުއްޖާގެ ސްކޫލްގެ މުވައްޒަފެއް؛
(ޅ) އަޅާލުމާއި ރައްކާތެރިކަމަށް ބޭނުންވެފައިވާ ކުއްޖާގެ ޑޮކްޓަރެއް ނުވަތަ އެނޫންވެސް ޞިއްޙީ ޚިދުމަތް ފޯރުކޮށްދޭ ފަރާތެއް؛ އަދި
(ކ) އަޅާލުމާއި ރައްކާތެރިކަމަށް ބޭނުންވެފައިވާ ކުއްޖެއްގެ މަޢުލޫމާތު ލިބިފައިވާ އެނޫންވެސް ފަރާތެއް.
ވަކި ކުއްޖަކީ، އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުއްޖެއްކަމަށް ޤަބޫލުކުރެވޭ ކޮންމެ ފަރާތަކުން، އެކަން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރިޕޯޓުކުރަންވާނެއެވެ.
(ހ) މި ޤާނޫނުގެ ދަށުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއަށް ރިޕޯޓެއް ލިބުމުން ނުވަތަ މައްސަލައެއް ހުށަހެޅުމުން، އެ އިދާރާއިން އަންނަނިވި ކަންކަން ކުރަންވާނެއެވެ.
(1) ރިޕޯޓުކުރި ފަރާތަށް ލަފާދިނުން؛
(2) ރިޕޯޓުކުރި މައްސަލައަކީ އުފަންނުވާ ކުއްޖަކާބެހޭ މައްސަލައެއްނަމަ، އެކުއްޖާގެ މައިމީހާއަށާއި ބައްޕައަށް އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދިނުން؛ އަދި މިކަމުގައި މައިމީހާއަށް އެކުއްޖާގެ ބައްޕަގެ އެހީތެރިކަން ފޯރުކޮށްދިނުން؛
(3) މައްސަލަ ނިސްބަތްވާ ކުއްޖަކީ، އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުއްޖެއްނަމަ، އެކުއްޖާއަށް ލިބިދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުން؛
(4) ކުއްޖާގެ އިތުރުން ކުއްޖާގެ ޢާއިލާއަށް ބޭނުންވާ އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދިނުން؛
(5) މައްސަލަ ބެލުމުގައި ކަމާގުޅޭ މުއައްސަސާތަކާއެކު ކޭސް ކޮންފަރެންސިންގ ބާއްވައި، އެހެން އިދާރާއެއްގެ ސަމާލުކަމަށް ގެންނަންޖެހޭ ކަމެއްވާނަމަ، އެކަމެއް އެ އިދާރާއަކަށް އެންގުން؛
(6) ރިޕޯޓުކުރެވޭ މައްސަލަތަކުގެ ރެކޯޑުތައް ބެލެހެއްޓުން؛
(ށ) މި މާއްދާގެ (ހ) ގެ (6) ވަނަ ނަންބަރުގައި ބަޔާންކުރާ ރެކޯޑުތައް، ކޮންމެ 4 (ހަތަރެއް) މަހަކުން ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަކަށް ފޮނުވަންވާނެއެވެ.
(ނ) މި ޤާނޫނުގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ރިޕޯޓެއް ލިބުމުން ނުވަތަ މައްސަލައެއް ހުށަހެޅުމުން، އެ އިދާރާއިން އަންނަނިވި ކަންކަން ކުރަންވާނެއެވެ.
(1) ވީ އެންމެ އަވަހަކަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއަށް މައްސަލައިގެ މަޢުލޫމާތު އެންގުން؛
(2) މި މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (6) ވަނަ ނަންބަރުގެ ނިޔަލަށް ހުރި ނަންބަރުތަކުގައި ބަޔާންކުރާ ކަންކަން ކުރުން.
މި ޤާނޫނުގެ ދަށުން މައްސަލައެއް ރިޕޯޓުކުރާ ފަރާތެއް އެ މައްސަލައެއް ރިޕޯޓުކޮށްފައިވަނީ ހެޔޮ ނިޔަތުގައި ކަމަށްވާނަމަ، އެފަރާތަށް އަންނަނިވި ޙިމާޔަތް ލިބިގެންވެއެވެ.
(ހ) އޭނާ ރިޕޯޓުކުރި ކުރުމަކީ، މަސައްކަތުގެ އަޚްލާޤާއި ސުލޫކާ ޚިލާފު ކަމެއް ކަމުގައި ނުބެލުން؛ އަދި
(ށ) ރިޕޯޓުކުރި ފަރާތާމެދު، ރިޕޯޓުކުރުމުގެ ސަބަބުން ޤާނޫނީ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުން.
މި ޤާނޫނުގެ ދަށުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން، ރިޕޯޓުކުރާ ފަރާތުގެ ނަން ނުވަތަ އޭނާއަކީ ކާކުކަން އެނގޭނެ ފަދަ އެނޫންވެސް މަޢުލޫމާތެއް، ތިންވަނަ ފަރާތަކާ ޙިއްޞާކޮށްގެންނުވާނެއެވެ.
(ހ) ދިވެހިރާއްޖޭގައިވާ ކޮންމެ ކުއްޖަކަށްމެ ވާޞިލުވެވޭނެ ކުޑަކުދިންގެ ހެލްޕް ލައިނެއް 24 (ސައުވީސް) ގަޑިއިރު ޚިދުމަތް ދެވޭނެ ގޮތަށް، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގައި ޤާއިމުކުރަންވާނެއެވެ.
(ށ) ކުޑަކުދިންގެ ހެލްޕްލައިންއަކީ އެކުދިން އެހީތެރިކަމާއި ރައްކާތެރިކަމަށް ބޭނުންވެއްޖެ ހިނދެއްގައި، ހިލޭ ގުޅޭގޮތަށް ފަރުމާކުރެވިފައިވާ ހެލްޕްލައިނެއް ކަމުގައި ވާންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ޤާއިމުކުރާ ކުޑަކުދިންގެ ހެލްޕްލައިން ވާންވާނީ މިނިވަންކަމާއި ދެފުށް ފެންނަ ގޮތެއްގައި މަސައްކަތްކުރާ ހެލްޕްލައިންއަކަށެވެ.
(ރ) ކުޑަކުދިންގެ ހެލްޕްލައިނުން ކުޑަކުދިންގެ ޙައްޤުތަކާގުޅޭ މަޢުލޫމާތާއި، އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިންނަށް މައްސަލަ ހުށަހެޅޭނެ ގޮތްތަކުގެ މަޢުލޫމާތު ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.
(ބ) ކުޑަކުދިންގެ ހެލްޕްލައިނާބެހޭ މަޢުލޫމާތު، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ފުޅާ ދާއިރާއެއްގައި ޢާންމުކުރަންވާނެއެވެ.
(ޅ) ކުޑަކުދިންގެ ހެލްޕް ލައިނަށް ހުށަހެޅޭ މައްސަލަތަކުގެ ތަފާސް ހިސާބު އެކުލަވާލައި އަހަރަކު އެއްފަހަރު މިނިސްޓްރީގެ ވެބްސައިޓްގައި ޢާންމުކުރަންވާނެއެވެ.
(ހ) ކުޑަކުއްޖަކީ އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުއްޖެއްކަމަށް ފުލުހުންނަށް ނުވަތަ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއަށް ޤަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރިނަމަ، އެކުއްޖާގެ ޙާލަތު ދެނެގަތުމަށްޓަކައި، އެ މައްސަލަ ތަޙްޤީޤުކުރުމުގެ ބާރު ފުލުހުންނަށް ނުވަތަ ސޯޝަލް އިންކުއަރީ އެސެސްމަންޓެއް ހެދުމުގެ ބާރު ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއަށް ލިބިގެންވެއެވެ.
(ށ) ކުޑަކުއްޖަކާބެހޭ މައްސަލައެއް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅިއްޖެނަމަ، އެ މައްސަލައަކާބެހޭ މަޢުލޫމާތު ވީ އެންމެ އަވަހަކަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއާ ޙިއްޞާކުރަންވާނެއެވެ.
(ނ) ފުލުހުންނަށް ރިޕޯޓުކުރެވޭ މައްސަލައެއްގައި، ކުއްޖަކާމެދު ކުށެއް ކޮށްފިކަމަށް ބެލެވޭނަމަ، އެކަމުގެ މަޢުލޫމާތު ވަގުތުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއަށާއި، ކަމާބެހޭ އެނޫންވެސް ފަރާތްތަކަށް ފުލުހުން އަންގަންވާނެއެވެ.
(ރ) ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއަށް ހުށަހެޅޭ މައްސަލައެއްގައި ކުއްޖަކާމެދު ކުށެއް ކޮށްފިކަމަށް އެ ސަރވިސްއަށް ތުހުމަތުކުރެވޭނަމަ، އެކަން ތަޙްޤީޤުކުރުމަށްޓަކައި، ލަސްނުކޮށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެ މައްސަލަ ހުށަހަޅަންވާނެއެވެ.
(ބ) ކުޑަކުއްޖަކީ އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުއްޖެއްކަމަށް ފުލުހުންނަށް ނުވަތަ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއަށް ހުށަހެޅިއްޖެނަމަ، ވީ އެންމެ އަވަހަކަށް، އެ މައްސަލައެއް ތަޙްޤީޤުކޮށް، ކުއްޖާގެ މަޞްލަޙަތު ރައްކާތެރިކޮށްދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވާނެއެވެ.
(ޅ) މި މާއްދާގެ ދަށުން ހިންގާ ތަޙްޤީޤެއް ހިންގަންވާނީ، އެފަދަ މައްސަލަތައް ތަޙްޤީޤުކުރުމަށް ޚާއްޞަ ތަމްރީން ލިބިފައިވާ އޮފިސަރުންނެވެ.
(ކ) މި މާއްދާގައި ބަޔާންކުރާ ތަޙްޤީޤެއް ކުރުމުގައި، އަންނަނިވި ކަންކަން ކުރުމުގެ ބާރު، ފުލުހުންނަށް ލިބިގެންވެއެވެ.
(1) ތަނަކަށް ނުވަތަ ޢިމާރާތަކަށް އެތަނުގައި ތިބި ނުވަތަ އެތަނެއްގެ ވެރިފަރާތުގެ ހުއްދައާއެކު، ނުވަތަ ހުއްދަ ނުދީފިނަމަ ގަދަކަމުން ވަދެ، ތަންތަން ބަލައި ފާސްކުރުން؛
(2) އެތަނަކުން ނުވަތަ ޢިމާރާތުން ތަޙްޤީޤަށް ހެއްކެއްގެ ގޮތުގައި މުހިންމުކަމަށް ޤަބޫލުކުރެވޭ ތަކެތި އަތުލުމުގެ ބާރު؛
(3) އެތަނާއި އެތަނުގައިވާ ތަކެތި ފޮޓޯނެގުމާއި، ފިލްމުކުރުމާއި ވީޑިއޯކުރުމުގެ ބާރު؛ އަދި
(4) އެމީހަކަށް އެނގުނު މިންވަރަކުން ތަޙްޤީޤަށް ބޭނުންވާ ތެދު މަޢުލޫމާތު ދިނުމަށާއި، ސުވާލަށް ޖަވާބުދިނުމަށް އެކި ފަރާތްތަކަށް އެންގުމުގެ ބާރު.
(އ) އަންނަނިވި ޙާލަތްތަކުގައި ފިޔަވައި، މި މާއްދާގެ (ކ) ގައި ބަޔާންކުރާ ބާރުތަކުގެ ބޭނުންކުރެވޭނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
(1) ތަނަކަށް ނުވަތަ ޢިމާރާތަކަށް ވެއްދުމަށް އެތަނެއްގައި ތިބި ބަޔަކު އިންކާރުކުރާނަމަ ނުވަތަ އެތަނަކަށް ނުވަދެވޭނަމަ؛ އަދި
(2) ކޯޓު އަމުރެއް ލިބެންދެން އެތަނަކަށް ވަނުން ލަސްކޮށްފިނަމަ، ކުއްޖާއަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބެލުމަށް އެކަށީގެންވާ ހެކި ލިބިފައިވާ ޙާލަތުގައި، އެތަނަށް ވަނުމަށް ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީ ރޭންކެއްގެ އޮފިސަރެއްގެ ހުއްދަ ލިބިފައިވާނަމަ.
(ވ) މި މާއްދާގެ (ކ) ގައި ބަޔާންކުރާ ބާރުތަކުގެ ބޭނުންކުރާއިރު، މައްސަލައިގެ ޙާލަތާއި އެކަމުގެ ބޭނުންތެރިކަމަށް ރިޢާޔަތްކޮށް، ފުލުހުންނާއެކު ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ މުވައްޒަފުން ބައިވެރިކުރެވިދާނެއެވެ.
(މ) ޤާނޫނީ ޙިމާޔަތް ލިބިދެވޭ މަޢުލޫމާތެއް ނުވަތަ އެފަދަ މުޢާމަލާތެއްގެ މަޢުލޫމާތު ހާމަކުރުމުގައި އެއްވެސް ފަރާތަކަށް މަޖުބޫރުކޮށްގެން ނުވާނެއެވެ.
(ފ) މި މާއްދާގައި ބަޔާންކުރާ ކޯޓު އަމުރެއް ނެރެދިނުމުގައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ތަންތަން ބަލައި ފާސްކުރުމަށް ނެރޭ ކޯޓު އަމުރާ ގުޅޭގޮތުން ޢަމަލުކުރެވޭ ޢާންމު އިޖުރާއަތުތައް ހިނގާނެއެވެ.
(ހ) ކުއްޖަކަށް ގެއްލުމެއް ލިބިފައިވާ ކަމަށް ނުވަތަ ލިބިދާނެ ކަމަށް ފެނިގެން ނުވަތަ އެފަދަ ކަމަކާ ގުޅިގެން ކުއްޖާއަށް ލިބެންޖެހޭ ރައްކާތެރިކަމަކީ ކޮބައިކަން ދެނެގަތުމަށްޓަކައި ކުރިއަށްގެންދާ ތަޙްޤީޤެއް ފަށާއިރު، އެކުއްޖާއަށް ކުރިމަތިވެފައިވާ ނުރައްކަލަކީ ނުވަތަ ގެއްލުމަކީ ކޮބައިކަމުގެ މަޢުލޫމާތު އެކުއްޖާގެ މައިންބަފައިންގެ ތެރެއިން އެކަކަށް ނުވަތަ ދެމީހުންނަށް ލަސްނުކޮށް ފޯރުކޮށްދޭންވާނެއެވެ.
(ށ) ތަޙްޤީޤު ނިމުމާއެކު، ތަޙްޤީޤުގެ ނަތީޖާ ކުއްޖާގެ މައިންބަފައިންގެ ތެރެއިން އެކަކަށް ނުވަތަ ދެމީހުންނަށް ފޯރުކޮށްދޭންވާނެއެވެ. އަދި އެ މަޢުލޫމާތު ހޯދުމަށް މައިންބަފައިން އެދެނީ ލިޔުމުން ކަމުގައިވާނަމަ، އެ މަޢުލޫމާތު ދޭންވާނީ ލިޔުމުންނެވެ.
(ނ) އަންނަނިވި ޙާލަތްތަކުގައި، މައިންބަފައިންނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގައި އެވަގުތެއްގައި ކޮންމެހެން ބޭނުންވާ މިންވަރަކަށް މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިޚްތިޔާރު މައްސަލަ ބަލަމުންދާ އިދާރާއަކަށް ލިބިގެންވެއެވެ.
-1 ކުއްޖާއަށް ކޮށްފައިވާ އަނިޔާއެއް ނުވަތަ ދީފައިވާ ގެއްލުމަކާ ގުޅިގެން އެއްވެސް ފަރާތެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ދަޢުވާ އުފުލުމުގެ ފުރުޞަތު އޮވެ، މި މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެމަތިން އެ އިދާރާއިން މަޢުލޫމާތު ހާމަކޮށްފިނަމަ، އެފަދަ ކުށެއްގެ ތަޙްޤީޤަށް ހުރަސް އެޅިދާނޭކަމަށް ފެނުން؛ ނުވަތަ
-2 ކުއްޖާއަށް ކުރިމަތިވެފައިވާ ނުރައްކަލަކީ އޭނާގެ މައިންބަފައިންގެ ކިބައިން ކުރިމަތިވެފައިވާ ނުރައްކަލެއް ކަމުގައި ބެލެވުމާއެކު، މި މާއްދާގެ (ށ) އާ އެއްގޮތަށް ޢަމަލުކޮށްފިނަމަ ކުއްޖާއަށް ގެއްލުމެއް ކުރިމަތިވެދާނެކަމުގެ ފުރުޞަތު އޮތުން.
ކުއްޖަކަށް އަޅާލުމާއި ރައްކާތެރިކަން ބޭނުންވާކަން ނުވަތަ ނޫންކަން ދެނެގަތުމަށްޓަކައި ކުރިއަށްގެންދެވޭ ތަޙްޤީޤެއްގެ ތެރޭގައި ކުރަންޖެހޭ ކަންކަން ކުރުމަށް ކުއްޖާގެ މައިންބަފައިންގެ ނުވަތަ ބެލެނިވެރިޔާގެ ރުހުން ނުލިބިއްޖެނަމަ، ނުވަތަ މައިންބަފައިންގެ ނުވަތަ ބެލެނިވެރިޔާގެ ރުހުން ނުހޯދޭ ފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ވަގުތީ އެސެސްމަންޓް އަމުރަކަށް އެދި ކޯޓަށް ހުށަހެޅިދާނެއެވެ.
(ހ) މި ޤާނޫނުގެ 79 ވަނަ މާއްދާގައި ބަޔާންކުރާ ވަގުތީ އެސެސްމަންޓް އަމުރަކަށް އެދި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ކޯޓަށް ހުށަހެޅިދާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ވަގުތީ އެސެސްމަންޓް އަމުރަކަށް އެދި ކޯޓަށް ހުށަހަޅާއިރު އަންނަނިވި ކަންކަން ފުރިހަމަވާންވާނެއެވެ.
(1) އަމުރަށް އެދެނީ، މި ޤާނޫނުގެ 79 ވަނަ މާއްދާގައި ބަޔާންކުރާ ސަބަބުތަކުގެ ތެރެއިން ކޮން ސަބަބަކަށްކަން؛ އަދި
(2) އަމުރުގެ ދަށުން ކުރުމަށް އެދޭ ކަންކަން.
(ހ) މި ޤާނޫނުގެ 80 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުމަކާ ގުޅިގެން ސާފުކުރަންޖެހޭ އެންމެހައި ކަންކަން ސާފުކުރުމަށްފަހު މެނުވީ، އަދި މި ޤާނޫނުގެ 79 ވަނަ މާއްދާގައި ބަޔާންކުރާ ސަބަބެއް މެދުވެރިވެފައިވާ ޙާލަތެއްގައި މެނުވީ، ވަގުތީ އެސެސްމަންޓް އަމުރެއް ކޯޓުން ނެރެދީގެންނުވާނެއެވެ.
(ށ) އެއްވެސް ކުއްޖަކާ ގުޅިގެން، ކޯޓުން ވަގުތީ އެސެސްމަންޓް އަމުރެއް ނެރެދޭންވާނީ، އެކުއްޖާއަކީ އަޅާލުމާއި ރައްކާތެރިކަން ބޭނުންވެފައިވާ ކުއްޖެއްކަމަށް ކަށަވަރުކުރުމަށްޓަކައި ތަޙްޤީޤެއް ކުރިއަށް ގެންދަންޖެހި، އެފަދަ ތަޙްޤީޤެއް ވަގުތީ އެސެސްމަންޓް އަމުރަކާ ނުލައި އެދެވޭ ގޮތެއްގައި ކުރިއަށްނުގެންދެވޭނެކަން ކޯޓަށް ޤަބޫލުކުރެވޭނަމައެވެ.
(ނ) މި ޤާނޫނުގެ 78 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ޙާލަތުގައި، ވަގުތީ އެސެސްމަންޓް އަމުރެއް ނެރެދިނުމުގައި، ކުއްޖާގެ މައިންބަފައިންނަށް އެފަދަ ހުށަހެޅުމަކާބެހޭ މަޢުލޫމާތު ދިނުމަކާ ނުލައި ނުވަތަ އެފަރާތްތަކުގެ ބަހެއް ހޯދުމެއް ނެތި ކޯޓަށް އެފަދަ އަމުރެއް ނެރެދެވިދާނެއެވެ.
(ހ) ކޯޓުން ނެރޭ ވަގުތީ އެސެސްމަންޓް އަމުރެއްގައި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ނުވަތަ ކަންތައްތަކެއް ކުރުމަށް އަމުރުކުރުމުގެ ބާރު ދެވިދާނެއެވެ.
(1) ކުއްޖާއާ ގުޅުން ބަހައްޓަމުންދިޔުމަށް؛
(2) ކުއްޖާއަކީ އަނިޔާ ލިބިފައިވާ ކުއްޖެއްނަމަ، ނުވަތަ ބައްޔެއް ވެފައިވާ ކުއްޖެއްނަމަ، ކުއްޖާއަށް ކޮންމެހެން ބޭނުންވާ މެޑިކަލް އެގްޒެމިނޭޝަންތައް ހެއްދުމަށާއި، ޞިއްޙީ ފަރުވާ ދިނުމަށް؛ އަދި
(3) ކުއްޖާއަށް ކުރިމަތިވެފައިވާ ނުރައްކަލަކީ، ކުއްޖާގެ މައިންބަފައިންގެ ކިބައިން ކުރިމަތިވެފައިވާ ނުރައްކަލެއްނަމަ، ކަނޑައެޅޭ ވަކި ފަރާތެއްގެ ހާޒިރުގައި މެނުވީ ކުއްޖާއާ ސީދާ ނުވަތަ ނުސީދާ ގޮތުން އެއްވެސް ގުޅުމެއް ނުބޭއްވުމަށް ކުއްޖާގެ މައިންބަފައިންނަށް އެންގުމަށް.
(ށ) އަންނަނިވި ކަންކަން ފުރިހަމަވާނަމަ، ކުއްޖާ ހުރި ކަމަށް ޤަބޫލުކުރެވޭ ތަނަކަށް ވަދެ ކުއްޖާ ހޯދުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ވަގުތީ އެސެސްމަންޓް އަމުރަކުން ހުއްދަކުރެވިދާނެއެވެ.
(1) ތަނަކަށް ވެއްދުމަށް ކުއްޖާގެ މައިންބަފައިން ނުވަތަ ބެލެނިވެރިން ނުވަތަ ކުއްޖާއާ އެއިރެއްގައި ޙަވާލުވެހުރި އެހެން ފަރާތަކުން އިންކާރުކޮށްފިނަމަ ނުވަތަ ކުއްޖާ ވީތަނެއް ނޭނގޭނަމަ؛ އަދި
(2) އެ އަމުރު އެންމެ އެދެވޭ ގޮތަކަށް ތަންފީޛުކުރުމަށްޓަކައި އެތަނަކަށް ވަނުން މުހިންމު ކަމަށްވާނަމަ.
(ނ) މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ތަނަކަށް ވަނުމަށްފަހު މި މާއްދާގެ ދަށުން މައްސަލަ ބަލާ އޮފިސަރަކަށް ލިބިގެންވާ ބާރު އެންމެ އެދެވޭ ގޮތެއްގައި ބޭނުންކުރުމަށްޓަކައި އެފަދަ ތަނެއްގައި ދެމިހުރުމުގެ ބާރު އެ އޮފިސަރަށް ލިބިގެންވެއެވެ.
(ހ) މި ޤާނޫނުގެ ދަށުން ކޯޓުން ނެރޭ ވަގުތީ އެސެސްމަންޓް އަމުރެއްގައި، އެ އަމުރު ދެމިއޮންނާނެ މުއްދަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މުއްދަތު، ކޯޓުން އަމުރު ނެރޭ ތާރީޚުން ފެށިގެން 5 (ފަހެއް) ދުވަހަށްވުރެ ދިގުވެގެން ނުވާނެއެވެ.
(ނ) އަމުރުގެ މުއްދަތު އިތުރުނުކުރާނަމަ، އަމުރުގައި ބަޔާންކޮށްފައިވާ މުއްދަތު ހަމަވުމުން، އަމުރު ނިމުމަކަށް އަންނާނެއެވެ.
(ހ) ވަކި ކުއްޖަކާ ގުޅޭގޮތުން ނެރެފައިވާ ވަގުތީ އެސެސްމަންޓް އަމުރެއްގެ މުއްދަތު އިތުރުކޮށްދިނުމަށް އެދި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ކޯޓުގައި އެދެވިދާނެއެވެ.
(ށ) މި މާއްދާގެ ދަށުން ވަގުތީ އެސެސްމަންޓް އަމުރެއްގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅުމުގައި ޢަމަލުކުރާނީ ވަގުތީ އެސެސްމަންޓް އަމުރަކަށް އެދި ހުށަހެޅުމުގައި ޢަމަލުކުރާ އުސޫލުންނެވެ.
(ނ) ވަގުތީ އެސެސްމަންޓް އަމުރެއްގެ މުއްދަތު އިތުރުކޮށްދިނުމަށް ކޯޓުން ނިންމަންވާނީ، އެ އަމުރު ނެރެދީފައިވާ މަޤްޞަދު ޙާޞިލުކުރުމަށް އެކަށީގެންވާ މަސައްކަތް ކުރުމަށްފަހުގައިވެސް އެ މަޤްޞަދު ޙާޞިލުވެފައިނުވާނަމައެވެ.
(ރ) ވަގުތީ އެސެސްމަންޓް އަމުރެއްގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހުށަހެޅޭ ހުށަހެޅުމަކާ ގުޅިގެން އެފަދަ އަމުރެއް 5 (ފަހެއް) ދުވަހަށްވުރެ ގިނަ ދުވަހަށް އިތުރުކޮށްދީގެންނުވާނެއެވެ.
(ބ) މި ޤާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ނެރެދީފައިވާ ވަގުތީ އެސެސްމަންޓް އަމުރެއްގެ ބޭނުން ކެނޑިއްޖެ ކަމަށް އަމުރަށް އެދުނު ފަރާތަށް ފެނިއްޖެނަމަ، އެ އަމުރު ބާޠިލުކުރުމަށް އެދި ކޯޓަށް ހުށަހަޅަންވާނެއެވެ.
(ހ) ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ނުވަތަ ފުލުހުންގެ އޮފިސަރަކު ވަގުތީ އެސެސްމަންޓް އަމުރެއްގެ ދަށުން ތަނަކަށް ވަންނަނަމަ، ޢަމަލުކުރަންވާނީ މި މާއްދާގައިވާ ގޮތުގެމަތިންނެވެ.
(ށ) ތަނަކަށް ވަނުމުގެ ކުރިން އަންނަނިވި ކަންކަން ކުރުމަށް އެކަށީގެންވާ މަސައްކަތް ކުރަންވާނެއެވެ.
(1) ވަންނަން ބޭނުންވާ ތަނުގައި ހުރި މީހަކަށް އެ އޮފިސަރަކީ ކާކުކަން ބުނެދިނުން؛
(2) އެތަނަކަށް ވަނުމަށާއި އެތަނަށް ވަދެ އެތަން ބަލައި ފާސްކުރުމަށް ހުއްދަދީފައިވާ އަމުރުގެ ކޮޕީ އެތަނުގެ ވެރިފަރާތަށް ދިނުން؛
(3) ތަނުގެ ވެރިފަރާތަށް އެ އޮފިސަރު އެތަނަށް ވަދެ އެ އަމުރުގައި ބަޔާންކޮށްފައިވާ ކުއްޖާ ހޯދުމުގެ ބާރު ލިބިފައިވާކަން ބުނެދިނުން؛ އަދި
(4) އެއްވެސް މިންވަރަކަށް ބާރުގެ ބޭނުންނުކޮށް އެތަނަށް ވަދެ ތަން ފާސްކުރުމުގެ އިޒުނަދިނުމުގެ ފުރުޞަތު އެމީހަކަށް ދިނުން.
(ނ) މި މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުން އޮފިސަރަކީ ކާކުކަން އަންގައިދޭ މަޢުލޫމާތު އެނގޭނެ ލިޔުމެއް އެތަނުގައި ހުންނަ މީހަކަށް ދައްކަންވާނެއެވެ.
(ރ) މި މާއްދާގެ ދަށުން ތަނަކަށް ވަނުމުގައި، ތަނުގެ ވެރިފަރާތް ނެތް ޙާލަތެއްގައި، ވެރިފަރާތުގެ މަޞްލަޙަތު ޙިމާޔަތްކޮށްދެވޭނެ އެހެން ފަރާތެއްގެ ހާޒިރުގައި، މި މާއްދާގައި ބަޔާންކުރާ ކަންކަން ކުރެވިދާނެއެވެ.
ކުއްޖަކާ ގުޅޭގޮތުން ވަގުތީ އެސެސްމަންޓް އަމުރެއް ނެރުމާއެކު، ލަސްނުކޮށް އަންނަނިވި ކަންކަން ކުރަންވާނެއެވެ.
(ހ) ކުއްޖާގެ މައިންބަފައިންގެ ތެރެއިން އެކަކަށް ނަމަވެސް އެ އަމުރުގެ ކޮޕީއެއް ދިނުން؛
(ށ) އެ އަމުރުގައިވާ ކަންކަމާއި އޭގެ ނަތީޖާ އެފަރާތަކަށް ބުނެދިނުން؛ އަދި
(ނ) އެ އަމުރު އިސްތިއުނާފުކުރުމުގެ ޙައްޤު ކުއްޖާގެ މައިންބަފައިންނަށް ނުވަތަ ބެލެނިވެރިޔާއަށް ލިބިގެންވާކަން ބުނެދިނުން.
ވަގުތީ އެސެސްމަންޓް އަމުރަކަށް އެދި ކޯޓަށް ހުށަހަޅަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަމަށްވާނަމަ، އެކަމާބެހޭ މަޢުލޫމާތާއި އަމުރުގެ ކޮޕީ، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއަށް ހުށަހަޅަންވާނެއެވެ.
(ހ) މި ޤާނޫނުގެ ސާދަވަނަ ބާބުގެ ދަށުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހިންގާ ތަޙްޤީޤެއްގައި، އެ ތަޙްޤީޤު ނިސްބަތްވާ ކުޑަކުއްޖަކީ، އަޅާލުމާއި ރައްކާތެރިކަން ބޭނުންވެފައިވާ ކުއްޖެއް ކަމަށް އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް ޤަބޫލުކުރެވޭނަމަ، ނުވަތަ އެކުއްޖަކީ، އެކުއްޖާ އެވަގުތު ދިރިއުޅެމުންދާ ނުވަތަ އެވަގުތު ހުރި ތަނުގައި އެކުއްޖާ ބަހައްޓައިފިނަމަ، އެފަދަ ޙާލަތަކަށް ކުރިމަތިވުމުގެ އިހްތިމާލު އޮތް ކުއްޖެއް ކަމަށް އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް ޤަބޫލުކުރެވޭނަމަ، އެކުއްޖާގެ ރައްކާތެރިކަމަށްޓަކައި ވަގުތުން ފިޔަވަޅު އެޅުމުގެ ގޮތުން އަންނަނިވި ކަންކަން ކުރުމުގެ އިޚްތިޔާރު، މައްސަލަ ބަލާ އޮފިސަރުންނަށް ލިބިގެންވެއެވެ.
(1) ކުއްޖާ ހުރި މާޙައުލުން ކުއްޖާ ވަކިކޮށް، ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުން؛ އަދި
(2) ކުއްޖާ ބެލެހެއްޓުން ވަގުތީގޮތުން އެހެން ފަރާތަކާ ޙަވާލުކުރުން.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ވަގުތުން ފިޔަވަޅު އެޅުމުގައި، ކޮންމެ ކުއްޖެއްގެ މައްސަލައެއްވެސް ނިންމަންވާނީ، ޙާލަތަށް ބިނާކޮށް، ކުއްޖާގެ މަޞްލަޙަތު ޙިމާޔަތްކޮށްދިނުމަށް އެންމެ އިސްކަންދެވޭނެ ގޮތަކަށެވެ.
(ނ) މި މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ކުއްޖާ ބެލުން ވަގުތީގޮތުން އެހެން ފަރާތަކަށް ޙަވާލުކުރުމުގައި އިސްކަން ދޭންވާނީ، ކުއްޖާގެ ޙަޟާނަތު ދެމިގެންދާފަދަ ގޮތަކަށް ވަގުތީގޮތުން ޙަވާލުކުރުމަށެވެ.
(ރ) މި މާއްދާގެ (ނ) އެހެން އޮތް ކަމުގައިވީނަމަވެސް، ކުއްޖާ ބެލެހެއްޓުން ކުއްޖާގެ ޢާއިލާގެ ފަރާތަކާ ޙަވާލުކޮށްފިނަމަ، ކުއްޖާގެ މަޞްލަޙަތަށް އުނިކަމެއް އަތުވެދާނެކަމަށް އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް ޤަބޫލުކުރެވޭނަމަ، ކުއްޖާގެ ޢާއިލާގެ ފަރާތަކާ ކުއްޖާ ބެލެހެއްޓުން ޙަވާލުކުރުމުގެ ބަދަލުގައި އެކުއްޖާ ބަހައްޓަންވާނީ، މި ޤާނޫނުގެ ސަތާރަވަނަ ބާބުގައި ބަޔާންކުރާ ފަދަ އޯލްޓަނޭޓިވް ކެއަރ ފެސިލިޓީއެއްގައެވެ.
(ހ) މި ޤާނޫނުގެ 88 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމާއެކު، ވީ އެންމެ އަވަހަކަށް، އަދި ލަސްވެގެން 5 (ފަހެއް) ދުވަހުގެ ތެރޭގައި އެކުއްޖާއާމެދު ޢަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށްޓަކައި ދައުލަތުގެ ފަރާތުން ކޯޓަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ހުށަހެޅުމެއް ލިބުމާއެކު، މައްސަލައިގައި ހިމެނޭ އެންމެހައި ޙާލަތްތަކަށާއި، ކުއްޖާގެ މަޞްލަޙަތަށް އިސްކަންދެވޭނެ ގޮތަކަށް ރިޢާޔަތްކުރުމަށްފަހު، އަންނަނިވި އަމުރުތަކުގެ ތެރެއިން އަމުރެއް ކޯޓަށް ނެރެވިދާނެއެވެ.
(1) ރައްކާތެރިކުރުމުގެ އަމުރެއް؛ ނުވަތަ
(2) ސުޕަވިޜަން އަމުރެއް.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް މައްސަލައެއް ހުށަހެޅުމާއެކު، ވީ އެންމެ އަވަހަކަށް، އަދި އެންމެ ލަސްވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، އެ މައްސަލައާމެދު ގޮތެއް ނިންމައި، މި މާއްދާގެ (ށ) ގައި ބަޔާންކުރާ އަމުރުތަކުގެ ތެރެއިން އަމުރެއް ނެރެންވާނެއެވެ.
(ހ) ރައްކާތެރިކުރުމުގެ އަމުރަކީ، މި ޤާނޫނުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަގުތީގޮތުން އެހެން ފަރާތަކާ ބެލުން ޙަވާލުކޮށްފައިވާ ކުއްޖަކު، އެކުއްޖާގެ މައިންބަފައިންނާ ނުވަތަ ބެލެނިވެރިޔާއާ އަނބުރާ ޙަވާލުކުރެވެންދެން ނުވަތަ އެކުއްޖާއަށް ރައްކާތެރިކަން ފޯރުކޮށްދެވޭނެ ދާއިމީ އެހެން ގޮތެއް ހަމަޖެހެންދެން، އެކުއްޖާ ވަގުތީގޮތުން ބެލުން ޙަވާލުކޮށްފައިވާ ފަރާތުގެ ކިބައިގައި ބެހެއްޓުމަށް އަމުރުކޮށް، ކޯޓުން ނެރޭ އަމުރެކެވެ.
(ށ) ރައްކާތެރިކުރުމުގެ އަމުރެއް ކޯޓުން ނެރެންވާނީ، އެ އަމުރު ނިސްބަތްވާ ކުއްޖަކީ، އަޅާލުމާއި ރައްކާތެރިކަން ބޭނުންވެފައިވާ ކުއްޖެއް ކަމަށް ކޯޓަށް ޤަބޫލުކުރެވުމާއެކު، އެކުއްޖާ ދިރިއުޅެމުންދިޔަ ތަނުގައި އެކުއްޖާ ބަހައްޓައިފިނަމަ، އެކުއްޖާއަށް އިތުރަށް ގެއްލުމެއް ލިބިދާނެކަމަށް ކޯޓަށް ޤަބޫލުކުރެވޭ ޙާލަތުގައެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ރައްކާތެރިކުރުމުގެ އަމުރެއް ކޯޓުން ނެރުމާއެކު، އެ އަމުރުގައި ބަޔާންކުރާ ނިސްބަތަށް އެކުއްޖާގެ މައިންބަފައިންގެ ނުވަތަ ބެލެނިވެރިންގެ ޙައްޤުތައް ހަނިކުރެވޭނެއެވެ. އެ ޙާލަތުގައި، އެކުއްޖާ ބެލެހެއްޓުމުގެ މައިގަނޑު ޒިންމާ ބަދަލުވާނީ ދައުލަތަށެވެ.
(ހ) ރައްކާތެރިކުރުމުގެ އަމުރެއް ވުޖޫދުގައި އޮތްހާ ހިނދަކު އަންނަނިވި ކަންކަން ކުރުމަކީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ޒިންމާއެކެވެ.
(1) އެ އަމުރު ދެމިއޮތްހާ ހިނދަކު، އެ އަމުރު ނިސްބަތްވާ ކުއްޖާއަށް ބޭނުންވާ އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުން؛
(2) ކުއްޖާގެ މައިންބަފައިން ކުއްޖާއާ ގުޅޭގޮތުން އުފުލަންޖެހޭ ޒިންމާ، އެކުއްޖާއާ ގުޅޭގޮތުން އުފުލުން؛
(3) ކުއްޖާއާ ގުޅުން ބަދަހިކޮށް، އެކުއްޖާއަށް އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދިނުން؛ އަދި
(4) އަމުރުގައިވާ ކަންކަން ތަންފީޛުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
(ށ) ކުއްޖަކާ ގުޅޭގޮތުން ރައްކާތެރިކުރުމުގެ ސުޕަވިޜަން އަމުރެއް ނެރެފައިވާނަމަ، ކުއްޖާގެ މައިންބަފައިންނަށް، އެކުއްޖާއާ ގުޅުން ބަދަހިކުރުމުގެ ގޮތުން ކުއްޖާއާ ބައްދަލުކުރެވޭނެ ގޮތް ހަމަޖައްސައިދިނުމުގެ އިޚްތިޔާރު ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއަށް ލިބިގެންވެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއަށް ލިބިދީފައިވާ އިޚްތިޔާރުގެ ބޭނުން އެ ސަރވިސްއިން ކުރަންވާނީ އެއީ ކުއްޖާގެ މަޞްލަޙަތަށް އެންމެ އެދެވޭ ގޮތް ކަމުގައި ވާނަމައެވެ.
(ހ) ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ބެލުމުގެ ދަށުގައި ކުއްޖަކު ބަލަހައްޓަމުންދާ މުއްދަތުގައި އެކުއްޖާގެ މައިންބަފައިންނާ ގުޅުން ބޭއްވުމަށް އެކަށީގެންވާ ފުރުޞަތު އެ ސަރވިސްއިން ކުއްޖާއަށް ފަހިކޮށްދޭންވާނެއެވެ.
(ށ) ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ނުވަތަ އެކުއްޖާ ކޯޓަށް ހުށަހެޅުމުން، ވަކި މީހަކާ ކުއްޖާއާ ބައްދަލުކުރެވޭނެ ނުވަތަ ގުޅުން ބޭއްވުމަށް ކޯޓަށް އެންމެ އެކަށީގެންވާ ގޮތް ކަމަށް ކަނޑައަޅާ އަމުރެއް ކޯޓަށް ނެރެވިދާނެއެވެ.
(ނ) ކުއްޖާގެ މައިންބަފައިން ކޯޓަށް ހުށަހެޅުމުން، ވަކި މީހަކާ ކުއްޖާއާ ބައްދަލުކުރެވޭނެ ނުވަތަ ގުޅުން ބޭއްވުމަށް ކޯޓަށް އެންމެ އެކަށީގެންވާ ގޮތް ކަމަށް ކަނޑައަޅާ އަމުރެއް ކޯޓަށް ނެރެވިދާނެއެވެ.
(ރ) މި މާއްދާގެ ދަށުން ކޯޓުން ނެރޭ އަމުރެއް ބަދަލުކޮށްދިނުމަށް އެދި ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ނުވަތަ އެކުއްޖާ ނުވަތަ އެ އަމުރުގައި ބަޔާންކޮށްފައިވާ ފަރާތަކުން އެދިއްޖެނަމަ، އެ އަމުރު ބަދަލުކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވެއެވެ.
(ބ) ކުއްޖާ ބެލެހެއްޓުމަށް ނެރޭ އަމުރެއް ނެރުމުގެ ކުރިން ކޯޓުން އަންނަނިވި ކަންކަން ކުރަންވާނެއެވެ.
(1) މި މާއްދާގައި ބަޔާންކުރާ ފަދަ ކުއްޖަކާ ބައްދަލުކުރުމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ހަމަޖައްސާފައިވާ އިންތިޒާމާއި، ނުވަތަ ހަމަޖައްސަން ހުށަހަޅާފައިވާ އިންތިޒާމު؛ އަދި
(2) އެ އިންތިޒާމާމެދު އެފަރާތްތަކުން ދެކޭ ގޮތް ދެނެގަތުމަށްޓަކައި އެފަރާތްތައް ކޯޓަށް ހާޒިރުކޮށް، އެފަރާތުގެ ޚިޔާލާއި ރަޢުޔު ހޯދުން.
(ހ) ސުޕަވިޜަން އަމުރަކީ، މި ޤާނޫނުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަގުތީގޮތުން އެހެން ފަރާތަކާ ބެލުން ޙަވާލުކޮށްފައިވާ ކުއްޖެއްގެ މައްސަލަ، މި ޤާނޫނުގެ 89 ވަނަ މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ހުށަހެޅުމުން، ނުވަތަ މި ޤާނޫނުގެ 89 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ސުޕަވިޜަން އަމުރަކަށް އެދި ކޯޓަށް ހުށަހެޅޭ މައްސަލައެއްގައި، އެ މައްސަލަ ނިސްބަތްވާ ކުއްޖާ އޭނާގެ މައިންބަފައިންނާ ނުވަތަ ބެލެނިވެރިޔާއާ ވަކިނުކޮށް، އޭނާ އޭނާގެ ބެލެނިވެރިންނާއެކު އޭނާ ދިރިއުޅެމުންދާއިރު، އޭނާ އެ މާޙައުލުގައި ވަނިކޮށް، އޭނާއަށް ގެއްލުމެއް ކުރިމަތިވެދާނެތޯ ބެލުމަށްޓަކައި، އޭނާ އުޅޭނޫޅޭގޮތް ގާތުން ބެލުމުގެ އިޚްތިޔާރު ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދިނުމަށްޓަކައި ކޯޓުން ނެރޭ އަމުރެކެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ސުޕަވިޜަން އަމުރެއް ކޯޓުން ނެރިއްޖެ ޙާލަތެއްގައި، އެކުއްޖާއާގުޅޭ ކަންކަން ބަލައި މޮނިޓަރކުރަމުންދިޔުމަށް، ޗައިލްޑް އެންޑެ ފެމިލީ ޕްރޮޓެކްޝަން ސަރވިސްގެ ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަމުރުކުރަންވާނެއެވެ. އަދި ކޯޓުން ކަނޑައަޅާ ގޮތެއްގެމަތިން އެފަރާތަކުން އެ އަމުރާ ގުޅޭގޮތުން ކޯޓަށް ޖަވާބުދާރީވާންވާނެއެވެ.
މި ޤާނޫނުގެ 90 ވަނަ މާއްދާގެ ދަށުން ރައްކާތެރިކުރުމުގެ އަމުރެއް ކޯޓުން ނެރުމުގައި ނުވަތަ މި ޤާނޫނުގެ 93 ވަނަ މާއްދާގެ ދަށުން ސުޕަވިޜަން އަމުރެއް ކޯޓުން ނެރުމުގައި، ކުއްޖާގެ މައިންބަފައިންނަށް ނުވަތަ ބެލެނިވެރިންނަށް، ޖަވާބުދާރީވާނެ ފުރުޞަތު ދޭންވާނެއެވެ. އަދި އެއިން އަމުރެއް ކޯޓުން ނެރިއްޖެ ހިނދެއްގައި، އެ އަމުރު އިސްތިއުނާފުކުރުމުގެ ޙައްޤުވެސް، ކުއްޖާގެ މައިންބަފައިންނަށް ނުވަތަ ބެލެނިވެރިންނަށް ލިބިގެންވެއެވެ.
(ހ) މި ޤާނޫނުގެ ދަށުން ދައުލަތުން ވަގުތީގޮތުން ހިޔާވަހިކަން ފޯރުކޮށްދޭންޖެހޭ ކުޑަކުދިންނަށް އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން، ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އޯލްޓަނޭޓިވް ކެއަރގެ ޚިދުމަތް ލިބޭނެ ރެސިޑެންޝަލް ފެސިލިޓީ، އެކަށީގެންވާ ޢަދަދަކަށް މިނިސްޓަރު ޤާއިމުކުރަންވާނެއެވެ.
(ށ) މި މާއްދާގެ ދަށުން މިނިސްޓަރު ޤާއިމުކުރާ މަރުކަޒުތައް ހުންނަންޖެހޭ ފެންވަރާއި، އެންމެ މަދުވެގެން ހުންނަންޖެހޭ މިންގަނޑުތަކާއި ސަލާމަތީ މިންގަނޑުތަކާއި، މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ޢަމަލުކުރަންޖެހޭ އުސޫލާއި، އެފަދަ މަރުކަޒުތަކުގައި ބައިތިއްބާ ކުޑަކުދިންނާމެދު ޢަމަލުކުރާނެ އުސޫލާއި، އެކުދިންނަށް ލިބެންޖެހޭނެ ޚިދުމަތްތައް ކަނޑައަޅާނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ކައުންސިލުގެ ލަފާގެ މަތިން، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައެވެ. އެފަދަ މިންގަނޑުތައް އެކުލަވާލަންވާނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއާއި، ދީމިޤްރާޠީ މުޖުތަމަޢުތަކުން ބަލައިގަންނަ އެނޫންވެސް ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ހ) އަންނަނިވި ޙާލަތްތަކުގައިވާ ކުޑަކުދިން، އޯލްޓަނޭޓިވް ކެއަރ ފެސިލިޓީތަކުގައި ބައިތިއްބައިގެން ބެލެހެއްޓުމުގެ އިޚްތިޔާރު ދައުލަތަށް ލިބިގެންވެއެވެ.
(1) މައިންބަފައިން، ބެލެނިވެރިން ނުވަތަ ޝަރުޢީ ބަލަދުވެރިން ދުނިޔޭގައި ތިބެ، ރައްކާތެރި މާޙައުލެއް ފޯރުކޮށްނުދެވޭ ޙާލަތްތައް މެދުވެރިވެފައިވާ ކުޑަކުދިންނާއި، މައިންބަފައިންނާއި، ބެލެނިވެރިން އިހުމާލުވެގެން ނުވަތަ އަނިޔާއެއް ކޮށްގެން، ދައުލަތުން ރައްކާތެރިކަން ފޯރުކޮށްދޭންޖެހޭ ކުޑަކުދިން؛
(2) ޤާނޫނީ ކުށެއްގެ ސަބަބުން ޙުކުމް ތަންފީޛުކުރުމަށްޓަކައި މައިންބަފައިން ނުވަތަ ބަލަދުވެރިޔާ ޖަލުގައި ޙުކުމް ތަންފީޛުކުރަން ދާންޖެހުމާ ގުޅިގެން، އެފަދަ މީހުންގެ ކުދިން؛
(3) ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން، އެކުއްޖާގެ ބަލީގެ ސަބަބުން ޢާއިލާގެ ތެރޭގައި އަދި މުޖުތަމަޢުގެ ތެރޭގައި ނުގެންގުޅެވޭ ވަރަށް ބަލި ޙާލަތު ގޯސްވެ އެކުއްޖާގެ ފަރާތުން ބަޔަކަށް ނުރައްކާވެދާނެ ފަދަ ޢަމަލުތައް ނުވަތަ އަމިއްލަ ނަފްސަށް ނުރައްކާވެދާނެ ޢަމަލުތައް ކުރާ ކުއްޖެއް؛
(4) ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން އެކުދިންގެ މައިންބަފައިން ނުވަތަ ޝަރުޢީ ބަލަދުވެރިން ނުބަލާ ދޫކޮށްލާ ކުދިން؛
(5) ގެވެށި އަނިޔާގެ މައްސަލަތަކުގައި ވަގުތީ ރައްކާތެރިކަން ބޭނުންވާ ކުދިން؛
(6) އެހެން ފަރާތެއް ބެލެހެއްޓުމުގެ ޒިންމާ އުފުލުމަށް ޢުޛުރުވެރިވާ ނުވަތަ ނުކުޅެދިފައިވާ ޝަރުޢީ ބަލަދުވެރިއެއްގެ ބެލުމުގެ ދަށުގައިވާ ކުދިން؛ އަދި
(7) ޔަތީމު ނުވަތަ މިސްކީނު ކުދިންގެ ތެރެއިން ޝަރުޢީ އެއްވެސް ބަލަދުވެރިޔަކު ދުނިޔޭގައި ނެތި އަޅާލާނެ މީހަކު ނެތް ކުދިން؛
(8) އެހެން ޤާނޫނެއްގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށަށް ގެންނަންޖެހޭ ކަމަށް ކަނޑައަޅާފައިވާ ކުދިން.
(ށ) މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި، ދައުލަތުގެ ބެލުމުގެ ދަށަށް ކުޑަކުދިން ގެނައުމަށް ނިންމުމުގައި ޢަމަލުކުރާނެ އުސޫލުތައް، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ކައުންސިލުގެ ލަފާގެ މަތިން މިނިސްޓަރު ކަނޑައަޅަންވާނެއެވެ.
(ނ) މި މާއްދާގެ ދަށުން ކުއްޖަކު އޯލްޓަނޭޓިވް ކެއަރ ފެސިލިޓީއަކަށް ބަދަލުކުރުމުގެ ކުރިން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ވެވުނު މިންވަރަކުން ކުއްޖާގެ މަޞްލަޙަތަށް ރިޢާޔަތްކޮށް، އަންނަނިވި ކަންކަން ކަށަވަރުކުރަންވާނެއެވެ.
(1) ހުންނާނެ ތަނެއް ހަމަޖައްސައިދިނުމުގައި، އެކަމާމެދު، ކުއްޖާ ދެކޭގޮތް ހޯދުން؛ އަދި
(2) ކުއްޖާގެ ޢުމުރާއި ކަންކަން ފަހުމްވާ މިންވަރަށް ބަލައި، އެކުއްޖާ ބޭނުންވާގޮތަށް ކަންކަން ކޮށްދެވޭތޯ ބެލުން.
(ހ) މި ޤާނޫނުގެ 95 ވަނަ މާއްދާ އެހެން އޮތްނަމަވެސް، މި ޤާނޫނުގެ ދަށުން އޯލްޓަނޭޓިވް ކެއަރއަށް ކުއްޖަކު ބަދަލުކުރުމުގެ ކުރިން، ވީވަރަކުން ބަލަންވާނީ، އެކުއްޖެއްގެ ޢާއިލީ މާޙައުލުން އެކުއްޖާ ދުރުނުކޮށް ނުވަތަ ނުނަގާވޭތޯއެވެ. އަދި ފުރަތަމަ ޙާލަތުގައި، ބަލަންވާނީ، ކުއްޖާގެ ޢާއިލާގެ އެހެން ފަރާތަކާ އެކުއްޖާ ޙަވާލުކުރުމަށެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުއްޖެއްގެ ޢާއިލާގެ އެހެން ފަރާތަކާ ޙަވާލުކުރަން މަސައްކަތްކުރުމަށްފަހު، އެކަން މެދުވެރިވާން ނެތްނަމަ، ދެން ބަލަންވާނީ، މި ޤާނޫނުގެ 99 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުއްޖާ ފޮސްޓަރކޮށްދޭނެ ފަރާތަކާ ކުއްޖާ ޙަވާލުކުރެވޭތޯއެވެ.
(ނ) އޯލްޓަނޭޓިވް ކެއަރއަށް ކުއްޖާ ބަދަލުކުރަންވާނީ، އެއީ، ކުއްޖާގެ މަޞްލަޙަތަށް އެންމެ ފައިދާހުރި ގޮތް ކަމުގައިވާނަމަ، އަދި މި މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކުރާ ފަދައިން ޢަމަލުކުރެވެން ނެތް ޙާލަތްތަކުގައި، އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުންނެވެ.
(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންގެ ތެރެއިން، ތަފާތު ސަބަބުތަކަށްޓަކައި އެކުދިންގެ ޢާއިލާތަކާ ޙަވާލުކުރެވެން ނެތް ކުދިން ބަލަހައްޓައި، ތަރުބިއްޔަތުކޮށް، ބަލައިބޮޑުކުރުމުގެ ޒިންމާ ދައުލަތުގެ ފަރާތުން އެހެން ފަރާތަކާ ޙަވާލުކުރެވޭނެ ފޮސްޓަރ ކެއަރގެ ނިޒާމެއް، މި ޤާނޫނުގެ ދަށުން މިނިސްޓަރު ޤާއިމުކުރަންވާނެއެވެ.
(ށ) މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 6 (ހައެއް) މަސްދުވަހުގެ ތެރޭގައި މި މާއްދާގެ (ހ) ގައި ބަޔާންކުރާ ފޮސްޓަރ ކެއަރގެ ނިޒާމު، މި ޤާނޫނުގައި ބަޔާންކުރާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓަރު ޤާއިމުކުރަންވާނެއެވެ.
(ހ) މި ޤާނޫނުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުއްޖަކީ، އެކުއްޖާގެ މައިންބަފައިންނާ އެކުއްޖާ ބެލުން އަލުން ޙަވާލުކުރެވެން ނެތް ކުއްޖެއް ކަމަށް ނުވަތަ އެކުއްޖާގެ ޢާއިލާގެ އެހެން ފަރާތަކާ ބެލުން ޙަވާލުކުރެވެން ނެތް ކުއްޖެއް ކަމަށް ދައުލަތަށް ފެނިއްޖެނަމަ، އެކުއްޖަކު ފޮސްޓަރކުރުމަށް އެހެން ފަރާތަކާ ޙަވާލުކުރުމަށްޓަކައި ކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު ދައުލަތަށް ލިބިގެންވެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުއްޖަކު ފޮސްޓަރކުރުމަށް އެހެން ފަރާތަކާ ޙަވާލުކުރަންވާނީ، އެ ފަރާތަކީ ކުއްޖާއަށް ދޭންޖެހޭ ރައްކާތެރިކަމާއި ޙިމާޔަތާއި އަޅާލުން ދެވޭނެފަދަ ފަރާތެއްކަން ކަށަވަރުކުރުމަށްފަހުގައެވެ.
(ނ) މި މާއްދާގެ ދަށުން ކުއްޖަކު ފޮސްޓަރކުރުމަށް ޙަވާލުކުރުމުގައި، ކުއްޖާގެ މަޞްލަޙަތަށް އެންމެ ފައިދާހުރި ގޮތަކީ ކޮބައިކަން ކޯޓުން ބަލަންވާނެއެވެ.
(ރ) މި މާއްދާގެ ދަށުން ކުޑަކުއްޖަކު ފޮސްޓަރކުރުމަށް ޙަވާލުކުރުމުގައި، އަންނަނިވި ދެގޮތުންކުރެ ގޮތަކަށް އެކުއްޖާ ފޮސްޓަރކުރަން ޙަވާލުކުރެވިދާނެއެވެ.
-1 ވަގުތީގޮތުން އެކުއްޖާ ބަލަހައްޓާނެ ފަރާތަކާ ކުއްޖާ ފޮސްޓަރކުރަން ޙަވާލުކުރުން؛ ނުވަތަ
-2 ކުއްޖާގެ ޤާނޫނީ ބެލެނިވެރިކަން ފޮސްޓަރކޮށްދޭ ފަރާތަށް ބަދަލުކުރުމާއެކު، ކުއްޖާގެ ޢުމުރުން 18 (އަށާރަ) އަހަރު ފުރެންދެން ކުއްޖާ ބެލެހެއްޓުމަށް ކުއްޖާ ފޮސްޓަރކުރަން ޙަވާލުކުރުން.
(ބ) މި މާއްދާގެ (ރ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ ޙާލަތުގައި، ވަގުތީގޮތުން ކުދިން ފޮސްޓަރކޮށްދޭ ފަރާތްތަކުން ޢަމަލުކުރަންޖެހޭ އުސޫލުތަކާއި، ކުއްޖާއާ ގުޅޭގޮތުން އެފަރާތްތަކަށް އޮންނަ ޒިންމާއާއި، އެފަދަ ފަރާތްތައް ދައުލަތަށް ރިޕޯޓު ކުރުމާގުޅޭ އުސޫލުތަކާއި، އެފަދަ ފަރާތްތަކަށް ދައުލަތުގެ ފަރާތުން އެހީ ދިނުމާގުޅޭ އުސޫލުތައް، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ޅ) މި މާއްދާގެ (ބ) ގެ ދަށުން ވަގުތީގޮތުން ކުދިން ފޮސްޓަރކުރަން ޙަވާލުކުރެވޭ ފަރާތްތަކުގެ މައްޗަށްވެސް މި ޤާނޫނުގެ 106 ވަނަ މާއްދާގައި ބަޔާންކުރާ ޒިންމާތައް މަތިކުރެވިގެންވެއެވެ.
(ކ) މި ޤާނޫނުގެ ދަށުން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުއްޖަކީ، މި ޤާނޫނުގެ 96 ވަނަ މާއްދާގެ (ހ) ގެ (7) ވަނަ ނަންބަރުގައި ބަޔާންކުރާ ފަދަ ޙާލަތުގައިވާ ކުއްޖެއް ކަމުގައިވާނަމަ، އެކުއްޖަކު ފޮސްޓަރކުރުމުގައި ބަލަންވާނީ، މި މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގެ ދަށުން އެކުއްޖާ ފޮސްޓަރކުރުމަށެވެ.
(އ) މި މާއްދާގެ ދަށުން އެއްވެސް ކުއްޖަކު ފޮސްޓަރކުރުމަށް އެހެން ފަރާތަކާ ޙަވާލުކުރަންވާނީ، ކޯޓު އަމުރެއްގެ ދަށުންނެވެ.
(ވ) މި މާއްދާގެ ބޭނުމަށްޓަކައި "ފޮސްޓަރކުރުން" ކަމަށް ބުނެފައި އެވަނީ، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންގެ ތެރެއިން، ތަފާތު ސަބަބުތަކަށްޓަކައި އެކުދިންގެ ޢާއިލާތަކާ ޙަވާލުކުރެވެން ނެތް ކުދިންނާއި، ޝަރުޢީ އެއްވެސް ބަލަދުވެރިޔަކު ދުނިޔޭގައި ނެތް ކުދިން ބަލަހައްޓައި، ތަރުބިއްޔަތުކޮށް، ބަލައިބޮޑުކުރުމަށްޓަކައި، އެކުދިން ބެލެހެއްޓުމަށް، ވަގުތީގޮތުން ނުވަތަ ކުއްޖާގެ ޤާނޫނީ ބެލެނިވެރިކަމާއެކު، އެހެން ފަރާތަކާ ޙަވާލުކުރާ ކުރުމަށެވެ.
ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންގެ ތެރެއިން ފޮސްޓަރކުރެވޭނީ ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ ކުދިންނެވެ.
(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންގެ ތެރެއިން، އެކުދިންގެ މައިންބަފައިން ނުވަތަ ޝަރުޢީ ބަލަދުވެރިން ދުނިޔޭގައި ތިބެމެ ނުބަލާ ދޫކޮށްލާ ކުދިން ނުވަތަ ބެލުމަށް އިންކާރުކޮށްފައިވާ ކުދިން؛
(ށ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންގެ ތެރެއިން އެއްވެސް ސަބަބަކާހުރެ އެކުދިންގެ ޢާއިލާއާއެކު ދިރިއުޅެވެންނެތް ކުދިން؛
(ނ) ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން އުޅެފައިވާ މުއްދަތުގެ ތެރޭގައި ޢާއިލާގެ ފަރާތުން ކުދިންނާ ބައްދަލުނުކޮށް ޙާލު ނުބަލައި އަދި ޢާއިލާގެ ފަރާތުން ކުދިންނާ ގުޅުމެއް ނުބާއްވާ ކުދިންކަމަށް ރެކޯޑުތަކުން ފެންނަ ކުދިން؛ ނުވަތަ
(ރ) ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން އުޅެފައިވާ މުއްދަތުގެ ތެރޭގައި ޢާއިލާގެ ފަރާތުން ކުދިންނާ ބައްދަލުކޮށް، ޙާލު ބަލައި އަދި ޢާއިލާގެ ފަރާތުން ކުދިންނާ ގުޅުން ބޭއްވި ނަމަވެސް، ކުދިން ބެލުމަށް ނުވަތަ ކުދިންނާ ޙަވާލުވުމަށް ޢާއިލާގެ ޙާލަތު ހުރި ގޮތުން ޢުޛުރުވެރިވާ ޢާއިލާތަކުގެ ކުދިން.
(ހ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކުއްޖެއްގެ ޤާނޫނީ ބެލެނިވެރިކަން ދައުލަތުގެ ފަރާތުން އެހެން ފަރާތަކަށް ބަދަލުކޮށްދިނުމުގެ ކުރިން، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް މެދުވެރިކޮށް، އަންނަނިވި ކަންކަން ކުރުމަކީ މިނިސްޓަރުގެ ޒިންމާއެކެވެ.
(1) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކުއްޖާގެ މައިންބަފައިންގެ، ނުވަތަ އެކުއްޖާގެ މައިންބަފައިން ދުނިޔޭގައި ނެތްނަމަ، ނުވަތަ މައިންބަފައިންނަކީ ކޮން ބައެއްކަން ނޭނގޭނަމަ، އެކުއްޖާގެ ޝަރުޢީ ބަލަދުވެރިންގެ ބަހެއް ހޯދުމަށް މަސައްކަތް ކުރުން؛ އަދި
(2) މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފޮސްޓަރ ބެލެނިވެރިޔާގެ އެސެސްމަންޓެއް ހެދުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ މަޤްޞަދުތައް ޙާޞިލުކުރުމަށްޓަކައި، ކަމާބެހޭ ދާއިރާތައް ތަމްޞީލުވާ ގޮތަށް ކޮމިޓީ ނުވަތަ ޕެނަލްތައް މިނިސްޓަރަށް އެކުލަވާލެވިދާނެއެވެ. މިގޮތުން ކޮމިޓީ ނުވަތަ ޕެނަލްތައް އެކުލަވާލާނެ ގޮތާއި، ކޮމިޓީ ނުވަތަ ޕެނަލްތަކުގައި ހިމެނޭނެ ފަރާތްތަކާއި، ކޮމިޓީ ނުވަތަ ޕެނަލްތައް މަސައްކަތްކުރާނެ ގޮތުގެ އުސޫލުތައް މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި އެކުލަވާލައި، ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެއެވެ.
(ނ) މި މާއްދާގައި ބަޔާންކުރާ އެސެސްމަންޓް ހެދުމާގުޅޭ އުސޫލުތަކާއި އެނޫންވެސް ކުޑަކުއްޖަކު ފޮސްޓަރކުރަން ޙަވާލުކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ބަޔާންކުރާ ގަވާއިދެއް، މިނިސްޓްރީން އެކުލަވާލައި ޢާންމުކުރަންވާނެއެވެ.
(ހ) މި ޤާނޫނުގެ ދަށުން ފޮސްޓަރކުރުމަށް ޝަރުޠު ހަމަވާ ކުއްޖެއްގެ ޤާނޫނީ ބެލެނިވެރިކަން ފޮސްޓަރ ބެލެނިވެރިޔަކާ ޙަވާލުކުރުމަށްޓަކައި، އެކަމަށް އެދި ދައުލަތުގެ ފަރާތުން ކޯޓަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ދައުލަތުން ހުށަހަޅާ ހުށަހެޅުމެއްގައި، މި ޤާނޫނުގެ 101 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރުގެ ދަށުން ފޮސްޓަރ ބެލެނިވެރިޔާއާ ގުޅޭގޮތުން މިނިސްޓަރު ހަދާ އެސެސްމަންޓް ކޯޓަށް ހުށަހަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ހ) ގެ ދަށުން ކޯޓަށް ހުށަހެޅޭ ހުށަހެޅުމަކާމެދު ގޮތެއް ނިންމުމުގައި ކުއްޖާގެ މަޞްލަޙަތު ރައްކާތެރިކުރުމަށް ކޯޓުން އިސްކަންދޭންވާނެއެވެ.
(ރ) އަންނަނިވި ޙާލަތްތަކުގެ ތެރެއިން ޙާލަތެއް މެދުވެރިވެއްޖެނަމަ، ކުއްޖާގެ މަޞްލަޙަތު ބޮޑު ގޮތަކީ، އެކުއްޖާގެ ޤާނޫނީ ބެލެނިވެރިކަން ފޮސްޓަރ ބެލެނިވެރިޔާއާ ޙަވާލުކުރުން ކަމަށް ކޯޓުން ކަނޑައަޅަންވާނެއެވެ.
(1) ކުއްޖާގެ މައިންބަފައިން ނުވަތަ ޝަރުޢީ ބަލަދުވެރިންގެ ބަހެއް ހޯދުމަށްޓަކައި މިނިސްޓްރީން ދެ ފަހަރު މަތިން މަސައްކަތްކޮށް، ކުއްޖާގެ މައިންބަފައިންގެ ނުވަތަ ޝަރުޢީ ބަލަދުވެރިންގެ ބަހެއް ނުލިބުން؛ ނުވަތަ
(2) ކުއްޖާގެ މައިންބަފައިން ނުވަތަ ޝަރުޢީ ބަލަދުވެރިން ދުނިޔޭގައި ތިބެމެ، ކުއްޖާ ބެލުމަށް އިންކާރުކުރުމާއެކު، ކުއްޖާގެ ޤާނޫނީ ބެލެނިވެރިކަން ބަދަލުކުރުމާމެދު އިންކާރުކުން.
މި ޤާނޫނުގެ 102 ވަނަ މާއްދާގެ (ހ) ގައިވާ ފަދަ ހުށަހެޅުމެއް ކޯޓަށް ލިބޭތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި، އަޑުއެހުމެއް ބާއްވައި، އެ ހުށަހެޅުމަކާމެދު ވަކި ގޮތެއް ނިންމަންވާނެއެވެ.
ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކުއްޖެއްގެ ޤާނޫނީ ބެލެނިވެރިކަން ދައުލަތުން ފޮސްޓަރ ބެލެނިވެރިޔާއަށް ޙަވާލުކުރުމަށް ކޯޓުން ނިންމައިފިނަމަ، ދައުލަތާއި ފޮސްޓަރ ބެލެނިވެރިޔާއާ ދެމެދު ވެވޭ އެއްބަސްވުމެއް މެދުވެރިކޮށް އެފަރާތަށް ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކުއްޖާގެ ޤާނޫނީ ބެލެނިވެރިކަން ޙަވާލުކުރުމަށް މި ޤާނޫނު ހުރަހެއް ނާޅައެވެ.
(ހ) ޔަތީމު ނުވަތަ މިސްކީނު ކުދިންގެ ތެރެއިން ޝަރުޢީ އެއްވެސް ބަލަދުވެރިޔަކު ދުނިޔޭގައި ނެތި އަޅާލާނެ މީހަކު ނެތް ކުދިން ފިޔަވައި، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކުއްޖެއްގެ ޤާނޫނީ ބެލެނިވެރިކަން ފޮސްޓަރ ބެލެނިވެރިޔާއަށް ޙަވާލުކުރުމަށް ކޯޓުން ނިންމާ ނިންމުމަކީ، އެކުއްޖެއްގެ ޢުމުރުން 18 (އަށާރަ) އަހަރު ފުރިހަމަވަންދެން ދެމިއޮންނާނެ ނިންމުމެކެވެ.
(ށ) ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ޔަތީމު ނުވަތަ މިސްކީނު ކުދިންގެ ތެރެއިން ޝަރުޢީ އެއްވެސް ބަލަދުވެރިޔަކު ދުނިޔޭގައި ނެތި އަޅާލާނެ މީހަކު ނެތް ކުދިން ފޮސްޓަރކުރުން ނިމުމަކަށް އަންނާނެ ޙާލަތްތައް، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ހ) މި ޤާނޫނުގެ ދަށުން ކުއްޖާ ބެލެހެއްޓުމާއި ތަރުބިއްޔަތުކުރުމާ ގުޅޭގޮތުން މައިންބަފައިންގެ މައްޗަށް މަތިކޮށްފައިވާ ޒިންމާތައް ފޮސްޓަރ ބެލެނިވެރިންގެ މައްޗަށް ހިނގާނެއެވެ.
(ށ) މި މާއްދާގެ ދަށުން ކުއްޖެއްގެ ޤާނޫނީ ބެލެނިވެރިކަމާ ޙަވާލުވާ ފަރާތްތަކުން، މި ޤާނޫނުގެ 105 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތުތަކުންކުރެ ޙާލަތެއްގައި ކުއްޖާގެ ކަރާމާތަށް ގެއްލުންވާނެ ކަމެއް މެދުވެރިވުން ހުއްޓުވުމުގައި އިހުމާލުވެއްޖެކަމަށް ދައުލަތަށް ފެނިއްޖެނަމަ، ކުއްޖާގެ ޤާނޫނީ ބެލެނިވެރިޔާގެ ކިބައިން ކުއްޖާ ވަކިކޮށް، ދައުލަތުގެ ބެލުމުގެ ދަށަށް ކުއްޖާ ގެނެވޭނެއެވެ. އެ ޙާލަތުގައި ޢަމަލުކުރާނީ މައިންބަފައިންގެ ކިބައިން ކުއްޖާ ވަކިކޮށް، ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމުގައި ޢަމަލުކުރުމަށް މި ޤާނޫނުގެ މި ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
އަންނަނިވި ކަންކަން ހިމެނޭ ގޮތުން ފޮސްޓަރ ކުރުމާބެހޭ އުސޫލު ކަނޑައަޅާނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ކައުންސިލުގެ ލަފާގެ މަތިން، މިނިސްޓަރެވެ.
(ހ) ފޮސްޓަރ ބެލެނިވެރިޔަކަށް އެދި ހުށަހަޅާނެ ގޮތް؛
(ށ) ފޮސްޓަރ ބެލެނިވެރިޔަކަށް ވުމަށް އެދި ހުށަހަޅާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ޝަރުޠުތައް؛
(ނ) ފޮސްޓަރ ބެލެނިވެރިޔަކު ހޮވާނެ އުސޫލު؛
(ރ) ފޮސްޓަރ ބެލެނިވެރިޔާއާ ކުދިން ޙަވާލުކުރާނެ އުސޫލު؛
(ބ) ފޮސްޓަރ ކޮށްފައިވާ ކުދިން މޮނިޓަރ ކުރުމާބެހޭ އުސޫލު؛
(ޅ) ފޮސްޓަރ ބެލެނިވެރިންނަށް އެހީތެރިވުމުގެ ގޮތުން ސަޕޯޓިންގ ނިޒާމެއް އެކުލަވާލުމާބެހޭ އުސޫލު؛
(ކ) މިނިސްޓްރީގެ ދައުރު؛ އަދި
(އ) ފޮސްޓަރ ބެލެނިވެރިންގެ ދައުރު.
(ހ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ކުޑަކުދިންނަށް އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޢަމަލުކުރާނެ އުސޫލުތައް ކަނޑައަޅާނީ، މި ޤާނޫނުގެ 54 ވަނަ މާއްދާގެ (ށ) ގެ ދަށުން މިނިސްޓަރު ކަނޑައަޅާ ކުޑަކުދިން ރައްކާތެރިކޮށްދިނުމުގެ ސިޔާސަތާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ކައުންސިލުން ކަމާގުޅޭގޮތުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ށ) ކުޑަކުދިންނަށް އެކަށީގެންވާ ގޮތުގައި ރައްކާތެރިކަން ފޯރުކޮށްނުދެވޭނަމަ، ނުވަތަ އެކުދިން ބަލައި ބޮޑުކުރުމުގައި އެހީތެރިކަމަށް ބޭނުންވާނަމަ، މި ޤާނޫނުގެ ދަށުން އެހީތެރިކަމާއި ރައްކާތެރިކަން ހޯދުމަށް އެދި އެކުއްޖެއްގެ ބެލެނިވެރިންނަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއަށް ހުށަހެޅިދާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން އެހީތެރިކަމާއި ރައްކާތެރިކަން ހޯދުމަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްގައި އެދޭ ފަރާތްތަކަށް އެ އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން މިނިސްޓަރު ޤާއިމުކުރަންވާނެއެވެ.
(ހ) ކުޑަކުދިން ކުށްކުރުމުން ރައްކާތެރިކޮށް ދުރުހެލިކުރުވުމަށްޓަކައި ކަނޑައަޅަންޖެހޭ ސިޔާސަތުތައް ކަނޑައަޅައި، ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބި ކުދިންނަށް ޚާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން ދައުލަތުން ފޯރުކޮށްދޭންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ކުޑަކުދިންނަށް ޚާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ދައުލަތުން ޕްރޮގްރާމްތައް ރާވައި ހިންގަންވާނެއެވެ. އަދި ކަމާގުޅޭގޮތުން ކުޑަކުދިންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސަންވާނެއެވެ.
(ނ) ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންކުރާ ޢުމުރަށްވުރެ ހަގު ކުދިންގެ ތެރެއިން ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން ކުށްކުރުމުން ރައްކާތެރިކޮށް ދުރުހެލިކުރުމަށްޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅުތައް އަޅައި، އެކުދިންނަށް ބޭނުންވާ އެހީތެރިކަމާއި ރީހެބިލިޓޭޝަން އަދި އެނޫންވެސް ފަރުވާ ފޯރުކޮށްދެވޭނެ އިންތިޒާމުތައް، ދައުލަތުން ހަމަޖައްސައިދޭންވާނެއެވެ.
(ހ) މި ޤާނޫނުގެ 109 ވަނަ މާއްދާގެ (ނ) ގެ ބޭނުމަށްޓަކައި، ދައުލަތުގެ ފަރާތުން ހިންގާ ޕްރޮގްރާމްތައް ހިންގާނީ، ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު، ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިންނެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ޕްރޮގްރާމްތައް ހިންގުމުގައި، ބަލަންވާނީ، ކުށްކުރުމަށް ހުށަހެޅުމުގެ ނުރައްކަލުގައި ތިބޭ ކުދިން އިޞްލާޙުކުރުމަށްޓަކައި ހިންގަންޖެހޭ ޕްރޮގްރާމްތައް، އެކުދިންގެ މައިންބަފައިންނާއި ޢާއިލާއާއި، ކިޔަވައިދޭ ތަންތަނާއި، އެނޫންވެސް ފަރާތްތަކާއެކު ހިންގުމަށެވެ.
(ނ) މި މާއްދާގެ ދަށުން ކުޑަކުދިންނަށް ހިންގޭ ޕްރޮގްރާމްތަކާއި އެފަދަ ޕްރޮގްރާމްތަކާގުޅޭ އެނޫންވެސް އިޖުރާއަތުތައް، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
މި ޤާނޫނުގެ 110 ވަނަ މާއްދާގެ ދަށުން ކުޑަކުދިންނަށް ޕްރޮގްރާމްތައް ހިންގުމުގައި، އެއްވެސް ހާލެއްގައި، ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ޢުމުރަށްވުރެ ހަގު ޢުމުރުގެ ކުދިންނާމެދު، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ފިޔަވަޅުއަޅައިގެން ނުވާނެއެވެ.
(ހ) ކުޑަކުދިން ކުށްކުރުމުން ރައްކާތެރިކޮށް ދުރުހެލިކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ކުއްޖާގެ މައިންބަފައިންނާއި ބެލެނިވެރިން އަޅަންވާނެއެވެ.
(ށ) ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން ކުށްކުރުމުން ރައްކާތެރިކޮށް ދުރުހެލިކުރުމަށްޓަކައި މި ޤާނޫނުގެ 110 ވަނަ މާއްދާގެ ދަށުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހިންގާ ޕްރޮގްރާމްތަކުގައި ކުއްޖާ ބައިވެރިކުރުވައި، އެއްބާރުލުންދިނުމާއި، މިފަދަ ޕްރޮގްރާމްތަކުގައި މައިންބަފައިންނާއި ބެލެނިވެރިން ބައިވެރިވާންޖެހޭ ޙާލަތްތަކުގައި ބައިވެރިވުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ.
(ހ) މި ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޛުކުރާ މިންވަރު މޮނިޓަރކުރުމަށްޓަކައި ޢައްޔަންކުރެވޭ މިނިވަން، މުސްތަޤިއްލު ޗިލްޑްރަންސް އޮމްބަޑްސްޕަރސަނެއް ހުންނަންވާނެއެވެ.
(ށ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމަށް މީހަކު ޢައްޔަންކުރާނީ، ރައީސުލްޖުމްހޫރިއްޔާއެވެ.
(ނ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ޢައްޔަންކުރަން ބޭނުންވާ ކޮންމެ ފަހަރަކު، އެއް ނަން ނުވަތަ އެއަށްވުރެ ގިނަ ނަން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅަންވާނެއެވެ.
(ރ) މި މާއްދާގެ (ނ) ގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާ ނަން ނުވަތަ ނަންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ މީހަކު، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންކަމަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރަންވާނެއެވެ.
(ބ) މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު ޢައްޔަންކުރާ ފުރަތަމަ ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ޢައްޔަންކުރުމަށްޓަކައި، މި ޤާނޫނަށް ޢަމަލުކުރަން ފަށާތާ 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ. އަދި އެ މަޤާމަށް މީހަކު ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން އެ މަޤާމަށް މީހަކު ޢައްޔަންކުރުމާމެދު ގޮތެއް ނިންމަންވާނެއެވެ.
(ޅ) މި މާއްދާގެ ދަށުން ޢައްޔަންކުރެވޭ ޗިލްޑްރަންސް އޮމްބަޑްސްޕަރސަން، އޭނާގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި ދިމާވާ ކަންކަމާއި ހިންގާ ތަޙްޤީޤުތަކުގެ ނަތީޖާތަކާ ގުޅޭގޮތުން ޖަވާބުދާރީވާނީ ރައްޔިތުންގެ މަޖިލީހަށެވެ.
(ކ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހަކީ، މިނިވަން މުސްތަޤިއްލު އިދާރާއެކެވެ. ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ވަސީލަތްތަކާއި މުވައްޒަފުން ދައުލަތުން ފޯރުކޮށްދޭންވާނެއެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕަރސަން، އޭނާގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި މަސައްކަތްކުރަންވާނީ ވަކި ފަރާތަކަށް ބުރަވުމަކާ ނުލައި، މިނިވަންކަމާއެކުގައެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
(ހ) ދައުލަތުގެ އިދާރާތަކުން މި ޤާނޫނަށް ޢަމަލުކުރާ މިންވަރު ދެނެގަނެ މި ޤާނޫނު ތަންފީޛުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމަށް ބާރުއެޅުން؛
(ށ) ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ މުޢާހަދާއާ އެއްގޮތަށް ދައުލަތުގެ އިދާރާތަކުން ޢަމަލުކުރާ މިންވަރު ދެނެގަނެ، އެ މުޢާހަދާއާ އެއްގޮތަށް ޢަމަލުކުރާކަން ކަށަވަރުކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން؛
(ނ) ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ޙަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުން މޮނިޓަރކޮށް، އިވެލުއޭޓްކުރުން؛ އަދި
(ރ) ދިވެހިރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގައި ޙަރަކާތްތެރިވާ އިދާރާތަކާއި މުވައްޒަފުންގެ ޢަމަލުތައް ތަޙްޤީޤުކޮށް، މުޠާލިޢާކުރުން.
(ހ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ކަމަށް ޢައްޔަންކުރެވޭ މީހެއްގެ ކިބައިގައި ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.
-1 ދިވެހިރައްޔިތަކު ކަމުގައިވުން؛
-2 ޢުމުރުން 30 (ތިރީސް) އަހަރު ފުރިހަމަވެފައިވުން؛
-3 އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ނުވަތަ ކުޑަކުއްޖަކަށް އަނިޔާކުރުމުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން؛
-4 އިންތިޚާބުކުރެވިގެން ނުވަތަ ޢައްޔަންކުރެވިގެން ދައުލަތުގެ އެއްވެސް މަޤާމެއްގައި ހުރި މީހެއް ކަމުގައި ނުވުން؛
-5 ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހެއް ކަމުގައި ނުވުން؛ އަދި
-6 މި ޤާނޫނުގައި ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަސްއޫލިއްޔަތުތައް ކަމަށް ބަޔާންކޮށްފައިވާ ކަންކަން އަދާކުރެވޭވަރުގެ ޤާބިލުކަންހުރުމާއެކު ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ދާއިރާއަކުން ނުވަތަ ކުޑަކުދިންގެ ޙައްޤުތަކާ ގުޅޭ ތަޢުލީމު ހިމެނޭގޮތުން ޤާނޫނީ، އިޖްތިމާޢީ، ނުވަތަ ޕޮލިސީއާގުޅޭ ދާއިރާއަކުން މަދުވެގެން ފުރަތަމަ ޑިގްރީއެއް ޙާޞިލުކޮށް، އެއިން ދާއިރާއަކުން މަދުވެގެން 7 (ހަތެއް) އަހަރުދުވަހުގެ ތަޖުރިބާ ހުރި މީހަކަށްވުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޝަރުޠުތަކުގެ އިތުރުން، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމަށް ޢައްޔަންކުރެވޭ ފަރާތަކީ، ކުޑަކުއްޖަކަށް އަނިޔާކުރުމުގެ ނުވަތަ އިހުމާލުވުމުގެ ޢަމަލެއް ހިންގުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވެފައިވާ ނުވަތަ އެފަދަ ތުހުމަތެއް ރައްދުވެފައިވާ މީހެއް ކަމުގައިވެގެންނުވާނެއެވެ.
(ނ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމަށް ކުރިމަތިލާފައިވާ މީހަކާ ގުޅޭގޮތުން މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާފަދަ ތުހުމަތަކާގުޅޭ ޝަކުވާއެއް ދައުލަތުގެ އެއްވެސް އިދާރާއަކަށް ހުށަހެޅި ބަލަމުންދާނަމަ، އެއީ އެފަދަ ތުހުމަތެއް ރައްދުވެފައިވާ ފަރާތެއް ކަމުގައި ބެލޭނެއެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ކަމަށް މީހަކު ޢައްޔަންކުރާނީ 5 (ފަހެއް) އަހަރުދުވަހުގެ އެއް ދައުރަށެވެ. އެހެންނަމަވެސް، މި ޤާނޫނުގެ 119 ވަނަ މާއްދާގެ ދަށުން ވަކިކުރެވޭ ފަރާތެއް ފިޔަވައި، ޗިލްޑްރަންސް އޮމްބަޑްސްޕަރސަން ކަމަށް ޢައްޔަންކުރެވޭ މީހެއްގެ މަޤާމުގެ މުއްދަތު 5 (ފަހެއް) އަހަރަށްވުރެ ދިގުނޫން މުއްދަތަކަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރެވިދާނެއެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕަރސަން، އޭނާގެ މަޤާމުން އިސްތިޢުފާދޭން ބޭނުންވެއްޖެ ހިނދެއްގައި، ސިޓީއަކުން އެކަން ބަޔާންކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން، ޗިލްޑްރަންސް އޮމްބަޑްސްޕަރސަން، އޭނާގެ މަޤާމުން ވަކިވީއެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕަރސަން، އޭނާގެ މަޤާމުން ވަކިކުރެވޭނީ، މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޙާލަތެއްގައި، މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ.
(ހ) ޗިލްޑްރަންސް އޮމްބަޑްސްޕަރސަންކަމުގެ މަޤާމާ އެކަށީގެންނުވާފަދަ ކަމެއް ކުރިކަމަށް، ނުވަތަ އެ މަޤާމު އަދާކުރުމަށް ޢުޛުރުވެރިވާފަދަ ޙާލަތެއް މެދުވެރިވެއްޖެ ކަމަށް، ނުވަތަ އެ މަޤާމު އަދާކުރުމަށް ނާޤާބިލުވެއްޖެ ކަމަށް ފެނިއްޖެ ހިނދެއްގައި؛
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް މެދުވެރިވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފެނިގެން، އެމީހަކު ޗިލްޑްރަންސް އޮމްބަޑްސްޕަރސަންކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުން، އެމީހަކު ޗިލްޑްރަންސް އޮމްބަޑްސްޕަރސަންކަމުން ވަކިވީއެވެ.
މި ޤާނޫނުގެ 116 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުޠުތަކުގެ ތެރެއިން ޝަރުޠެއް ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ ކިބައިން އުނިވެއްޖެނަމަ، އެމީހަކު ޗިލްޑްރަންސް އޮމްބަޑްސްޕަރސަންކަމުގެ މަޤާމުން ވަކިކުރަންވާނެއެވެ.
ޗިލްޑްރަންސް އޮމްބަޑްސްޕަރސަންއަށް ދެވޭ މުސާރައާއި ޢިނާޔަތް ކަނޑައަޅާނީ، ރައްޔިތުންގެ މަޖިލީހުންނެވެ.
(ހ) އަންނަނިވި ޙާލަތްތަކުގައި، އަންނަނިވި ޢަމަލުތައް ކުރާ މީހާ އެކުރަނީ ކުށެކެވެ.
-1 މަޖުބޫރުކުރުވައިގެން ނުވަތަ ބިރުދައްކައިގެން ނުވަތަ އޮޅުވާލައިގެން ކުޑަކުއްޖަކު ލައްވާ މަސައްކަތް ކުރުވުން؛ ނުވަތަ
-2 މަޖުބޫރުކުރުވައިގެން ނުވަތަ ބިރުދައްކައިގެން ނުވަތަ އޮޅުވާލައިގެން ކުޑަކުއްޖަކު ލައްވާ އެހެން މީހަކަށް ފައިދާއެއް ހޯދައިދިނުން؛ ނުވަތަ
-3 ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުން؛ ނުވަތަ
-4 ޖިނާއީ ކުށެއް ކުރުވުމަށްޓަކައި ކުޑަކުއްޖަކު ރެކްރޫޓްކުރުން ނުވަތަ ގްރޫމްކުރުން.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއްކޮށްފި މީހެއްގެ އަދަބަކީ، 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް ކުރީ، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކުނަމަ، އެ ކުށުގެ އަދަބަކީ، 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.
(ހ) ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމަކީ ކުށެކެވެ.
(ށ) ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ބެލެނިވެރިޔަކު ނުވަތަ އެކުއްޖާގެ ބެލުން ޙަވާލުވެފައިވާ މީހަކު ގްރޫމްކުރުމަކީ ކުށެކެވެ.
(ނ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި ކުޑަކުއްޖަކު ގްރޫމްކުރުން ކަމަށް ބުނެފައި އެވަނީ، އެ މާއްދާގައި ބަޔާންކޮށްފައިވާ ޢަމަލެއް އެކުއްޖާއާމެދު ހިންގުމަށްޓަކައި، އެކުއްޖާއަށް ފައިސާ ނުވަތަ އެނޫންވެސް މާއްދީ އެއްޗެއް ދީގެން އެކުއްޖާއާ ޖަޒުބާތީ ގުޅުމެއް ޤާއިމުކޮށް، އެކުއްޖާގެ އިތުބާރު ހޯދުމަށް މަސައްކަތްކުރާ ކުރުމަށެވެ.
(ރ) މި މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި ކުއްޖެއްގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ބެލެނިވެރިޔަކު ނުވަތަ އެކުއްޖާގެ ބެލުން ޙަވާލުވެފައިވާ މީހަކު ގްރޫމްކުރުން ކަމަށް ބުނެފައި އެވަނީ، އެ މާއްދާގައި ބަޔާންކޮށްފައިވާ ޢަމަލެއް ކުއްޖަކާމެދު ހިންގުމަށްޓަކައި، އެއިން ފަރާތަކަށް ފައިސާ ނުވަތަ އެނޫންވެސް މާއްދީ އެއްޗެއް ދީގެން އެއިން ފަރާތަކާ ޖަޒުބާތީ ގުޅުމެއް ޤާއިމުކޮށް، އެފަރާތުގެ އިތުބާރު ހޯދުމަށް މަސައްކަތްކުރާ ކުރުމަށެވެ.
(ބ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއްކޮށްފި މީހެއްގެ އަދަބަކީ، 10 (ދިހައެއް) އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.
(ޅ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއްކުރީ، ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަޤާމެއްގައި ހުރި މީހަކުނަމަ، އެ ކުށުގެ އަދަބަކީ 15 (ފަނަރަ) އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.
(ކ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ކުށެއްކޮށްފި މީހެއްގެ އަދަބަކީ، 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.
(ހ) ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައިވެހުރެ އެކުއްޖާގެ ޞިއްޙަތަށް ނުވަތަ ރައްކާތެރިކަމަށް ނުވަތަ މަޞްލަޙަތަށް އުނިކަން އަތުވެދާނެ ފަދަ ޢަމަލެއް ޤަޞްދުގައި ހިންގުމަކީ ނުވަތަ އެފަދަ ޢަމަލެއް ހިނގިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ކުއްޖާއަށް ގެއްލުމެއްވެއްޖެނަމަ، އެކަން ކުރި މީހާ އެކުރީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ ކަމަށް ބުނެފައި އެވަނީ، ކުއްޖާ އަނިޔާއިން ސަލާމަތްކުރުމަށް އެ މާއްދާގައި ބަޔާންކުރާ ފަދަ ފަރާތެއްގެ މައްޗަށް އޮތް ޒިންމާއާއި ކުއްޖާއަށް ރައްކާތެރި މާޙައުލެއް ފޯރުކޮށްދިނުމަށް އެފަދަ ފަރާތެއްގެ މައްޗަށް އޮތް ޒިންމާ ހިމެނޭގޮތުންނެވެ.
(ނ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި ކުއްޖާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ ބެލެނިވެރިއެއް ނުވަތަ ކުއްޖާ ބެލުން ނުވަތަ ބެލެހެއްޓުން ޙަވާލުވެފައިވާ މީހަކީ، ކުޑަކުއްޖަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ފަރާތެއް ކަމުގައި ބެލެވޭނެއެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއްކޮށްފި މީހެއްގެ އަދަބަކީ، 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.
(ހ) ކުޑަކުދިންނާގުޅޭ މަރުކަޒެއްގައި މަސައްކަތްކުރާ މީހެއްކަމުގައިވެ ހުރެ އެތަނުގައި މަސައްކަތްކުރާ އެހެން މީހެއްގެ ފަރާތުން ކުޑަކުއްޖަކަށް އަނިޔާއެއް ލިބިދާނެ ކަމުގެ ނުރައްކަލެއް އޮތްކަން އެނގިހުރެ، އަދި އެކަން ހުއްޓުވުމަކީ ނުވަތަ އެ ނުރައްކާ ކުޑަކުރުމަކީ އޭނާގެ ބާރުގެ ދަށުގައިވާ ކަމެއް ކަމުގައިވާ ޙާލަތުގައި، އެކަން ނުކޮށް ދޫކޮށްލުމަކީ ކުށެކެވެ.
(ށ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި ކުޑަކުދިންނާގުޅޭ މަރުކަޒެއް ކަމަށް ބުނެފައި އެވަނީ، އަންނަނިވި ތަންތަން ހިމެނޭ ގޮތުންނެވެ.
-1 ކުޑަކުދިން ބަލަހައްޓާ މަރުކަޒުތައް؛
-2 ކުޑަކުދިންގެ ޑިޓެންޝަން ސެންޓަރުތައް؛
-3 ކުޑަކުދިންނަށް ކިޔަވައިދޭ ތަންތަން؛
-4 ކުޅިވަރުގެ މަރުކަޒުތައް؛
-5 ޞިއްޙީ ފަރުވާދޭ ތަންތަން؛
-6 ކުޑަކުދިންނަށް ފަރުވާދޭ ނުވަތަ ޚިދުމަތްދޭ އެނޫންވެސް މަރުކަޒުތައް.
(ނ) މި މާއްދާގެ (ހ) ގެ ބޭނުމަށްޓަކައި، ކުޑަކުދިންނާގުޅޭ މަރުކަޒެއްގައި މަސައްކަތްކުރާ މީހެއް ކަމަށް ބުނެފައި އެވަނީ، އެފަދަ ތަނެއްގެ މުވައްޒަފުންނާއި، ކޮންޓްރެކްޓަށް މަސައްކަތްކުރާ ފަރާތްތަކާއި ހިލޭސާބަހަށް މަސައްކަތްކުރާ ފަރާތްތައްވެސް ހިމެނޭގޮތުންނެވެ.
(ރ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއްކޮށްފި މީހެއްގެ އަދަބަކީ، 3 (ތިނެއް) އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.
(ހ) މީހަކު ނުވަތަ ބަޔަކު ކުޑަކުއްޖަކާމެދު އަންނަނިވި ޢަމަލުތަކުގެ ތެރެއިން ޢަމަލެއް ކުރާކަން އެނގިހުރެ، އެކަށީގެންވާ ސަބަބަކާ ނުލައި އެކަން ޚާއްޞަކޮށް ފުލުހުންނަށް ނުވަތަ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ނުވަތަ ކުޑަކުދިންގެ މަޞްލަޙަތުގައި މަސައްކަތްކުރާ ދައުލަތުގެ އިދާރާއަކަށް ނާންގައި ހުރުމަކީ ކުށެކެވެ.
-1 ޖިންސީ ގޯނާ؛
-2 ބޮޑެތި ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާ؛
-3 އެކްސްޕްލޮއިޓޭޝަންގެ ޢަމަލު.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއްކޮށްފި މީހެއްގެ އަދަބަކީ، 2 (ދޭއް) އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.
(ނ) މި މާއްދާގެ (ހ) ގައި ބަޔާންކުރާ ކުށެއް މީހަކު ކުރުމުގައި، އެކުށް ރިޕޯޓުނުކުރުމަށް އެއްވެސް ބާވަތެއްގެ މަންފާއެއް ލިބިގަނެފައިވާނަމަ، އެމީހެއްގެ އަދަބަކީ، 5 (ފަހެއް) އަހަރުދުވަހުގެ މުއްދަތަށް ޖަލަށްލުމެވެ.
(ހ) މި ޤާނޫނުގެ ދަށުން ކުއްޖަކާގުޅޭ މައްސަލައެއް ކޯޓުން ނިންމާއިރު، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން އެކުއްޖާއާ ބެހޭގޮތުން ކޯޓަށް ރިޕޯޓުކުރުމަށް އަންގައި، އެފަދައިން އެ ސަރވިސްއިން ތައްޔާރުކުރާ ވެލްފެއަރ ރިޕޯޓަށް ރިޢާޔަތްކުރަންވާނެއެވެ.
(ށ) މި މާއްދާގެ ދަށުން ތައްޔާރުކުރާ ކުއްޖާގެ ވެލްފެއަރ ރިޕޯޓުގައި ހިމަނަންޖެހޭ ކަންކަން، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
(ނ) މި މާއްދާގެ ދަށުން ރިޕޯޓެއް އެކުލަވާލުމަށް ކޯޓުން އަންގާ އެންގުމަކަށް ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ތަބާވާންވާނެއެވެ.
މި ޤާނޫނުގެ ދަށުން އަޅާލުމާއި ރައްކާތެރިކަން ބޭނުންވާ ކުދިން ކަމަށް ކަނޑައެޅޭ ކުދިންގެ ތެރެއިން، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ކުދިންނާމެދު ޢަމަލުކުރުމުގައި، ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ނުވަތަ ފުލުހުން މަސައްކަތްކުރަންވާނީ، ޤާނޫނު ނަންބަރު 2012/3 (ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު) ގެ 52 ވަނަ މާއްދާގައި ބަޔާންކުރާ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާ އެކުގައެވެ.
(ހ) މި ޤާނޫނުގެ ދަށުން މައިންބަފައިންނަށް ނުވަތަ ބެލެނިވެރިންނަށް ނުވަތަ ކުއްޖާ ބަލަހައްޓަމުންދާ ފަރާތެއްގެ މައްޗަށް މަތިކޮށްފައިވާ ޒިންމާއަކާ ޚިލާފުވާ ފަރާތްތަކުން ކުރާ ޢަމަލަކީ ޖިނާއީ ކުށެއް ކަމުގައިވާނަމަ، އެމީހެއްގެ މައްޗަށް ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ ދަށުން ދަޢުވާ އުފުލޭނެއެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޢަމަލަކީ، ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅާފައިނުވާ ޢަމަލެއްނަމަ، އެ ޢަމަލު ހިންގި ފަރާތެއްގެ މައްޗަށް މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އިދާރީ ފިޔަވަޅުތައް މިނިސްޓްރީން ކަނޑައަޅަންވާނެއެވެ.
(ނ) މި މާއްދާގެ (ށ) ގެ ދަށުން ހަދާ ގަވާއިދުގައި އިދާރީ ފިޔަވަޅުގެ ގޮތުގައި ކަނޑައަޅަންވާނީ، އެފަރާތެއް ކުރި ޢަމަލުގެ ކުޑަބޮޑު މިނަށް ބަލައި، ކަނޑައެޅޭ އިދާރީ ފިޔަވަޅެކެވެ. އަދި އެއިން ފިޔަވަޅަކީ އެފަރާތުން ކުރި ޢަމަލާ ނުބައްދަލު ފިޔަވަޅެއް ކަމުގައި ނުވާނެކަން ކަށަވަރުކުރުމަށްޓަކައި، އެފަދައިން ފިޔަވަޅު ކަނޑައެޅުމުގައި، ކުޑަކުދިންނަށް އިހުމާލުވާ ފަރާތްތަކާމެދު އިދާރީ ފިޔަވަޅު އެޅުމުގައި ޢަމަލުކުރެވޭ ބައިނަލްއަޤްވާމީ އުސޫލުތަކަށް މިނިސްޓަރު ރިޢާޔަތްކުރަންވާނެއެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާތާ 3 (ތިނެއް) މަސްދުވަސް ހަމަވާ ދުވަހުން ފެށިގެންނެވެ.
(ހ) މި ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތަކުގެ ތެރެއިން، ކަމާގުޅޭ ކޯޓަކުން ހަދަންޖެހޭ ގަވާއިދެއް ފިޔަވައި، އެނޫން ގަވާއިދުތައް ހަދައި ހިންގާނީ މިނިސްޓްރީންނެވެ.
(ށ) މި ޤާނޫނުގެ ދަށުން ކަމާގުޅޭ ކޯޓަކުން ހަދަންޖެހޭ ގަވާއިދުތައް ހަދައި ހިންގާނީ އެ ކޯޓަކުންނެވެ.
(ނ) މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، މި ޤާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެއެވެ.
މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޤާނޫނާއި، މި މާއްދާގެ (ށ) ގައި ބަޔާންކުރާ ޤާނޫނުގެ މާއްދާތައް އުވުނީއެވެ.
(ހ) ޤާނޫނު ނަންބަރު 91/9 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާ ބެހޭ ޤާނޫނު).
(ށ) ޤާނޫނު ނަންބަރު 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 44 ވަނަ މާއްދާގެ (ހ) އަދި އެ މާއްދާގެ (ބ) ގެ (1) ވަނަ ނަންބަރު.
މި ޤާނޫނުގައި ޢިބާރާތެއް ނުވަތަ ލަފްޒެއް ބޭނުންކޮށްފައިވާގޮތުން ކަނޑައެޅިގެން އެހެން މާނައެއް ދޭހަނުވާހާ ހިނދަކު، އަންނަނިވި ޢިބާރާތްތަކާއި ލަފްޒުތަކަށް ދީފައި އެވަނީ، އެ ޢިބާރާތްތަކާއި ލަފްޒުތަކަށް ތިރީގައި ދީފައިވާ މާނަކުރުމެވެ.
(ހ) "ކުޑަކުއްޖެއް" ނުވަތަ "ކުއްޖާ" ކަމަށް ބުނެފައި އެވަނީ، މި ޤާނޫނުގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ކޮންމެ ކުއްޖަކަށެވެ.
(ށ) "ނަފްސާނީ އަނިޔާ" ކަމަށް ބުނެފައި އެވަނީ، ފެންނަ ފެނުމުގައި ކުއްޖާގެ ސިކުނޑީގެ ނުވަތަ ކުއްޖާ ނަފްސާނީގޮތުން މަސައްކަތްކުރުމުގައި ނުކުޅެދުންތެރިކަމެއް ހުރި ކަމަށް ޤަބޫލުކުރެވޭނަމަ އަދި އެ ޙާލަތު މެދުވެރިވެފައިވަނީ ކުއްޖާއަށް މީހެއްގެ ފަރާތުން ދޭ ނަފްސާނީ އަނިޔާއެއްގެ ސަބަބުން ކަމަށް ޤަބޫލުކުރެވޭ ޙާލަތެއްގައި، ކުއްޖާގެ އުޅުމުގައި ނުވަތަ ކުއްޖާގެ ސިކުނޑީގައިވާ އުނިކަމާއި، އެންޒަޔަޓީއާއި، ޑިޕްރެޝަންއާއި، އެކަނިވެރިވުމާއި، ރުޅިގަދަވުމާއި ހެދިބޮޑުވުމުގައި ލަސްވުން ފަދަ ކަންކަމާއި އެނޫންވެސް ނަފްސާނީ އަނިޔާއެއް ލިބިފައިވާކަން ދަލީލުކޮށްދޭ ކަންކަމަށެވެ.
(ނ) "ބެލެނިވެރިޔާ" ކަމަށް ބުނެފައި އެވަނީ، މައިންބަފައިންނާއި، ޝަރުޢީ ބަލަދުވެރިންނާއި، ޙަޟާނަތު ލިބިފައިވާ ފަރާތާއި ޤާނޫނީ ބެލެނިވެރިންނާއި ކުއްޖާގެ ބެލެނިވެރިކަމާ އެވަގުތަކު ޙަވާލުވެ ތިބޭ މީހުންނަށެވެ. ޝަރުޢީ ބަލަދުވެރިންނާއި، ޙަޟާނަތު ލިބިފައިވާ ފަރާތާއި ޤާނޫނީ ބެލެނިވެރިން މާނަކުރާނީ، ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ.
(ރ) "ކުއްޖާގެ މަންމަ" ކަމަށް ބުނެފައި އެވަނީ، އެކުއްޖާ ބަނޑުއަޅާ ވިހެއި މައިމީހާއަށެވެ.
(ބ) "ކުއްޖާގެ ބައްޕަ" ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 2000/4 (ޢާއިލާއާބެހޭ ޤާނޫނު) ގެ ދަށުން ޞައްޙަ ކައިވެންޏެއް ކޮށްފައިވާ ފިރިހެނާއަށް އެ ޤާނޫނުގެ 52 ވަނަ މާއްދާގައި ބުނާ ދަރިލައްވާ މުއްދަތުގައި އޭނާ ކައިވެނިކުރި އަންހެނާ ދަރިއަކު ވިހައި، އެ ދަރީގެ ނަސަބު ނަފީކުރުމަށް، ލިޢާންކޮށްފައިނުވާ ފިރިހެނާއަށެވެ.
(ޅ) "ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާ" ކަމަށް ބުނެފައި އެވަނީ، ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް އަށެވެ.
(ކ) "އެކްސްޕްލޮއިޓޭޝަން" ކަމަށް ބުނެފައި އެވަނީ، އެއްވެސް ބާވަތެއްގެ މަންފާއެއް ޙާޞިލުކުރުމަށްޓަކައި ކުއްޖާގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާއި ކުއްޖާގެ ހެދިބޮޑުވުމަށް އަސަރުކުރުވާފަދަ ގޮތަކަށް ހިންގާ ލާއިންސާނީ އެންމެހައި ޢަމަލުތަކަށެވެ.
(އ) "އިހުމާލުވުން" ކަމަށް ބުނެފައި އެވަނީ، ކުއްޖެއްގެ މައިންބަފައިން ނުވަތަ ބެލެނިވެރިއަކު ނުވަތަ އެކުއްޖާ އެފަރާތެއްގެ ބެލުމުގެ ދަށުގައިވާ ފަރާތަކުން ކުރި ޢަމަލަކުން ނުވަތަ ނުކޮށް ދޫކޮށްލި ކަމެއްގެ ސަބަބުން ކުއްޖާއަށް ޖިސްމާނީ ނުވަތަ ނަފްސާނީ ގެއްލުމެއް ކުރުމަތިކުރުވާފަދަ އެންމެހައި ޢަމަލުތައް ނުވަތަ އެފަދަ ގެއްލުމެއް ކުއްޖާއަށް ކުރިމަތިވެދާނެފަދަ ޢަމަލުތަކަށެވެ.
(ވ) "ކޯޓު" ކަމަށް ބުނެފައި އެވަނީ، ފެމިލީ ކޯޓަށެވެ. ނުވަތަ މި ޤާނޫނުގައި ބަޔާންކުރާ ކަންކަން ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޮންމެ މެޖިސްޓްރޭޓް ކޯޓަކަށެވެ.
(މ) "މައިންބަފައިން" ކަމަށް ބުނެފައި އެވަނީ، ކުއްޖާގެ މަންމަ އަދި ބައްޕައަށެވެ.
(ފ) "މިނިސްޓަރު" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ޙަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއެއްގެ ވަޒީރަށެވެ.
(ދ) "މިނިސްޓްރީ" ކަމަށް ބުނެފައި އެވަނީ، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ މަސްއޫލިއްޔަތު އެއިރަކު ޙަވާލުކުރެވިފައިވާ ސަރުކާރުގެ ވުޒާރާއަށެވެ.
(ތ) "ދައުލަތުގެ އިދާރާ" ކަމަށް ބުނެފައި އެވަނީ، ވެރިކަން ހިންގާ ފަރާތާއި، ރައްޔިތުންގެ މަޖިލީހާއި، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރާއި، މިނިވަން މުއައްސަސާތަކާއި، މުސްތަޤިއްލު މަޤާމުތަކާއި، ސަލާމަތީ ޚިދުމަތްތަކާއި، ޤާނޫނުއަސާސީގެ ދަށުން އިންތިޚާބުކުރެވޭ ކައުންސިލުތައް ހިމެނޭ ގޮތުގެމަތިންނެވެ. އަދި، އެތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ކޮންމެ ތަނަކާއި، ދައުލަތުގެ ބަޖެޓުން ހިންގާ ކޮންމެ ތަނަކާއި، ދައުލަތުގެ ބަޖެޓުން އެހީ ލިބިގެން ހިންގާ ކޮންމެ ތަނެއްމެ ހިމެނޭ ގޮތުންނެވެ.
(ލ) "ޖިސްމާނީ އަނިޔާ" ކަމަށް ބުނެފައި އެވަނީ، ބާރުގެ ބޭނުންކޮށްގެން ނުވަތަ އެއްޗެއް ބޭނުންކޮށްގެން ކުއްޖާގެ ހަށިގަނޑުން ބަޔަކަށް ޤަޞްދުގައި ދީފައިވާ ކަމަށް ބެލެވޭ އަނިޔާއަށެވެ. މިފަދަ އަނިޔާގެ ތެރޭގައި، ކަފައިގެންގޮސްފައިވާ ތަންތަނާއި، ނޫފައިގެންފައި ހުންނަ ތަންތަނާއި، ކަނޑައިގެން ގޮސްފައިވާ ތަންތަނާއި، ލަކުނާއި، ކަށީގައި ލާފައި ހުންނަ ރެނދު (ފްރެކްޗަރ) ނުވަތަ ކަށްޓަށް ލިބިފައިވާ އެނޫންވެސް ގެއްލުމާއި، ހުޅުން ނައްޓައިގެން ދިއުމާއި، އެނބުރުމާއި، ލޭފޭބުމާއި، ނާރެއް (ވިސްކަސް) ފަޅައިގެން ދިއުމާއި، ފިހިފައިވާ ތަންތަނާއި، ފޮޅާއި، ހޭވެރިކަމަށް ނުވަތަ ފިޒިއޮލޮޖިކަލް ފަންކްޝަނިންގ ހުއްޓުން ނުވަތަ އެކަމަށް ބަދަލެއް އައުމާއި، އިސްތަށި ނުވަތަ ދަތަށް ލިބޭ ގެއްލުން ހިމެނެއެވެ.
(ގ) "ޖިންސީ ގޯނާ" ކަމަށް ބުނެފައި އެވަނީ، ކުއްޖާއަށް ކުރިމަތިކުރުވާ، ނުވަތަ ތަޙައްމަލުކުރުވާ ނުވަތަ އޭނާއަށް ދައްކައިގެން ކުރާ ކޮންމެ ޖިންސީ ޢަމަލަކަށެވެ. އެއީ، ކުއްޖާއާ ޢާއިލީ ގުޅުމެއް އޮތް މީހެއްގެ ކިބައިން ކަމުގައިވިޔަސް ނުވަތަ އެނޫން ފަރާތެއްގެ ކިބައިން ކަމުގައިވިޔަސްވެސްމެއެވެ.
(ޏ) މި ޤާނޫނުގެ 19 ވަނަ މާއްދާގައި ބަޔާންކުރާ "ޞިއްޙީ ފަރުވާ" ކަމަށް ބުނެފައި އެވަނީ، ދަރިމައިވުމުގެ ކުރިން ކުރަންޖެހޭ ފަރުވާއާއި، މައިމީހާގެ ބަނޑުގައި ކުއްޖާ ގަރުބަގަތީއްސުރެ އެކުއްޖާ ވިހެއުމާ ހަމައަށް އަދި ކުއްޖާ ވިހެއުމަށްފަހު ބޭނުންވާ ފަރުވާއާއި، ކުއްޖާއާއި ކުއްޖާގެ މަންމަގެ ޢާންމު ޞިއްޙަތާއި ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރަންޖެހޭ އެންމެހައި ފަރުވާ ހިމެނޭގޮތުންނެވެ.
(ސ) މި ޤާނޫނުގެ 33 ވަނަ މާއްދާގައި ބަޔާންކުރާ "ޒާތީ މަޢުލޫމާތު" ކަމަށް ބުނެފައި އެވަނީ، ކުއްޖާގެ ނަމާއި، އެޑްރެހާއި، ސްކޫލާއި، ނުވަތަ ސީދާގޮތުން ނުވަތަ ނުސީދާގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން އެނގޭނެ ފަދަ އެއްވެސް މަޢުލޫމާތެއް ނުވަތަ އޭނާގެ ތަސްވީރަށެވެ.
(ޑ) "ކޭސް ކޮންފަރެންސިންގ" ކަމަށް ބުނެފައި އެވަނީ، ކަމާގުޅުންހުރި މުއައްސަސާތައް އެކުވެ ކުއްޖާގެ މައްސަލައިގައި ވަށާޖެހޭ އެހީތެރިކަމެއް ދިނުމަށް ގޮތެއް ނިންމުމަށް ބާއްވާ ބައްދަލުވުމަށެވެ.
(ޒ) މި ޤާނޫނުގެ 116 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ "އަނިޔާކުރުން" ކަމަށް ބުނެފައި އެވަނީ، ޖިސްމާނީ ގޮތުން ނުވަތަ މާއްދީ ގޮތުން ނުވަތަ ކުއްޖާގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ނުވަތަ ހާނިއްކައެއް ދިނުމަށެވެ.
2ވަނަަ ފަންގިފިލާ، އުމަރު ޒާހިރު އޮފީސް އިމާރާތް، ހުޅުމާލެ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

© 2025 އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ
1x